ކުރިއަށްއޮތް ދުވަސްތަކުގައި ދިވެހިރާއްޖެ ޑިޖިޓަލް ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް ދުނިޔޭގައި ފާހަގަކޮށްލެވޭ ޤައުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ހައްދަވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ރިޕަބްލިކް އޮފް އެސްޓޯނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް އެ ޤައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު ވިދާޅުވީ މި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ޑިޖިޓަލް ވެއްޓަކަށް އެސްޓޯނިއާ އިން ކުރި ދަތުރަކީ ތައުރީފް ޙައްޤު އަދި އަޅުގަޑުމެން ނަމޫނާއަކަށް ބަލަންޖެހޭ ކަމެއް ކަމަށެވެ.
"އެއަށްވުރެވެސް ރަނގަޅު ނިޒާމެއް ރާއްޖޭގައި ޤާއިމް ކުރުމަކީ މުހިންމު ކަމެއް. ޑިޖިޓަލް ގަވާނަންސް، އީ-ސާވިސް، ސައިބަރ ސެކިއުރިޓީގެ ފިޔަވަޅުތައް އިތުރު ކުރުމާއި ޑިޖިޓަލް ކެޕޭސިޓީ ހަރުދަނާ ކުރުމަކީ ކުރަންޖޭހޭ ކަމެއް." ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު
ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަކީ ޑރ. މުޢިއްޒުގެ ސަރުކާރުން އެންމެ ޚާއްސަ އިސްކަމެއް ދެއްވާ ކަންތައް ކަމަށާއި ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި އެއްވެސް ރައީސަކު ޓެކްނޮލީ ދާއިރާ ކުރިއެރުވުމަށް މިހާގިނަ މަސައްކަތްފުޅުތަކެއް ކުރައްވާފައިނުވާކަން ޑރ. ކިނާނަތު ފާހަގަކުރެއްވިއެވެ.
އަދި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ އުންމީދުން ފުރިފައިކަން ފާހަގަކުރައްވާ ޑރ. ކިނާނަތު ވަނީ އަޅުގަނޑުމެން މިތިބީ ރައީސްގެ "ޑިޖިޓަލް ރާއްޖެ" މިތަސައްވަރު ފުރިހަމައަށް ތަންފީޒުކުރަން ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ޒައާމަތުގައި ކުރިއަށްއޮތް ދުވަސްތަކުގައި ދިވެހިރާއްޖެ ޑިޖިޓަލް ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް ދުނިޔޭގައި ފާހަގަކޮށްލެވޭ ޤައުމަކަށް ހަދާނަން." ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު
އެސްޓޯނިއާއަށް ރައީސް ކުރެއްވި މި ދަތުުރުފުޅުގައި ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއާ އެސްޓޯނިއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިވެސް ކޮށްފައެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާންއެވެ. އެސްޓޯނިޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލީސާ-ލީ ޕަކޯސްޓާއެވެ.
މި އެއްބަސްވުމަކީ އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ޓެކްނޮލޮޖީސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެކެވެ.
ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ، ރައީސް އިސްކަންދެއްވާ ކަމެކެވެ. ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކުރައްވައި، 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 30 އިންސައްތަ ހިއްސާކުރަނީ، ޑިޖިޓަލް އިޤްތިޞާދަކުން ކަމަށް ހެދުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެކެވެ.
މިއީ 2040 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރުގެ މުހިންމު ބަހާއެކެވެ. ސަރުކާރުން މި ވަގުތު ދަނީ، ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕް ސްޓްރެޓަޖީ އެކުލަވާލުމުގެ މަސައްކަތްކުރައްވަމުންނެވެ.
އަދި ޔުނެސްކޯގެ އޭ.އައި ރެޑިނަސް ޓޫލްސް ބޭނުންކޮށްގެން، އޭ.އައި ރެޑިނަސް އެސެސްމަންޓެއް ހަދައި، ޤައުމީ އޭ.އައި. މާސްޓަރޕްލޭނެއް އެކުލަވާމުގެ މަސައްކަތްވެސް، ސަރުކާރުން ދަނީ ކުރައްވަމުންނެވެ.
ހަބަރު: ސަރުކާރު