އިޙްރާމް ހެދުން ދޮންނައިރު މީރުވަސް ދުވާ އެއްޗެއް ބޭނުން ކުރުން-: ޝައިޚް ޝާފިޢު

ކިޔުމަށް ހޭދަވާނީ 5މ 22ސ
އިޙްރާމް ހެދުން ދޮންނައިރު މީރުވަސް ދުވާ އެއްޗެއް ބޭނުން ކުރުން-: ޝައިޚް ޝާފިޢު

ޢާއިޝަތު ޢަލީ

  

އިޙްރާމް ހެދުން ދޮންނައިރު ދޮންނަކުނޑި، ނުވަތަ ސޮފްޓްނަރ ފަދަ މީރުވަސް ދުވާ އެއްޗެއް ބޭނުން ކުރުމަކީ އެއީ، އިޙްރާމްގައި ހުންނައިރު އަތަރު ބޭނުން ކުރުމުގެ ތެރެއަށް ވަންނަ ކަމެއް ނޫނެވެ. 

އެހެނީ އިޙްރާމް ހެދުން ދޮންނައިރު ބޭނުންކުރާ، ދޮންނަކުނޑި، ސައިބޯނި، އަދި ސޮފްޓްނަރ ފަދަ ތަކެއްޗަކީ އޭގައި އަތަރު ލުމަށް ނުވަތަ މީރުވަސް ދުއްވުމަށް ބޭނުންކުރާ އެއްޗިއްސެއް ނޫނެވެ. އެއީ އޭގައި ހުންނަ ހަޑިފިލުވުމަށާއި ނުބައިވަހެއް ދުވާނަމަ އެވަސް ކަނޑުވާލުމަށްޓަކައި ބޭނުން ކުރާ އެއްޗެކެވެ. 

އެހެންކަމުން އިޙްރާމް ހެދުން ދޮންނައިރު އެފަދަ އެއްޗެއް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ.

އެފަދަ އެއްޗެއް ލައިގެން ދޮވުމަށްފަހު ވަސް ހުންނަކަމަށް ބެލެވޭނަމަ، ރީތި ފެނުން ރަނގަޅަށް ދޮވެލާނީއެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްގައިވާ ނަހީގެ ތެރެއަށް އިޙްރާމް ދޮވުމަށް ބޭނުންކުރާ މިފަދަ ތަކެތި ނުވަންނާނެއެވެ. 

عَنْ عَبْدِ اللَّهِ بن عمر رضي الله عنهما قَالَ : قَامَ رَجُلٌ فَقَالَ يَا رَسُولَ اللَّهِ ، مَا تَأْمُرُنَا أَنْ نَلْبَسَ إِذَا أَحْرَمْنَا ؟ قَالَ : ( لا تَلْبَسُوا الْقَمِيصَ وَالسَّرَاوِيلَ وَالْعَمَائِمَ وَالْبَرَانِسَ وَالْخِفَافَ إِلا أَنْ يَكُونَ رَجُلٌ لَيْسَ لَهُ نَعْلَانِ فَلْيَلْبَسْ الْخُفَّيْنِ أَسْفَلَ مِنْ الْكَعْبَيْنِ ، وَلا تَلْبَسُوا شَيْئًا مِنْ الثِّيَابِ مَسَّهُ زَعْفَرَانٌ وَلا وَرْسٌ ). رواه البخاري (5805) ومسلم (1177) 

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. މީހަކު ތެދުވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަހަރެމެން (ޙައްޖަށް ނުވަތަ ޢުމްރާއަށް) އިޙްރާމްބަންނައިރު ލާންވީ ކޮންކަހަލަ ފޭރާމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ.  

"ގަމީހާއި ހަރުވާޅު ނުލާށެވެ. ފަގުޑި ނާޅާށެވެ. ޖުއްބާ ނުލާށެވެ. އަދި ޚުއްފަށް ނާރާށެވެ. މީހެއްގެ އަތުގައި ފައިވާނެއް ނެތް ޙާލަތެއްގައި މެނުވީއެވެ. އެފަދަ ޙާލަތެއްގައި ޚުއްފުލާން ޖެހިއްޖެނަމަ ފުންނާބަށް ވުރެ ތިރިއަށް ހުންނަ ޚުއްފުލާށެވެ. އަދި ކުކުން (ޒަޢްފަރާން ނުވަތަ saffron) އިން ނާއި ވަރްސް (safflower) ހާކާފައި ހުންނަ އެއްވެސް އެއްޗެއް (ހެދުމެއް) ނުލާށެވެ." 

މި ޙަދީޘުގައި މިވާ ޒަޢްފަރާން އަދި ވަރްސް އަކީވެސް މީރުވަސް ދުއްވުމަށް ބޭނުންކުރާ އެއްޗިއްސެވެ. 

އިޙްރާމް އެޅުމުގެ ކުރިންވެސް އަދި އެޅުމަށްފަހު އިޙްރާމް ހެދުމުގައި އަތަރު ބޭނުން ކުރުން ނަހީވެފައިވީ ކަމުގައިވިޔަސް، އިޙްރާމް އެޅުމުގެ ކުރިން އިޙްރާމް އަޅާމީހާގެ ބޮލާއި ހަށިގަނޑުގައި އަތަރު ލެވިދާނެއެވެ. އެކަމަކު އިޙްރާމް އެޅުމަށްފަހު (މީޤާތުން ނިޔަތް ގަތުމަށްފަހު) ހަށިގަނޑުގައިވެސް އަތަރު ބޭނުމެއް ނުކުރެވޭނެއެވެ. 

عَنْ عَائِشَةَ رضي الله عنها قَالَتْ : ( كُنْتُ أُطَيِّبُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِأَطْيَبِ مَا يَجِدُ ، حَتَّى أَجِدَ وَبِيصَ الطِّيبِ فِي رَأْسِهِ وَلِحْيَتِهِ ) رواه البخاري (5923). 

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ އެންމެ މީރުވަސްދުވާ އަތަރު ބޭނުން ކުރައްވައިގެން، އަހުރެން، އެކަލޭގެފާނުގެ ބޮލާއި ތުނބުޅީގައި އަތަރު ލައިދެމެވެ. އޭގެ އަސަރުން އެކަލޭގެފާނުގެ ބޮލާއި ތުނބުޅި އޮފުއަރައްޖެއުމަށް ދަންދެނެވެ".

 

- ޝައިޚް މުޙައްމަދު ޝާފިޢު

މަރްޖިޢުތައް:

https://islamqa.info/ar/answers/109335

https://islamqa.info/ar/answers/49032 

މިއަދު އޮންލައިން