އުފަލުގަ އުޅެން ބޭނުންވާނަމަ ބައިވެރިން އެކަކު އަނެކަކަށް ތަޢްރީފްކުރާށެވެ! އެއީ ސުވަރުގޭގައިވެސް ކުރާނެ ކަމެކެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އުފަލުގަ އުޅެން ބޭނުންވާނަމަ ބައިވެރިން އެކަކު އަނެކަކަށް ތަޢްރީފްކުރާށެވެ! އެއީ ސުވަރުގޭގައިވެސް ކުރާނެ ކަމެކެވެ!: ޝައިޚް އަބޫބަކުރު ޒައުދު

މައްސަލަތައް ގިނަވެ ކައިވެނިތައް ރޫޅެމުންދަނީއެވެ. އެންމެންވެސް ކަންބޮޑުވާ ކަމަށް ބުނެއެވެ. ނަމަވެސް ކައިވެނި ރަނގަޅުގޮތުގައި ދަމަހައްޓަން ކުރަންޖެހޭ ކަންކަން ކުރުމުގައި ގިނަ ބައަކު އިހްމާލްވެއެވެ. ނުވެސް އެނގޭތީކަމަށްވެސް ވެދާނެއެވެ. އެހެންކަމުން ފާހަގަމިކުރަނީ ގިނަ ބައަކު އިހްމާލްވާ އަދި އެންމެ ފަސޭހައިން ކުރެވެން އޮތް އެއް ކަމެއްގެ ވާހަކައެވެ.  

އެކަމަކީ ދެމީހުން އެކަކު އަނެކަކަށް ތަޢްރީފްކުރުމެވެ. ހެޔޮ ބަސްތައް ރައްދުކުރުމެވެ.  

ބައިވެރިން ސުވަރުގޭގައި ވެސް އެކަކު އަނެކަކަށް ތައްރީފްކުރެއެވެ. ތިބާގެ ރީތިކަން އިތުރުވާކަމަށް އެކަކު އަނެކަކަށް ބުނެއެވެ. ޒުވާންކަން އިތުރުވާކަމަށްވެސް ބުނެއެވެ. ވީމާ އަނެކާގެ ސިފަ ރީތިކަމަށްބުނެ ތަޢްރީފްކުރުން ހިމެނިފައި މިވަނީ ސުވަރުގޭގެ އަހުލުވެރިންގެ ސިފަތަކުގެ ތެރޭގައެވެ. 

ވީމާ މިއީ ދުނިޔަވީ ދިރިއުޅުމުގައިވެސް އަހަރެމެން ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވާކަމަށް ގިނަގިނައިން ބުނަންވާނެއެވެ. އެއީ ދެމަފިރިންގެ ލޯބި އިތުރުވެގެންދާނެ ކަމެކެވެ.  

ދެމީހުންނަށް އެކުގައި އުޅެވޭނަމަ ޔަޤީންކުރެވިފައި އޮންނަނީ ލޯބިވާ ވާހަކަ ނުބުނި ނަމަވެސް އަނެކާއަށް އެނގޭނެ ކަމަށެވެ. އަނެކާއަށް އެނގުމަކީ މުޅިން ތަފާތުކަމެކެވެ. ބުނެ ލޯބި އާލާކުރަން މަސައްކަތްކުރުމަކީވެސް ތަފާތުކަމެކެވެ.

އެއީ ކުރަންޖެހޭނެ ކަމެއް ނަމަ ޙޫރަލްޢީނުން އެމީހުންގެ ބައިވެރިންނަކަށް ތަޢްރީފެއް ނުކުރީހެވެ. އަދި ފިރިންވެސް ތަޢްރީފެއް ނުކުރީހެވެ. ސުވަރުގެއަކީ ކުރަން ނުޖެހޭ ބޭކާރު ކަންކަން ކުރާނެ ތަނެއް ނޫނެވެ.  

މީހުންނަށް ޤަބޫލުނުކުރެވެނީއެވެ. ދެމަފިރިން އެކަކު އަނެކަކަށް ހެޔޮބަސް ނުބުނުމާއި ތަޢްރީފް ނުކުރުމަކީ ދަހިވެތިކަން ހައްދުފަހަނައަޅައިދިއުމެވެ. އެއީ ފައިސާއަށް ދަހިވެތިވުމަށްވުރެވެސް ލިބޭ ގެއްލުން މާބޮޑު ކަމެކެވެ. ވީމާ ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ސަމާލުކަންދޭންވާނެއެވެ! އުފާވެރި ދިރިއުޅުމެއް ލިބޭނީ އެއިރުންނެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

މިއަދު އޮންލައިން