ހިނިތުންވާށެވެ! ހިނިތުންވުމަކީވެސް ޞަދަޤާތެކެވެ. ނަމަވެސް ގިނައިން ހުނުމާއި ބާރަށް ހުނުމަކީ ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ހުނުމަކީ ކުރުން މަދުކުރަންޖެހޭ ކަމެކެވެ.
މީހަކު ގިނައިން އަދި ބާރަށް ހޭނަމަ އެމީހަކު ލައްވާ އެކަން ކުރުވަން ގިނަ ބައަކު މަސައްކަތްކުރެއެވެ. އެކުރުވެނީ ކިހައިވަރެއްގެ ނުބައިކަމްބޮޑު ކަމެއްކަމާއި އެކުވެރިޔށާއަށް މިދެވެނީ ކިހާބޮޑު އަނިޔާއެއްކަމާއިމެދު ވިސްނައިވެސް ނުލައެވެ.
މިކަމުގައި އެންމެ ބޮޑަށް އިސްނަގައި އެކަންކުރުވަނީ އަންހެނުންކަން ފާހަގަކުރެވެއެވެ. އަންހެނުންގެ ގިނަ ބައްދަލުވުންތަކުގައި ގިނަ ވަގުތު ހޭދަކުރާނީ ކޮންމެވެސް ގޮތަކުން ކޮންމެވެސް އެއް އަންހެނަކު ލައްވައި ހުނުވަންކަން ފާހަގަކުރެވެއެވެ.
އެއީ ކަނޑައެޅިގެން އިބިލީހުގެ ފަރާތުން އަންނަކަމެކެވެ. އެއްސަބަބަކީ މަޑުން ތިބެ ﷲ ތަޢާލާގެމަތިން ހަނދުމަކުރުމުން އެ ބައްދަލުވުމުގައި ބަރަކާތް ލައްވަވާނެތީ އެކަމަށް ހުރަސް އެޅުމެވެ. ރަޙްމަތުގެ މަލާއިކަތުން ގާތްވިއަ ނުދިނުމެވެ. އެއިރުން ބައްދަލުވުމުގެ ބައިވެރިންނަށް ވަސްވާސްދީ މަގުފުރައްދަން ފަސޭހަވެގެންދާނެތީއެވެ.
ސަމާލުކަންދޭށެވެ!
އެހެން މީހުން ހެއްވަން ހޭނަމަ އެމީހާގެ ދަރަޖަ ތިރިވެގެން ހިނގައިދާނެއެވެ. އަދި ކީއްހެއްޔެވެ؟ ހެއްވި މީހުން ވެސް ފަހުން ކުރާނީ މަލާމާތާއި ފުރައްސާރައެވެ. މޮޔައަކަށް ހައްދުވައިލެވުނީތީ އަތްތިލަބަޑިވެސް ޖަހާނެއެވެ!
ޙަދީޘްފުޅުގައި އޮތީ "ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަންކަން ތިއަބައިމީހުންނަށް އެނގޭނަމަ ހުނުން މަދުކުރާނެ" ކަމަށެވެ. "ކަރުނައެޅުން ގިނަކުރާނެ" ކަމަށެވެ!
ދިރިއުޅުމުގައި މިބާވަތުގެ ކަންކަމަށް ސަމާލުކަންދޭށެވެ! ގުނބޯލަށްނުވާށެވެ! ﷲ ގެ ލޯބިވެވޮޑިގަތުން ނުލިބޭނެ ހަމަ އެއްވެސް ކަމެއް ނުކުރާށެވެ! --އިސްލާމީ ތިލަފަތުގެ ދަރުސަކުން