މިއަދުގެ ޒުވާނުންގެ ވާހަކަ ދެކެވެން ފަށާއިރަށް އެއީ ރަނގަޅު ނޫން ބައަކު ކަމަށް ވިސްނޭނަމަ އެކުރެވެނީ ކުށެކެވެ. އިއްޔެވެސް ނުރަނގަޅު ބައަކު ޒުވާނުންގެ ތެރޭގައި އުޅުނު ފަދައިން މިއަދުވެސް ބައަކު އުޅޭނެއެވެ. ނަމަވެސް އެއީ ހުރިހާ ޒުވާނުންނަށް އަމާޒުކުރަން އޮތްކަމެއް ނޫނެވެ. އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ.
މިހާރަކަށް އައިސް ޢާންމުގޮތެއްގައި އަޑުއިވޭނީ ޒުވާނުންނަށް ކުރެވޭ ނުރަނގަޅު ކަންތައްތަކުގެ ޥާހަކައެވެ. އެއީ ޒުވާނުންގެ ތެރޭގައި ކުށްކުރެވޭ ޢަދަދު ގިނަވާތީކަމަށްވެދާނެއެވެ. އެކަމަކު ޤަބޫލުކުރަންޖެހޭ ކަމަކީ ޒުވާނުންގެ ތެރޭގައި ދީނަށް ލޯބިކޮށް ޢަމަލުކުރާ ޒުވާނުންގެ ޢަދަދުވެސް ބޮޑުތަނުން އިތުރުވަމުން އަންނަކަމެވެ.
އޭ ޒުވާނާއެވެ! ތިބާއަކީ މުސްލިމަކީމުއެވެ! ތިބާ އާއި އެހެން ދީންތަކުގެ ޒުވާނުންނާއި ހުރި ތަފާތަކީ ނަމުގެ ތަފާތުކަމަށްވުމަކުން އަދި ސުވަރުގެއެއް ނުވަދެވޭނެއެވެ! ސުވަރުގެ ވައްދަވަނީ ކިޔާ ނަމަކުން ނޫނެވެ! ކުރާ ޢަމަލުންނެވެ!
ތެދެކެވެ. އިސްލާމް ދީނުގައި ޒުވާނުންނަށް ވަރަށް ޚާއްޞަ މަޤާމެއް ވަނީ ދެއްވަވައިފައެވެ. ނަމަވެސް އެއީ އެޒުވާނުންނަށް ކިޔާ ނަމުގެ ސަބަބަކުން ނޫނެވެ. އެޒުވާނުން އިސްލާމް ދީނަށް ކުރި ޚިދުމަތްތަކުގެ ސަބަބުންނެވެ. އިސްލާމް ދީން ކުރިއަރުވަން ވަމުންދިއަ ޤުރްބާނީތަކުގެ ސަބަބުންނެވެ.
އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ! ޒުވާން ޞަޙާބީން ވަނީ އެބޭކަލުންގެ ވަރަށް ހަގުއުމުރުފުޅުގައި މުސްލިމުންގެ ލަޝްކަރުތަކުގެ ކޮމާންޑަރުކަމާއި ޤައުމުތަކުގެ ސފީރުކަމާއި އަމީރުކަންވެސް ކުރައްވަވައިފައެވެ. ރަސޫލް (ﷺ) އެބޭކަލުންނަށް އެފަދަ ދަރަޖަތައް ދެއްވެވީ ކުރިން މި ބަޔާންކުރިފަދައިން އެބޭކަލުން އިސްލާމް ދީނަށް ދެއްވަވަމުން ގެންދެވި ނަޞްރުގެ ފުރިހަމަކަމުންނެވެ. އެބޭކަލުންގެ އީމާންތެރިކަން ބޮޑުކަމުންނެވެ! ދީނަށް އަމަލުކުރެއްވެވި މިންވަރު ބޮޑުކަމުންނެވެ.
ލޮބުވެތި ޒުވާނުންނޭވެ! އެހެން ދީންތަކުގެ ޒުވާނުން ކުރާ ޢަމަލުތައް ކުރަމުން، ނަމާދު ނުކުރަމުން، ދީނުގައިވާ ޙުކުމްތަކަށް ޢަމަލުނުކުރަމުން ހަމައެކަނި ތިމާއަކީ މުސްލިމެއް ކަމަށްބުނާތީ ސުވަރުގެ ވައްދަވާނެ ކަމަށް ހީކުރަނީހެއްޔެވެ؟ ޒުވާން އުމުރު ހޭދަކުރި ގޮތާއިމެދު ކުރައްވަވާނެ ސުވާލަށް ޖަވާބުދާރީވެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟
ރަނގަޅަށް ވިސްނައިލާށެވެ! ފުރުޞަތު އޮއްވައި މުސްލިމް ޒުވާނަކަށް އަވަހަށް ބަދަލުވާށެވެ! ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބުންވަނީ މުސްލިމް ޒުވާނުންނަށެވެ! މުސްލިމް ޒުވާނުންނަކީ އިސްލާމް ދީނުގައިވާ ކަންކަމަށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރާ ޒުވާނުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން