އޮޕަރޭޝަން ކުރަނގީގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 26ސ
އޮޕަރޭޝަން ކުރަނގީގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފި

"އޮޕަރޭޝަން ކުރަނގީ"ގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ގްރޭޓަރ މާލެ ސަރަހައްދުގައި ފަށައިފިއެވެ.

މި ހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނު 09:15ގައެވެ.

މިއޮޕަރޭޝަންގައި މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވާއިރު މިއަދުގެ މި ހަރަކާތް ނިންމާލުމަށް ހަމަޖެހިފައިވަނީ 18:00ގައެވެ. މިޙަރަކާތުގައި އެޑިޔުކޭޝަން ސެކްޓަރއަށް ނިސްބަތްވާ މައިގްރެންޓް ވޯކަރސްގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެއެވެ.

މިއިވެންޓްގައި، މިނިސްޓްރީގެ އޮފިޝަލުން މާލޭގެ އިތުރުން، ތިލަފުއްޓާއި ގުޅީފަޅުގައި ޙަރަކާތްތެރިވުމަށް ނިންމާފަވާއިރު މި ހަރަކާތުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން ސްކްރީންކުރުމުގެ މަސައްކަތް އެންޓިޓިޕް އޮފީހުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް 18ހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފަވާއިރު ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ފަންނިއްޔާތާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މަރުހަލާތަކަކަށް ބަހާލައިގެން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ފިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންދަނީ މަސައްކަތްކުރަމުންނެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން