ދީނުގައި މައިންބަފައިންނާއި ދަރީންގެ ޙައްޤުތައް ތަފާތު! 2 ފަރާތުންކުރެ ފަރާތަކަށް އިހްމާލެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދީނުގައި މައިންބަފައިންނާއި ދަރީންގެ ޙައްޤުތައް ތަފާތު! 2 ފަރާތުންކުރެ ފަރާތަކަށް އިހްމާލެއް ނުވެވޭނެ!

ގިނަ ބައަކަށް ސުވާލުކުރެވެއެވެ. މައިންބަފައިންނާއި ދަރީންކުރެ ޙައްޤު ބޮޑީ ކޮންފަރާތެއްތޯ؟ ނުވަތަ އިސްކަންދޭންޖެހޭނީ މައިންބަފައިންނަށްތޯ؟ ނުވަތަ ދަރިންނަށްތޯ؟

މިއިން އެއްވެސް ސުވާލަކީ ޙަޤީޤަތުގައި އެއްވެސް ބުރަދަނެއް ހުރި ސުވާލެއް ނޫނެވެ! މިޘާލަކަށް ކޮންމެ ދުވަހަކު ކުރަން 5 ނަމާދު ފަރުޟުކުރައްވަވާފައި އޮއްވައި އެތަނުން އިސްކަންޑޭންޖެހޭނީ ކޮން ނަމާދަކަށްކަމާއިމެދު ސުވާލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ޖެހޭނީ 5 ނަމާދުވެސް ކުރަން ނޫން ހެއްޔެވެ؟

ހަމަ އެގޮތަށް މައިންބަފައިންގެ ޙައްޤުތައްވެސް އަދާކުރަންޖެހެއެވެ. ދަރީންގެ ޙައްޤުތައްވެސް އަދާކުރަންޖެހެއެވެ. އަދި މިއީ މުޅިން ތަފާތު 2 ޙައްޤެކެވެ. އޮތީ 2 ޙައްޤުވެސް އަދާކުރުމެވެ. 2 ޙައްޤުންކުރެ އެއްވެސް ޙައްޤަކަށް އިހްމާލުވެއްޖެނަމަ ފާފަވެރިވާނެއެވެ.

ގިނަ ފަހަރަށް މިފަދަ ސުވާލުތައް ކުރިމަތިކުރުވަނީ މައިންބަފައިންނަށް ޚަރަދުކުރާތީއެވެ. ދަރިންނަށް ޚަރަދުކުރުމުގައި އިހްމާލްވާތީއެވެ. ވީމާ ލިބޭ މިންވަރުން މައިންބަފައިންނަށްވެސް އަދި ދަރިންނަށްވެސް ޚަރަދުކުރާށެވެ. އެކަމުގައި އިންޞާފުވެރިވާށެވެ!

މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރިޔަސް ފާފަވެރިވާނެއެވެ. އަދި ދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރިޔަސް ފާފަވެރިވާނެއެވެ. އޮތް ހަމައެކަނި ޙައްލަކީ ލިބޭ މިންވަރުން ޢަދުލުވެރިވުމެވެ.

މައިންބަފައިންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަކީ ދަރީންނަށް ފޯރުކޮށްދޭންޖެހޭ ޙައްޤުތަކަށް އިހްމާލްވާން ދެއްކޭނެ ބަހަނާއެއް ނޫނެވެ. އަދި ދަރިންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަކީ މައިންބަފައިންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދިނުމަށް ދެއްކޭނެ ބަހަނާއެއްވެސް ނޫނެވެ.

އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރިވަރަކުން މަސްއޫލިއްޔަތު އަދާކުރާނަމަ ރިޒުޤް އިތުރުކުރައްވަވާނެތެވެ. ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

އިތުރު ސުވާލެއް:

ސުވާލު: އެހީދޭ ޖަމާޢަތަކަށް މުދަލު ޒަކާތް ހަވާލުކުރުމުން، މުދަލު ޒަކާތް ދެއްކި ކަމުގައި ވާނެތޯ؟ އަދި މުދަލު ޒަކާތް ހަވާލުކުރުން އެންމެ ރަނގަޅުވާނީ ދައުލަތުގެ ކަނޑައަޅާ އިދާރާއަކަށް ދެއްކުންތޯ؟

ޖަވާބު: ރަނގަޅުވާނެ. ކޮންމެހެން ދައުލަތެއްގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރާކަށް ނުޖެހޭ.

--ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން