ބައިވެރިޔާގެ ފޯނުން ކަންކަން ފެންނާތީ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކާއިބެހޭ ގޮތުން ގިނަބައަކު ސުވާލުކުރެއެވެ. ފޯނުން ކަންކަން ފެނުމުން އެއޮތީ ހެކިލިބިފައި ކަމަށްވުމުން އެންމެ ރަނގަޅު ގޮތަކީ އެހިސާބުން ދެމަފިރިންގެ ގުޅުން ނިނަމައިލުން ކަމާއިމެދުވެސް ސުވާލުކުރެއެވެ.
ތިރީގައިވާ ލިޔުމަކީ މިފަދައިން ކުރެވޭ ސުވާލުތަކަށް ވަރަށް ފުރިހަމަ ޖަވާބެއް ލިބިގެންދާނެ ލިޔުމެކެވެ. އިން ޝާ ﷲ
މިޒަމާނުގައި މީސްތަކުންގެ ޢަމަލުތައް މިހުންނަ ގޮތުން އަހަރެމެންގެ ޒުވާން އިރު އެއީ ކުށެއް ކަމަށް ބަލައި އުޅުނު އެތައް ކަމަކީ މިހާރު ކުށެއް ކަމަކަށް ނުބަލައެވެ. ކައިވެންޏަށްފަހު ދެމަފިރިން އެކަކު އަނެކަކަށް ފްރީކޮށްދެއްވެވީމާ ފެންނަހައި މީހެއްގެ ގައިގައި ބައްދައިލުމާއި ބޮސްދިނުންވެސް މިއޮތީ ފްރީކޮށްފައެވެ. ފޮޓޯއާއި ވީޑިއޯތައް ފޮނުވުމާއި ލޯބީގެ ވާހަކަތައް ދެއްކުންވެސް މިއޮތީ ފްރީކޮށްފައެވެ.
ކޮންމެއަކަސް ތަހްޛީބްވުމުގެ ނަމުގައި ޖާހިލިއްޔަ ޒަމާނަށްވުރެވެސް ފަހަތަށް ޖެހިފައިވާ ބައަކު އެގޮތްގޮތަށް ޢަމަލުކުރިނަމަވެސް ޙަޤީޤީ ތަހްޛީބްވެގެންތިބި މުސްލިމުން އެކަންކަން އެގޮތަށް ޤަބޫލެއް ނުކުރާނެއެވެ. އެފަދަ އެންމެހައި ކަންކަން މިނާނީ ޚިޔާނާތާއި ބޭވަފާތެރިކަން މިނާނާޅީންނެވެ.
މިބުނި ފަދައިން ކަންކަން މިނާއިރު ދެގޮތަކަށް ފިޔަވަޅު އަޅަންޖެހެއެވެ. އެއީ ވަރަށް ތަފާތު ދެޙާލަތެކެވެ. ފުރަތަމަ ޙާލަތުގައި އޮތީ ކުޑަކުޑަ ޤުރްބާނީއެއް ވެލައިގެންނަމަވެސް މާފުކޮށް އެކުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. ދެވަނަ ޙާލަތުގައި އޮތީ ލިބުނު ފުރުޞަތުގެ ބޭނުން ހިފައި އަވަހަށް ދެމީހުން ވަކިވުމެވެ. ނަމަނަމަ މިދެބައި އޮޅުވައިނުލާށެވެ! މިކިޔަދެނީ މިދެ ޙާލަތު ދެނެގަންނާނެ ގޮތެވެ!
އިންސާނާގެ ހަޔާތުގައި ކުރިމަތިވާ ކަންތައްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި، އެންމެ ރުޅިގަދަވެވޭ، ކަންކަން ކޮންޓްރޯލުން ނެޓިގެންދާ ވަގުތަކީ އެމީހާގެ ބައިވެރިޔާ، ތިމާއަށް ބޭވަފާތެރިވާ މަންޒަރު ލޮލަށް ފެންނަ ވަގުތެވެ. އެވަގުތު ދުލުން ނުބުނެވޭނީ ކޮންބަހެއްކަން ނުކުރެވޭނީ ކޮން ޢަމަލެއްކަން އޮންނަނީ ބުނެވެންނެތިފައެވެ. ވަރަށް މަދު މީހެއް ފިޔަވައި އެހެން އެންމެންގެ ކަންކަން އެމީހުންގެ ކޮންޓްރޯލުން ބޭރުވެގެންދާތީއެވެ!
މީސަތަކުންނޭވެ! އެއީ ނުރައްކައުތެރިކަންބޮޑު ވަގުތެކެވެ. ބިރުހުރި ވަގުތެކެވެ. ނަމަވެސް އެއީ ކެތްތެރިކަން އެންމެ ބޮޑަށް އިސްކުރަންވީ ވަގުތެވެ. ކިޔަންވީ "އަސްތަޣްފިރުالله لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ"
އެޙާލަތުގައި ކުއްލިއަކަށް ކަންކަން ނުނިންމާށެވެ! ކޮންމެފަދަ ޤުރްބާނީއެއް ވެގެން ނަމަވެސް ކެތްތެރިކަން އިސްކުރާށެވެ! ހަމަޖެހިލައިގެން ތަނެއްގައި އިށީނދެލާށެވެ! އެއަށްފަހު ބައިވެރިޔާ ކުރި ޢަމަލުގެ ކުޑަބޮޑުމިނާއިމެދު ވިސްނާށެވެ! މިސާލަކަށް ފިރިމީހާ ނުވަތަ އަނބިމީހާ މީހަކަށް މެސެޖުކުރުމާ، ދައްކައިގެން ނުވާނެ ވާހަކަ ފޯނުން ދެއްކުމާ ޒިނޭކުރުމާ މިއިން ކޮންމެ ކަމަކީވެސް ވަރަށް ތަފާތު ދަރަޖަތަކުގެ ކަންކަމެވެ.
ރަނގަޅަށް ވިސްނައިލާށެވެ! ބައިވެރިޔާއަކީ މީގެކުރިން ތިބާއަށް ކިހައި ހެޔޮ އިޚްލާޞްތެރިއެއްތޯއެވެ؟ އޭނާކޮށްދީފައިވަނީ ކޮންކޮން ކަންތަކެއްތޯއެވެ؟ އެހުރިހާ ކަމަކާއިއެކުވެސް އޭނާއަށް ނުބައި ފާފައެއް ކުރެވުނީއެވެ. ދެންވެސް ވިސްނައިލާށެވެ! އެންމެ ބޮޑު ފާފަ ނުކުރެވެނީސް، ޒިނޭކުރެވުމާއި ހަމައަށް ކަންކަން ނުދަނީސް އެމީހުން އެހައި ސިއްރުން ކުރި ފާފަ މިހައި އަވަހަށް ފަޟީޙަތް އެކުރެއްވެވީ ބައިވެރިޔާ އެފަދަ ފާފައެއް ދެން އިތުރުމުގެ މަގު ބަންދުކުރައްވަވަންކަމަށްވެސް ވެދާނެއެވެ!
ވީމާ ކައިވެނި ރޫޅާނުލައި ފުރަތަމަ ނަޞޭޙަތްދީ އެފަދަ ފާފަކުރުން ހުއްޓުވައި އިޞްލާޙްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެމަސައްކަތް ކާމިޔާބުވެއްޖެ ނަމަ ދީލަތިކަމާއިއެކު މާފުކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނާށެވެ!
ގިނަފަހަރަށް ކަންކަން ގޯހުން ގޯހަށް ނުދަނީސް ފާފައިގެ ކުރީކޮޅު އެކަކުކުރާ އެފަދަ ފާފަ އަނެއް ބައިވެރިޔާއަށް ފަޟީޙަތްކުރައްވަވަނީ ފާފަކުރެވުނު ބައިވެރިޔާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީ އެކަން ހިސާބުން ހުއްޓައިލަން ދެއްވަވާ ފުރުޞަތެއްގެ ގޮތުން ކަމަށްވެދާނެއެވެ. ބަލަންވާނީ އެގޮތަށެވެ! ވީމާ އެޙާލަތުގައި ބައިވެރިޔާއަށް ކުރެވުނު ީސްތަކުންގެ މެދުގައި ފަޟީޙަތްކޮށް އޭނާގެ އަބުރަށް ގެއްލުން ނުދީ އިޞްލާޙްކުރެވޭތޯ މަސައްކަތްފަށާށެވެ!
ބައެއް މީހުން ދެވަނަ ފުރުޞަތެއް ދޭން ބޭނުމެއް ނުވެއެވެ. ނަމަވެސް އަހަރެންގެ ނަޞޭޙަތަކީ ދެވަނަ ފުރުޞަތު ދިނުމެވެ. ކީއްވެގެން ހެއްޔެވެ؟ ކިތަންމެ ރަނގަޅު މީހަކަށްވެސް ކުށެއް ކުރެވިދާނެތީއެވެ! ބައިވެރިޔާގެ ކުރީގެ ޢަމަލުތަކަށާއި ކުރެވުނު ފާފައިގެ ދަރަޖައަށް ބަލަން މިބުނަނީ އެހެންވެގެންނެވެ.
މާފުނުކޮށް، ދެވަނަ ފުރުޞަތުދޭން ބޭނުންނުވާ މީހުން ވަގުތުން ކައިވެރިރޫޅައިލުމަށްފަހު ކުރެވުނު ކންތަކަށް ފަހުން ދެރަވެ ހިތާމަކުރަން ޖެހުމަކީ ހަމަ ވަރަށް ގިނައިން ކުރިމަތިލާންޖެހޭ ކަމެކެވެ. ވީމާ ވަރިިކުރާ ހިސާބަށް ނުވަތަ ވަރިވާ ހިސާބަށް ކަންކަން ގެންދަންވާނީ ދެން އެހެން ގޮތެއް ނެތުމުންނެވެ.
ހަމައެއާއިއެކު ބުނަމެވެ. ބައިވެރިޔާއަކީ ނުރަނގަޅު އާދަތައްހުރި ނުބައި ސިފަތައްހުރި ރަނގަޅު އަޚްލާޤެއް ނެތް ދޮގުހަދާ މަކަރުވެރި މީހަކު ނަމަ އެބާވަތުގެ ކަމެއް އެފަދަ މީހެއްގެ ކިބައިން ހާމަވުމަކީ ބައިވެރިޔާ އާއި ވަކިވާންޖެހޭކަން އެންގެވުމަށް ދެއްކެވި ކަމެއްކަމަށް ޤަބޫލުކުރާށެވެ! އެޙާލަތުގައި އޮތީ އަވަހަށް ދެމީހުން ވަކިވުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން