މީހަކު ތިބާއަށް ކަމެއްކޮށްދިނަސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ޝުކުރުވެރިވާ މީހުންނަށް ލިބޭ ފައިދާ މާބޮޑުވާނެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
މީހަކު ތިބާއަށް ކަމެއްކޮށްދިނަސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ޝުކުރުވެރިވާ މީހުންނަށް ލިބޭ ފައިދާ މާބޮޑުވާނެ!: ޝައިޚް އަބޫބަކުރު ޒައުދު

ތިމާއަށް މީހަކު ކަމެއްކޮށްދީފިނަމަ އެކަން އެގޮތަށް މެދުވެރިވި ސަބަބަށް ވިސްނައިލެވޭ މީހުން ވަރަށް މަދުވެއްޖެއެވެ. އެކަމަށް ވިސްނައިނުލެވޭތީ މީސްތަކުން މިދަނީ ހަލާކުގެ ތެރެއަށް ވެއްޓެމުންނެވެ. ގެއްލެނިވަމުންނެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ.

މިއަދު މީހެއްގެ ގާތު ޙާލު ކިހިނެއްތޯ ސުވާކުރުމުން ޖަވާބުގައި "އަލްޙަމްދުލިﷲ" އެވެ ބުނާ މީހުން ބުނަނީވެސް ވަރަށް ބޮޑަށް ކަންނެތްވެ ހުރެއެވެ. ދުލުގައި ވާގިވެސް ނުހުންނަހައި ވަރުބަލިކަމާއި ފޫހިކަމާއިއެކުގައެވެ.

އެހެން އެވަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ހަމަ އެންމެ ސަބަބަކާއިހުރެއެވެ. ﷲ ތަޢާލާއަށް ޝުކުރުވެރި ނުވެވޭތީއެވެ؟ ދެއްވަވާފައިވާ ނިޢްމަތްތަކަށް ވިސްނައިވެސް ނުލެވޭތީއެވެ. ބޭނުންވާ އިތުރު ކަންކަން ގިނަވުމުގެ ސަބަބުންނެވެ.

މީސްތަކުންނޭވެ! ﷲ އަށް ޝުކުރުވެރިވުމަކީ އީމާންކަމުގެ އެންމެ މަތިވެރިދަރަޖައެވެ. އެހެނީ ﷲ ތަޢާލާއަށް ޝުކުރުވެރިވާ މީހާ އަޅުކަންކުރުން ގިނަކުރާނެއެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމާއި ދުރުހެލިވާނެއެވެ.

ޙަޤީޤަތަކީ މިއީކަމުގައިވުމުން ޝައިޠޯނާގެ އެންމެ ބޮޑު މަސައްކަތަކަށްވެފައި އޮންނަނީ މީސްތަކުން ﷲ ތަޢާލާއަށް ޝުކުރުވެރިވުމާއި ދުރުކުރުވުމެވެ. ﷲ ދެއްވަވާ ނިޢްމަތްތަކަކީ އަމިއްލަ މަސައްކަތުން ލިބިގަންނަ ކަންކަންކަމަށް ވިސްނައިދީގެންނެވެއެކަމުގެ އެންމެ ބޮޑު ހެއްކަކީ މީހަކު މެދުވެރިކުރައްވަވައި ﷲ ތަޢާލާ ކިތަންމެ ބޮޑު އެހީތެރިކަމެއް ފޯރުކުރައްވަވައި ދެއްވެވި ނަމަވެސް ﷲ ތަޢާލާއަށް ޝުކުރުވެރިނުވެވޭކަމެވެ. އެމީހަކަށް ޝުކުރުވެރިވެ އެމީހާއަށް އަޅުވެތިވެވޭކަމެވެ. ﷲ ތައާލާއަށް ޝުކުރުވެރިވެ ސަޖިދަކުރުމުގެ ބަދަލުގައި އެމީހަކަށް ސަޖިދަޖަހާ ޙާލަތަށް ކަންކަންދާކަމެވެ
މީސްތަކުންނޭވެ! ޙައްޤުމަގުގައި ސާބިތުވާން އެދޭމީހާ، ތަޤްވާވެރިކަން އިތުރުކުރަން އެދޭމީހާ، އާޚިރަތުގެ ސަލާމަތްކަމަށް އެދޭމީހާ، އަދި ދުނިޔޭގައިވެސް އުފަލާއި ތަނަވަސްރަޙްމަތަށް އެދޭމީހާ ﷲ ތަޢާލާއަށް ޝުކުރުވެރިވުން ގިނަކުރާށެވެ. އެކަމަށް ކަންނެތް ނުވެ ފަރުވާތެރިވާށެވެ!


އަބަދުވެސް ޔަޤީންކުރަންވީ ކޮންމ ނިޢުމަތެއްވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާ ކަމެވެ. މީހަކުމެދުވެރިކުރައްވަވައިގެންނަމަވެސް އަދި އެނޫންގޮތަކުންނަވެސް އެކަމަށް މަގުފަހިކޮށްދެއްވަވަނީ ﷲ ތަޢާލާ ކަމެވެ. އެއީ އެއްވެސް ޝަކެއް ނެތި ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންޖެހޭނެ ކަންކަމެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން


 

މިއަދު އޮންލައިން