ދިވެހިރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާއި ދުރުބައެއް ކަމަށްބުނެ، ހަޖޫޖެހުމަކީ ދަށުދަރައިޖެ އަމަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެކެވެ. އަދި މިއީ ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުންނަ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންވާނެ ސިފައެއް ކަމަށް ވިދާޅުވިއެވެ.
"އެހެންނަމަވެސް ފާޑުކިޔުމުގެ ނަމުގައި ދިވެހިރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާއި ދުރުބައެއް ކަމަށްބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރައިޖެ އަމަލެއް،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ މި ބަސްފުޅުތައް އަމާޒުވެފައިވަނީ ރާއްޖޭގެ ސިޔާސީ ފަރާތަކުން މީޑިއާއެއްގައި ވާހަކަދައްކަވަމުން މަގުމަތިން ވެރިކަން ވައްޓާލަން ރައްޔިތުން ނިކުންނާނެ ކަމަށް ދޭހަވާ ގޮތަށް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މި ޕޯސްޓުން ދޭހަވާ ގޮތުގައި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ދެކެވަޑައިގަންނަވަނީ ބިނާކުރަނިވި ފާޑުކިޔުމަކީ މުހިންމު ކަމެއްގެ ގޮތުގައެވެ. ނަމަވެސް ރައްޔިތުންނަށް ހަޖޫޖަހައި، އެމީހުންނަކީ ނާތަހުޒީބު ބައެއްކަމަށް ދެއްކުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ ޑިމޮކްރެސީގެ އަސާސްތަކާ ޚިލާފު ކަންކަން ކަމަށް ނައިބު ރައީސް ދެކެވަޑައިގަންނަވާކަން އެނގެއެވެ.