ހިލޭ ފިރިހެނުންގެ ހަށިގަނޑުގައި (ފޭރާމެއް ނެތިވެސް) ބީހިގެން ޚިދުމަތްކުރަންޖެހޭ ވަޒީފާއެއް އަދާކުރުން ހުއްދަވާނެތޯ؟
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކީ މުސްލިމް އަންހެނަކަށް އެފަދަ މަސައްކަތެއް ކުރުން ހުއްދަވެގެނެއް ނުވެއެވެ. އަދި މުސްލިމް ފިރިހެނަކަށްވެސް ހިލޭ އަންހެނުންގެ ގައިގައި އެގޮތަށް ބީހިގެން ޚިދުމަތްކުރުން ހުއްދަވެގެނެއް ނުވެއެވެ.
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ބަލިމީހާގެ ބަލި ދެނެގަތުމަށް ކޮންމެހެން ގައިގައި ބީހެންޖެހޭ ޙާލަތުގައި އެތަނެއްގައި ބީހުން ފިޔަވައި އެހެން ތަނެއްގައި ބީހުން ހުއްދަވެގެނެއް ނުވެއެވެ. އަދި އެފަދަ ޙާލަތެއްގައިވެސް ދެމީހުން އެކަނިވެގެން ނުވާނެ ކަމަށްވެސް ބަޔާންކުރައްވައެވެ.
މިފަދަ ސުވާލުތަކަކީ ތަކުރާރުކޮށް ލިބެމުން އަންނަ ސުވާލުތަކަށްވާތީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ގޮތުން ތިރީގައި މިބަޔާންކުރަނީ ގުޅުންހުރި ލިޔުމެކެވެ.
ﷲ ޙަރާމްކުރައްވަވާފައިވާ ބައެއް މަސައްކަތްކުރާ މީހުން ރާއްޖޭގައިވެސް އެބައުޅެއެވެ. ބައެއް މީހުން އެމަސައްކަތްކުރަނީ ވަޒީފާތަކުގައެވެ. ދިރިއުޅޭނެ ފައިސާ ހޯދުމަށެވެ. އަޅުގަނޑުގެ އެކުވެރިއަކުވެސް ހަމަ ޔުނިފޯމުއަޅައިގެންހުރެ އެފަދަ މަސައްކަތެއް ކުރެއެވެ. އަޅުގަނޑުގެ ސުވާލަކީ ވަޒީފާ ގެއްލި ނިކަމެތިވެދާނެ ކަމުގެ ބިރަށް އެފަދަ މަސައްކަތްކުރުމަކީ ހުއްދަކަމަކަށްވާނެތޯއެވެ؟
ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވީ ވަރަށް މުހިންމު މައްސަލައެކެވެ. ދީނަށް ލޯބިކުރައްވާ ދިނީ ޢިލްމުވެރިން ހުއްދަ ނުކުރައްވާ ބައެއް މަސައްކަތްތައް ރާއްޖޭގައި އެބަކުރެއެވެ. ކިތަންމެ ރީތި ޔުނިފޯމެއް އަޅައިގެން ކުރިނަމަވެސް ޙަރާމް މަސައްކަތެއް ޙަލާލެއް ނުވާނެއެވެ. އެފަދަ މަސައްކަތަކުން ލިބޭ އާމްދަނީވެސް ޙަލާލެއް ނުވާނެއެވެ.
ދެން އޮތީ ވަޒީފާ ގެއްލިއްޖެނަމަ ނިކަމެތިވެދާނެ ކަމުގެ ބިރެވެ. ޙަރާމް ކަމެއް ނުކުރަން ވަޒީފާ ދޫކޮށްލައިގެން ނިކަމެތިވެ ޙާލުގައި ޖެހުނު މީހަކާއި އަދި ބައްދަލެއް ނުވެއެވެ. ކިޔުންތެރިޔާގެ އެކުވެރިންނަށް ތިރިގައިވާ ވާހަކަ ޙިއްޞާކޮށްލާށެވެ. ޢިބްރަތަކަށްވެ ވިސްނުން ބަދަލުވެސް ވެދާނެއެވެ. އިން ޝާ ﷲ
ޙަރާމް ޙަލާލަށް ބެލުން ކުޑަވެ ފައިސާ ލިބޭނަމަ ކޮންމެ ކަމަކީވެސް ޙަލާލުކަމަކަށް މިހާރު މިވަނީ ގިނަ ބައަކު ހަދައިފައެވެ. ނަމަވެސް އެއީ އެކަން އެގޮތަސް ކުރަން ﷲ ތަޢާލާ ހުއްދަ ދެއްވަވައިގެނެއް ނޫނެވެ. އިސްލާމް ދީން ހުއްދަކުރާތީއެއް ނޫނެވެ. އެކަން އެމީހުންނަށް ހުއްދަކުރަނީ އެމީހުންނަށް ހުރިހާ ކަންކަމަކަށް ހުއްދަދޭ ޝައިޠޯނާއެވެ.
ޝައިޠޯނާގެ އެފަދަ ވަސްވާސްތަކަށް ނުހެއްލި ސާބިތުވެއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ރަހްމަތް އޮއްސަވާނެ ގޮތްތައް ހަމައެކަކަށްވެސް ނުވިސްނޭނެއެވެ! ވަޒީފާގެ ޔުނިފޯމްކަމަށްވީތީ އަޢުރަ ނިވާނުކޮށް ޔުނިފޯމް އެޅުމަކީވެސް ހަމަ ޙަރާމްކަންކަމެވެ. އެޔުނިފޯމުގައި މަސައްކަތްކޮށްގެން އޭނާ ފައިސާ އެހޯދަނީ އޭނާގެ ޢައުރަ ވިއްކައިގެން ނޫން ކަމަށް ހެދޭނެ އެއްވެސް ގޮތެއް އޮންނާނެހެއްޔެވެ؟
ކުންފުނިތަކަށް ރީތި އަންހެން ކުދިން ވައްދައި ވަޒީފާ ދިނުމުގެ ނަމުގައި ގެންގުޅެ އެކުދިންގެ އަޢުރަވިއްކައިގެން މުއްސަނދިވަމުން އެދަނީ އާޚިރަތް ދުވަހަށް ބިރެއް ނެތުމުންނެވެ! މަރުވާނެކަން ޤަބޫލުނުކުރެވޭތީއެވެ! އިބިލީހުގެ އަޅުންނަށްވެފައިތިބިވަރުންނެވެ.
ވަޒީފާއެވެ! މަޖުބޫރެވެ! ފައިސާ ބޭނުންވެއެވެ! މިފަދަ ކަންކަން ބަހަނާގެ ގޮތުގައި މިއަދު ދެއްކިދާނެއެވެ. ނަމަވެސް އެބަހާތައް ބިލާހަކަށްވެ ނަރަކައިގެ އަލިފާނުގައި އޮންނަންޖެހޭ ވަގުތު ހުރިހާ ކަމެއް ވިސްނޭނެއެވެ. ނަމަވެސް އެއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ.
މިކިޔައިދެނީ ވިސްނައިލުން މުހިންމު ވާހަކައެކެވެ. އަންހެންކުއްޖަކު ﷲ ގެ ދީނަށްޓަކައި ހިޖުރަކުރުމުން ދެއްވެވި މަތިވެނިޢްމަތުގެވާހަކައެވެ. މިފަދަ ހާދިސާތަކުން ޢިބްރަތް ޙާޞިލުނުކުރެވޭނަމަ އަހަރެމެންގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ރަނގަޅަށް އަޑުއަހާށެވެ!
ޝައުބީން ދާސްއަކީ ފިލިޕިންސްގެ މުސްލިމް އަންހެން ކުއްޖެކެވެ. މައިން ބަފައިން މަރުވުމުން ގެންގުޅެ ބޮޑުކުރީ ކްރިސްޓިއަން ބޮޑުބޭބެއެކެވެ. ބޮޑުބޭބެ އޭނާ ތަމްރީނުކޮށް ދަސްކޮށްދިން މަސައްކަތަކީ މަސާޖް ކުރުމެވެ.
ޝައުބީން މަސައްކަތްކުރަނީ 5 ތަރި ހޮޓަލެއްގެ މަސާޖްޕާލަރގައެވެ. ނަމަވެސް ހިތްހަމަޖެހިގެނެއް ނޫނެވެ. ހިލޭ ފިރިހެނުންގެ ގައިގައި އަތްއުނގުޅައި ހެދުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެންމެ ފަހުން އޭނާ ނިންމީ ވަޒީފާ ދޫކޮށް ފިލާށެވެ! އެގޮތަށް ނިންމައި ހަފްތާ ބަންދެއްގައި ދަތުރަކު ދަނީ ކަމަށް ބުނެ ގެއިން ނުކުމެ ޝައުބީން ފެށީ މުޅިން ތަފާތު ދަތުރެކެވެ. އޭނާގެ ދިރިއުޅުން ބަދަލުކޮށްލުމުގެ ދަތުރެކެވެ. އެ ދަތުރު ނިންމައިލީ ދިރިއުޅޭ އަވަށާއި 400 ކިލޯ މީޓަރު ދުރުގައި އޮތް އަވަށަކަށެވެ.
ލިބޭ މުސާރަ ބޮޑުބޭބެއަށް ދޭން ޖެހޭތީ ނުދީ އަތުގައި ބޭއްވިފައި، ނުވަތަ ރައްކާކުރެވިފައި އޮތީ އެންމެ 200 ވަރަކަށް ޑޮލަރުގެ ފައިސާއެވެ. އެހެންކަމުން އޭނާ ޤަޞްދުކުރީ ނިކަމެތިން ހިލޭ ބަލަހައްޓައިދޭ ތަނެއްގައި މަޑުކުރުމަށެވެ. އެ އަވަށުން އެފަދަ ތަނެއް ހޯދަން ނުއެނގޭތީ ދިއައީ މިސްކިތަކަށެވެ. މިސްކިތުން ބައްދަލުވި މުސްކުޅި އުމުރުގެ އަންހެނަކަށް އޭނާގެ މަޤްޞަދާއި އެދޭ ގޮތް ކިޔައިދިނުމުން އެމީހާގެ ގޭގައި މަޑުކުރުމަށް ދައުވަތުދިނެވެ.
އެގޭގައި އެމީހުންނަށް ޚިދުމަތްކުރަން ހުންނަތާ ހައަކަ މަސްވީތަނާ ސައުދީގައި ވަޒީފާ އަދާކުރާ އެގޭގެ އެންމެ ދޮށީ ދަރިފުޅު ޗުއްޓީއަކަށް އައީ އޭނާގެ ބޮސްގެ ފިރިހެން ދަރިފުޅާއިއެކުގައެވެ. ކުރުކޮށްލަމާ ހިނގާށެވެ. ބޮސްގެ ދަރިފުޅު އެނބުރި ޤައުމަށް ފުރީ ޝައުބީން އާއި ކައިވެނިކޮށް އޭނާ ގޮވައިގެންނެވެ. މިހާރު ޝައުބީންއަކީ އުފަލުގައި ދިރިއުޅެމުންދާ 4 ކުދިންގެ މަންމައެކެވެ.
އަހަރެންނާއި ޝަޢްބީން އާއި ބައްދަލުވީ މީގެ 2 މަހެއްހައި ދުވަސް ކުރިން ޖިއްދަގައި އޯއައިސީގެ ބައްދަލުވުމެއްގެ ތެރެއިން ބޭއްވުނު ހަފްލާއެއްގައެވެ. އޭނާގެ ފިރިމީހާގެ ބައްޕައަކީ އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރާ އިމާމެކެވެ. ކެއުމުގައި އޭނާ ބައިވެރިވީ ޢާއިލާ އާއިއެކުގައި ކަމަށްވުމުންނެވެ.
މިފަދަ ވާހަކަތައް ހަމައެކަނި އަޑުއަހަންވީއެއް ނޫނެވެ! އަޑު އިވުނު ކަމަށްވާނީ ޢިބްރަތް ޙާޞިލުކުރުމުންނެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވާން މަސައްކަތްކޮށްފި މީހަކަށް އެކަމަށް މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ. ޝަޢްބީނަކަށްވާން ބޭނުން ކޮންމެ މީހކަށްވެސް ޝަޢުބީނަކަށްވެވޭނެއެވެ. ހަމަ އެ ފުރުޞަތު ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން