ބޭރު ފައިސާގެ އައު ޤާނޫނުގެ ދަށުން ބޭންކުތަކަށް މަދުވެގެން 40 މިލިޔަން ޑޮލަރު ރިޒޯޓުތަކުން މާރުކުރާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ބޭރު ފައިސާއާ ގުޅޭ މުޢާމަލާތްތަކަށް ޤާނޫނީ އޮން ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.
އެމްއެމްއޭއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ޤާނޫނުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަންޖެހެއެވެ. މިހާތަނަށް 138 ރިސޯޓުގެ ސޭލްސް ރިޕޯޓް އެމްއެމްއޭއަށް ލިބިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އަހަރަކު 15 މިލިޔަން ޑޮލަރަށްވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކުން 20% މާރުކުރަންޖެހޭ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
މި އައު ޤާނޫނުގެ ސަބަބުން ސަރުކާރު ކުންފުނިތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބުމާއި، ފުރާ މީހުންނަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރުން ފަދަ ފައިދާތަކެއް ލިބޭނެ ކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
މި އައު ޤާނޫނަކީ ރާއްޖޭގެ އިޤްތިޞާދަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމެއް ކަމަށް އެމްއެމްއޭއިން ދެކޭ ކަމަށާއި، މީގެ ސަބަބުން ބޭރު ފައިސާގެ ދަތިކަން ޙައްލުވެ، އިޤްތިޞާދީ ދުވެލި އިތުރުވާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.