ބައެއް މީހުން އެކި ބޭނުންތަކަށް ގުޅިގެން އުޅޭ ކާފިރުންގެ ޢަމަލުތަކަށް ސަމާލުކަންދެވޭވަރު ވަރަށް ކުޑައެވެ. އަދި އެމީހުން ކުރާ ފާފަތަކަކީ މާބޮޑު މައްސަލައެއް ނޫން ކަމަށްވެސް ދެކެއެވެ. އާނއެކެވެ! އެހެން މީހަކު ކުރާ ފާފައެއްގެ ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ. ޒިންމާ އުފުލަންޖެހޭނީ ފާފަކުރި މީހަކަށެވެ. ވިސްނަންވީ އެފަދަ މީހުންނާއިއެކު އުޅުމުން ތިމާއަށްވެސް އެކަންކަން ވާރުތަކޮށްފާނެ ކަމަށެވެ.
ޢަލީގެފާނުގެ މިބަސްފުޅަށް ވިސްނައިލާށެވެ!
"ފާފަ ވެރިންނާއިއެކުގައި ނުވާށެވެ! ފާފަވެރިންގެ ޢަމަލުތައް ދިފާޢުކޮށްދީ އެއީ ރަނގަޅު ކަންކަން ކަމަށް ދައްކުވަން މަސައްކަތް ނުކުރާށެވެ! އޭނާ ބޭނުންވާނީ އޭނާ ފަދަ މީހަކަށް ތިބާވެސްވުމަށެވެ! އެކަމަށް ތިބާ ލެންބުވުމަށްޓަކައި އޭނާ ކުރާ ނުބައި އަމަލުތަކަކީ ރިވެތި، ރަނގަޅު ކަންކަންކަމުގައި ތިބާއަށް ދައްކުވަން މަސައްކަތްކުރާނެއެވެ!"
ކާފިރުންނާއި ގުޅި އެމީހުންނަކީ އެންމެ ގާތް މީހުންގެ ގޮތުގައި ބަލައިގެން އުޅެވޭނަމަ އެތަން ފެންނަ މީހުންނަށް ވިސްނޭ ވިސްނުން ތަފާތުވާނެއެވެ. އެމީހުން (ކާފިރުން) އުޅެނީ ރަނގަޅަށް ކަމަށްވެސް ވިސްނޭނެއެވެ. ވީމާ ކާފިރުންނާއި ގުޅުންބާއްވަންވާނީ މިފަދަ ހުރިހާ ކަންކަމަކަށްވެސް ވިސްނައިގެންނެވެ. އެކަމުގެ ސަބަބުން ދީނަށް އެއްވެސް އުނިކަމެއް ނުއަންނާނެކަން ޔަޤީންކުރެވޭނެ ގޮތަށެވެ.
މުސްލިމް މުޖުތަމާއުތަކަށްވެސް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ގުޅުން ބަދަހިކުރުމުގެ ނަމުގައި ކާފިރުން ކުރާ ނުބައި ޢަމަލުތައް ރީތިކަމަށް ހަދައި ތަރުޙީބުދިނުމެވެ. ޤިޔާމަތް ދުވަހަކު ބައިނަލްއަޤްވާމީގެ އެއްވެސް އަގެއް ނެތެވެ. ބައިނަލްއަޤްވާމީން ކުރާނެ ފައިދާއެއްވެސް ނެތެވެ.
ފައިދާކުރާނީ ޤުރްއާނާއި ސުންނަތުންނެވެ. ޤުރްއާނާއި ސުންނަތަށް ޢަމަލުކުރެވުނުވަރަކުންނެވެ. ދުނިޔޭގައި މީސްތަކުން އުޅޭ ގޮތް ދެނެގަންނަން އަނގަވާފައި އޮތީ ފާފަކުރާތަން ފެނުމުން ފާފަކުރާކަށް ނޫނެވެ! އެކުރަނީ ފާފަކަން ދަސްކޮށް އެކަންކަމާއި ގާތް ނުވުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން