އެމީހެއްގެ ފެންވަރުން އެހެން މީހުންނަށް އެހީތެރިނުވާ މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ ކަމަށް އުންމީދުކުރުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
އެމީހެއްގެ ފެންވަރުން އެހެން މީހުންނަށް އެހީތެރިނުވާ މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ ކަމަށް އުންމީދުކުރުމެއް ނެތް!

ތަނަވަސްކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. ތަނަވަސްކަން ދެއްވަވާފައި ﷲ ތަޢާލާ އަންގަވަނީ އެއިން މިންވަރެއް ދަތިޙާލުގައިވާ މީހުންނަށް ހޭދަކުރުމަށެވެ. އެކަމަކު ނަތީޖާ އެނގޭހެއްޔެވެ؟ ތަނަވަސްކަން ލިބިގެން ތިބޭ ގިނަ މީހުން ބައްދަލުކުރަން އެންމެ ބޭނުންނުވަނީ ނިކަމެތިންނާއިއެވެ. އަޑުއަހަން އެންމެ ބޭނުންނުވާ އަޑަކީ ނިކަމެތިންގެ އަޑެވެ.

ދުނިޔެއަށް ދަހިވެތިކަން ބޮޑުވީވަރުންގޮސް މީހަކު ކަމަކު އެދިގެން އަތުވެއްޖެނަމަ އެމީހަކާއި ބައްދަލުކޮށްލަން ބޭނުންނުވާ މީހުންވެސް ދަނީ ގިނަވަމުންނެވެ. އެއީ ތިމާއަށް ފުއްދައިދެވިދާނެ ކަމެއްކަން ނުވަތަ އެހީތެރިވެދެވިދާނެކަމެއްކަން ބަލައިލަންވެސް ގިނަ ބައަކު ބޭނުމެއް ނުވެއެވެ.

ގޭގައި ނުވަތަ އިފީހުގައި އުޅުނަސް ނުއުޅޭކަމަށް ބުނެ ފޮނުވައިލުން ޢާންމު ކަމަކަށް ވެއްޖެއެވެ. އެހެންކަމުން އެފަދައިން ޢަމަލުކު7ރާ މީހުންނަށް އެކުވެރިވެނީ ކިހައިވަރެއްގެ ކަމެއްކަމާއިމެދު ވިސްނާލަން އެބަޖެހެއެވެ.

ﷲ ތައާލާ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުންގެތެރޭގައި ވެވުމަށްވުރެ މަތިވެރި ނިޢްމަތެއް އެއްވެސް މީހަކަށް ނުލިބޭނެއިރު ﷲ ތަޢާލާ ވަނީ އެކަން ކުރެވޭނެ ވަރަށް ފަސޭހަމަގު ދައްކަވައިފައެވެ. އެހެންކަމާއިއެކުވެސް އެކަން އެނގެނީވެސް ވަރަށް މަދު މީހަކަށެވެ. އެ މަތިވެރި ނިޢްމަތް ބޭނުންވެގެން ހޯދަން މަސައްކަތްކުރަނީވެސް އެހައިމެ މަދު މީހެކެވެ.

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދޭނީ އަޅުކަން ކުރުމުން އެކަނި ކަމަށެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އަޅުކަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންކަމާއިއެކުވެސް އަންނަނިވި ހަދީޘަށް ވިސްނާށެވެ.

ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެ ވޮޑިގަންނަވާ އަޅުތަކުންގެ ސިފަ އާއިމެދު ޞަހާބީއަކު ސުވާލުކުރެއްވެވުމުން ޖަވާބުގައި ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވީ އެއީ މީސްތަކުންގެ ތެރެއިން އެމީހެއްގެ ސަބަބުން އެހެން މީހުންނަށް އެންމެ ފައިދާކުރާ މީހާ ކަމަށެވެ.

މާނައަކީ އެހެން މީހުންނަށް ފައިދާ ހުރި ކަންކަން ކުރުމަށް ސަމާލުކަންދީ މީސްތަކުންނަށް ހެޔޮ ގޮތްތައް ހޯދައިދޭން މަސައްކަތްކުރުމެވެ. އެމީހަކަށްވާން އޮތްވަރަކުން މީސްތަކުންނަށް އެހީތެރިވުމެވެ. އެހެން މީހުންނަށް ކަންކަން ފަހިކޮށްދޭން މަސައްކަތްކުރުމެވެ.

މީގެ މާނައަކީ ހަމައެކަނި އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރުމުން އެންމެ ގިނަ ފައިސާ ބަހާ މީހާގެ ވާހަކައެއް ނޫނެވެ. އަތުގައި އެންމެ ފައިސާ ފޮތްޗެއް ނެތިވެސް މީސްތަކުންނަށް އެހީތެރިވެދެވިދާނެއެވެ. ކަމެއް ނުކުރެވިގެން އުޅޭ މީހަކު ފެނުމުން އެމީހަކު އެކަމެއް ކުރަން އެހީތެރިވެދިނުމަކީވެސް އެހެން މީހުންނަށް އެހީތެރިވެދިނުމެވެ. ބަލިހާލު ހުރި ގޮތުން ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ނަމަވެސް މަގު ހުރަސް ނުކުރެވިގެން އުޅޭ މީހަކަށް އެކަމުގައި އެހީތެރިވުމަކީވެސް މީސްތަކުންނަށް އެހީތެރިވެދިނުމެވެ. ޖުމުލަ ގޮތެއަގައި ބުނާނަމަ ހެޔޮ ގޮތުގައި، ހެޔޮ ނިޔަތުގައި މީހަކަށް ކިތަން ކުޑަ ކަމެއްވެސް ކޮށްދީފި ނަމަ އެއީ މީސްތަކުންނަށް އެހީތެރިވުމެވެ.

ތިބާގެ ގޭގައި މަދިރި އުފެދޭ ފެންގަނޑެއް އޮވެދާނެއެވެ. އެފެންގަނޑޫ ނައްތައިލުމުން ނުވަތަ ފެންގަނޑުން މަދިރި ފަނި މެރުމުން އަވަށްޓެރިންނަށްވެސް އެކަމުގެ ފައިދާ ކުރާނެއެވެ. އެހެންކަމުން އެއީ ވެސް މީސަތަކުންނަށް އެހީތެރިވުމެވެ. ޖުމުލަ ގޮތެއްގައި ބުނާނަމަ މީސްތަކުންނަށް އެހީތެރިވެދިނުމަކީ މީސްތަކުންނަށް ފައިދާއެއް ކުރާނެ ކޮންމެ ކަމެއް ކޮށްގެންވެސް ކުރެވިދާނެ ކަމެކެވެ.

މިއަދު ބައެއް މީހުންނަށް ހީވެގެން އުޅެނީ މީސްތަކުންނަށް އެހީތެރިވުމަކީ ވަކި ޖަމާއަތަކުން އަންގާ ވަކިދުވަހަކު ވަކި ޑިޒައިނެއްގެ ޓީޝާޓެއް ލައިގެން ނުކުމެ ކުރެވޭ ކަމެއް ކަމަށެވެ. މިއީ މުޅިން ފޭލްވެފައިވާ ވިސްނުމެކެވެ. މީގެ 1400 އަހަރު ކުރިން ރަސޫލް (ޞޢވ) ބަޔާން ކުރައްވަވާފައިވާ މި ޙަދީޘްފުޅުން އެކަނިވެސް މީސްތަކުންނަށް އެހީތެރިވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރު އެނގިގެންދެއެވެ.

އެހެންކަމުން އިންސާނިއްޔަތަށް އެހީވުމަށް މުސްލިމުންނަށް ވޮލަންޓަރީ ޑޭ އެއް ނުއަންނާނެ އެވެ. ކޮންމެ ދުވަހަކީވެސް ކޮންމެ ވަގުތަކީވެސް އެހީތެރިވުމުގެ ދުވަހެވެ. އެހީތެރިވުމުގެ ވަގުތެވެ.

--އިސްލާމީ ތިަލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން