ރޭގެ ފަތިސްނަމާދުވަޤުތުޖެހިގެން މާފަންނު ބޮޑުގޭ ވަޤުތީ މިސްކިތަށް މީހުން ނަމާދަށްދިއުމުން ފެނުނީ ކަނެއްގައި ހުރި ރަބަރުކޮތަޅުތަކެކެވެ. ބަލައިލިއިރު ޑްރަގް ބޭނުންކޮށްފައި ކޮތަޅުތައްވެސް ނުގެންގޮސް ބަހައްޓާފައި ހުރީއެވެ.
ނަމާދުނިމިގެން ފުލުހުންނަށް ގުޅުމުން އައީ ވަރަށް ޒުވާން 2 ފުލުހުންނެވެ. ބުނީ އެމީހުން ޑިޔުޓީކުރާ ސަރަޙައްދުތަކުގައި ހުންނަ މިސްކިތްތައް ބަލަހައްޓަން މަސައްކަތްކުރާ ކަމަށެވެ. އަދި އެމިސްކިތުގައި ނިދަން ތިބި 2 މީހަކު ރޭގައިވެސް ހޭލައްވައި ފޮނުވާލި ކަމަށެވެ.
ވީމާ އެނގެމުން މިދަނީ މިސްކިތްތައް ބަލަހައްޓަން ސެކިޔުރިޓީން ބައިތިއްބަން ޖެހިފައިވާ ކަމެވެ. ދޭތެރެއަކުން ވަދެ ބަލާލައިގެން ފުދެން ނެތް ކަމެވެ. ފުލުހުންގެ ފަރާތުންވެސް ސެކިޔުރިޓީ ޚިދުމަތް ލިބެއެވެ. އައިޖީއެމްއެޗް، ބީއެމްއެލް ފަދަ ތަންތަނަށް ޚިދުމަތްދެއެވެ. ވީމާ އެކަން އެކުރާ އުޞޫލަކުން ނަމަވެސް މިސްކިތްތަކުގެ ސެކިޔުރިޓީ ބަލަހައްޓަން މިވަނީ ޖެހިފައެވެ.
މިސްކިތްތަކަކީ ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކެވެ. އެތަންތަނަށްވުރެ ބަލަހައްޓަން ޖެހޭނެ ތަނެއް ނުހުންނާނެއެވެ. އަދި މިސްކިތްތައް ބެލެހެއްޓުމަކީ އެންމެންގެ މައްޗަށްވެސް އޮތް ވާޖިބެކެވެ.
މިސްކިތްތަކުގެ ސެކިޔުރިޓީ ބަލަހައްޓަން އަމިއްލައަށް ވޮލަންޓިއަރ ކުރާނެ މީހުން އެބަތިބިކަންވެސް ފާހަގަކުރެވެއެވެ. އެފަދަ ބައެއް މީހުން ބުނަނީ މިސްކިތްތަކުގެ ޙުރުމަތް ކަނޑާ މީހުންގެ ގައިގައި ފިރުމައި އާދޭސްކުރާ އުޞޫލުން އެކަން ނުކުރެވޭނެ ކަމަށެވެ.
"ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޒަމާނުގައި މިސްކިތަށް ކުޑަކަމުދިއަ މީހާއަށް އޯގާތެރިކޮށް ކަންތައް ކުރެއްވެވީ މިސްކިތުގެ ޙުރުމަތް އޭނާއަށް ނުއެނގިހުރެ އެކަންކުރެވުނީތީ ކަމަށް ޤަބޫލުކުރެވެނީ. މިހާރުގެ ޙާލަތު ތަފާތު! އެނގިތިބެ ޤަޞްދުގައި މިސްކިތްތަކުގެ ޙުރުމަތް ކަނޑަމުން އެނގެންދަނީ. ދުވަހެއް ދުވަހަކަށް އެކަން ބޮޑުވަމުން މިދަނީ!" ބައެއް މީހުން ބުނެފައިވެއެވެ.