ފަރުޟް ރޯދައިގެ އިތުރުން ސުންނަތް ރޯދަހިފުން ގިނަކުރާށެވެ! ރޯދަހިފުމާއި އެއްފަދަ އެހެން އެއްވެސް ޢަމަލެއް ނުވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ފަރުޟް ރޯދައިގެ އިތުރުން ސުންނަތް ރޯދަހިފުން ގިނަކުރާށެވެ! ރޯދަހިފުމާއި އެއްފަދަ އެހެން އެއްވެސް ޢަމަލެއް ނުވެއެވެ!

ދެން ބައްދަލުކުރާނީ އެމަހެއްގައި އެންމެ ގިނައިން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަ ރޯދަ ހިއްޕެވި މައްސަރެވެ. ޝަޢްބާން މަހެވެ. ވީމާ ވީހާ ގިނައިން ރޯދަހިފަން މަސައްކަތްކުރަން މިހާރުންސުރެ ތައްޔާރުވާށެވެ.

އެކުވެރިންނާއި ރަހްމަތްތެރިންގެ ތަފާތު ބުނެދެމުން މީހަކު ބުނެފައިވެއެވެ. "އެކުވެރިއަކު ގެއަށް އައިނަމަވެސް އެހައި ބޮޑަކަށް އުފާވެގެނެއް ނުއުޅޭނެއެވެ. ނަމަވެސް ރަހްމަތްތެރިއަކާއި ބައްދަލުވުން ވަރަށް ބޮޑަށް އުފާވާނެއެވެ. އަދި އޭނާކުރާ ކަންކަމުގައި ބައިވެރިވާންވެސް ބޭނުންވާނެއެވެ.

މިއީ އޭނާގެ ވިސްނުމެވެ. އެހެންވެ މިއަދު ފުރަތަމަ މިބަލައިމިލަނީ އޭނާގެ ވިސްނުމުންނެވެ. ދެން ސުވާލުކޮށްލަން ބޭނުންވަނީ ތިބާގެ އެންމެ ގާތް މިތުރުންގެ ތެރޭގައި ރޯދަހިފުން ހިމެނޭ ހެއްޔެވެ؟ ހޯމަ، ބުރާސްފައްޗަށް އިންތިޒާރުކުރެވޭ ހެއްޔެވެ. ހަނދުމަހުގެ 13،14،15 އަށް އިންތިޒާރުކުރެވޭހެއްޔެވެ؟ އެދުވަސްތަކާއި ބައްދަލުވުމުން އުފާވެރިކަން ލިބޭ ހެއްޔެވެ؟

ޞަޙާބީބޭކަލަކު ކުރައްވަވާނެ އެންމެ ހެޔޮކަންބޮޑު ޢަމަލަކާއިބެހޭގޮތުން ރަސޫލް (ﷺ) އަށް ސުވާލު ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ރޯދަހިފާށެވެ! އެއާއިއެއްފަދަ އެހެން އެއްވެސް ޢަމަލެއް ނުވެއެވެ."

މިޙަދީޘްފުޅުގައި ރޯދަ ހިފުމާއި އެއްވަރުގެ އެހެން އެއްވެސް ޢމަލެއް ނުވާކަމަށް ހަދީޘްފުޅުކުރައްވަވާފައި އޮތުމުގެ މާނައަށް ފުންކޮށް ވިސްނައިލާށެވެ!

ފުރަތަމަ ކަމަކީ ރޯދަހިފުމަކީ އިންސާނާއަށް އެންމެ ބުރަ، އެންމެ ގިނަ ތަކްލީފްތައް އުފުލަންޖެހޭ އަދި އެންމެ ގިން ވަގުތު ހޭދަކުރަންޖެހޭ އަދި އެއަޅުކަމެއް ފުރިހަމަކުރަން އިތުރަށް އެންމެ ގިނަ މަސައްކަތްކުރަންޖެހޭ އަޅުކަމެވެ.

ރޯދަ ހިފުމުގެ ސަބަބުން ލިބޭ އެއް ފައިދާއަކީ ޞިއްޙަތަށް ލިބޭ ފައިދާއެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް ބިރުވެތިވުމާއި ތަޤްވާވެރިކަން އިތުރުވެގެންދެއެވެ. ފާފަކުރުމުން ދުރުހެލިވެ ހުރުމަށް ބާރުލިބޭތީއެވެ. ހެޔޮ ޢަމަލުތައް ގިނަކުރަން މަސައްކަތްކުރެވޭތީއެވެ. ކެތްތެރިވުމަށް ހިތްވަރުލިބި ތަމްރީނުވާތީއެވެ.

ރޯދަހިފުމުގެ އެންމެ މަތވެރިކަމަކީ އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަޤުބޫލު އަޅުކަން ކަމުގައިވުމެވެ. އިމެއް ނެތި އެންމެ ގިނަ ޘަވާބު ދެއްވަވާ އަޅުކަންކަމުގައިވާތީއެވެ. އެއަޅުކަމަކަށް ސީދާ ﷲ ތަޢާލާ (މަލާއިކަތުންނަށްވެސް ނުއަންގަވައި) ޘަވާބުދެއްވަވާ އަޅުކަންކަމުގައިވާތީއެވެ. ހިފާ ކޮންމެ ރޯދައަކަށް އެމީހަކާއި 70 އަހަރުގެ ރާސްތާއަށް ނަރަކަ ދުރުކުރައްވަވައި ދެއއްވަވާތީއެވެ.

 

ރޯދަހިފުމާއި އެއްފަދަ އެހެން އެއްވެސް ޢަމަލެއް ނުވާކަމަށް ޙަދީޘްފުޅުކުރައްވަވާފައި އޮތް އޮތުމުގައި މިހުރިހައިކަންކަން ހިމެނިގެންވެއެވެ. ވީމާ ރޯދަހިފުމަކީ ހަމައެކަނި ރަމަޟާންމަހު ކުރާ އަޅުކަމަކަށްނުހަދާށެވެ! ވީހައި ގިނައިން ސުންނަތް ރޯދަތައްވެސް ހިފަމުން ގެންދާށެވެ. ވީހައި ގިނަ ޘަވާބަށް އެދޭމީހާ ކުރަން އެއަށްވުރެ މަތިވެރި އަޅުކަމެއް ނުވެއެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން