އެއްވެސް މީހަކު އޭނާގެ މައިމީހަށް ރަނގަޅު ގޮތުގައި ކަންކަން ނުކުރާނަމަ، އަދާކުރަންޖެހޭ އިޙްތިރާމް އަދާނުކުރާނަމަ އެމީހަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ފުރިހަމަ ގޮތުގައި އޮތް މީހެއް ނޫނެވެ.
ފުރަތަމަ ސަބަބަކީ މައިންބަފައިން ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް އެމީހުންނަށް ހެޔޮކޮށްހިތުމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަމެވެ. ދެވަނަ ސަބަބަކީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ހެޔޮކޮށް ހިތަން އޮތް އެއްވަނަ، ދެވަނަ އަދި ތިންވަނަ މީހަކީވެސް މައިމީހާކަން ޙަދީޘްފުޅުން އެނގެން އޮތުމެވެ.
ތިންވަނަ ސަބަބަކީ ޚިޔާލުތަފާތުވިޔަސް، އަދި މައިމީހާއަކީ އެހެން ދީނެއްގެ މީހަކު ކަމުގައިވީނަމަވެސް މައިމީހާއަށް އިޙްތިރާމްކޮށް ހެޔޮކޮށް ހިތަންޖެހޭ ކަމެވެ. ﷲ ތަޢާލާގެ އަމުރުފުޅަކާއި ޚިލާފަށް މައިމިހާ އަމުރެއް ކޮށްފިނަމަ އެމަރުފުޅަކަށް ކިޔަމަންތެރިވުމެއް ނެތެވެ. އެޙާލަތުގައިވެސް މުޢާމަލާތުކުރަން އޮތީ އޯގާތެރިކަމާއިއެކުގައެވެ.
މައިންނަށް ހެޔޮކޮށްހިތައި ރަނގަޅަށް ކަންކަންކޮށްދިނުމަށް ބާރުއަޅައި ހަނދާންކޮށްދޭން އެކަމުން މައިމީހާއަށް ފައިދާތަކެއް ހޯދައިދިނުމުގެ ބޭނުމަށްވުރެ ބޮޑަށް އެކަމުން ލިބެން އޮތް ޘަވާބު ބޮޑުވީމާ އެކަމުގެ ފައިދާ ދަރިންނަށް ހޯދައިދިނުމަށެވެ. މައިންނަށް ހެޔޮކޮށް ހިތުމަކީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދެން އޮތް އެންމެ ފަސޭހަމަގުކަމުގައިވާތީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން