އަޅުގަނޑުގެ ބައިވެރިޔާއަކީ އެކުވެރިންގެ ކުރިމަތީގައި ވަރަށް ރަނގަޅު މީހަކަށް ހެދިގެން އުޅޭ މީހެކެވެ. އެހެން އުޅެނިކޮށް އެކުވެރިންނަށް އޭނާގެ ޙަޤީޤަތް އެނގި ބޭޒާރުވެއްޖެއެވެ. މިހާރު އެކުވެރިންގެ ގާތުގައި ބުނަނީ އެކަންކަން އެހެންވީ އަޅުގަނޑު އޭނާއަށް ޚިދުމަތް ނުކުރާތީ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކަތަކެއް ނޫނެވެ.
އަޅުގަނޑު އަދިވެސް ބޭނުންވަނީ އޭނާއަށް ވިސްނައިދެވޭތޯ ބަލާށެވެ! 10 އަހަރުން ދަށުގެ 3 ކުދިން ތިބުމުން އެކުދިންގެ ޙައްޤުގައެވެ. މިކަމަށް އެހީތެރިކަމެއް ފޯރުކޮށް ދެވިދާނެތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުމުގައި އެވަނީ ތިއަ ފަދަ ގޮތްގޮތަށް ޢަމަލުކުރާ މީހުންނަށް އިމާމް މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅެކެވެ. ބައިވެރިޔާއަށް ފޯރުކޮށްލަ ދެއްވާށެވެ! އަދި މިފަދަ މައްސަލަތައް ކުރިމަތިވެފައިވާ އެހެން ކިޔުންތެރިންވެސް އެމީހުންގެ ބައިވެރިންނަށް ޝެއާކޮށްލާށެވެ. ހެޔޮ ވިސްނުން ލިބިދާނެއެވެ. އިން ޝާ ﷲ
ކޮންމެ ކަމަކަށްވެސް ވަޤުތެއްވެއެވެ! ދެމަފިރިން އެކުގައި ދިރިއުޅެމުން އަންނައިރު ބައިވެރިޔާގެ ކިބައިގައި އުނިސިފަތައް ހުރިނަމަ އެކަންކަމުގެ ވާހަކަތައް ދައްކަންވާނީ ތިބާގެ ކިބައިން ބޭވަފާތެރިކަން ފަޅާއެރުމުގެ ކުރިންނެވެ. ބައިވެރިޔާއަށް ބޭވަފާތެރިވެ ތިމާކުރި ވައްކަން ފަޅާއެރުމުން ބައިވެރިޔާ އަޅާނުލާކަމާއި ލޯބިނުދޭކަމާއި ވަގުތުނުދޭކަމުގެ ވާހަކަތައް ފަދަ ވާހަކަތައް ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަދި އެކަމުން ކުރާނެ އެއްވެސް ފައިދާއެއްވެސް ނެތެވެ.
ކައިވެނީގެ ޙަޔާތުގައި އެކަކު އަނެކަކަށް ތެދުވެރިވެ ވަފާތެރިވުމުގެ ބަދަލުގައި ޚީޔާނާތްތެރިވެ ވައްކަންކުރުން މިވަނީ ޢާންމުވެފައެވެ. އެކަން ފަޅާއަރާ ޙާލަތުގައި ތިމާގެ ދިފާޢުގައި ބޭނުންކުރާ ހަތިޔާރަކަށް ބައިވެރިޔާގެ ކުށްތަކާއި އުނިސިފަތަކުގެ ވާހަކަ އެބަދައްކައެވެ. ބުނަންހެއްޔެވެ؟ އެހާލަތުގައި އެކަންކަމަކީ ތިމާގެ ދފާޢުގައި ބޭނުންކުރާ ހަތިޔާރަކަށް ނުވަތަ އައްޑަނައަކަށް ނުހެދޭނެއެވެ. އެކަން ހަމައެކަކުވެސް ޤަބޫލެއް ނުކުރާނެއެވެ.
އެކަންކަމަކީ ހަމަ ޙަޤީޤަތުގައިވެސް ހުރި މައްސަލަތައް ކަމުގައިވެދާނެއެވެ. އެބާވަތުގެ ކަންކަން ހުރިނަމަ ކުރިން އެވާހަކަތައް ދައްކައި ޙައްލުހޯދަން މަސައްކަތްކުރާށެވެ! ޙައްލު ނުކުރެވުނުނަމަ ﷲ ތަޢާލާ އަންގަވާފަދައިން ކައިވެނި ނިމުމަކަށް ގެންނާށެވެ! އެއީ ދެމަފިރިންގެ ތެރެއިން ކޮންމެ މީހަކަށްވެސް ކުރުމުގެ ފުރުޞަތު އޮތްކަމެކެވެ. ފިރިމީހާނަމަ ވަރިކުރާނީއެވެ. އަނބިމީހާ ނަމަ ދީނުގައި އޮތްމަގުން ކައިވެނި ރޫޅައިލުމުގެ މަސައްކަތްކުރާނީއެވެ.
އެއްވެސް މީހަކު ނުބައިވުމަކީ އެކަމާއި ގުޅުވައިގެން އަނެކަކު ޒިނޭކުރުން ފަދަ ނުބައި އަމަލުތައް ކުރަންޖެހޭ ސަބަބެއް ނޫނެވެ. އަދި އެނޫން ފާފައެއްވެސް ކުރަންޖެހޭ ސަބަބެއް ނޫނެވެ. ފާފަކުރުމަށްފަހު އެއީ ބައިވެރިޔާގެ ނުބައިކަމުން ކުރެވުނު ކަމެއްކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ.
ވީމާ ފާފައެއް ކުރެވިއްޖެ ނަމަ ފުރަތަމަ ކަމަކަށް އެކަން ޤަބޫލުކުރާށެވެ! އެއަށްފަހު އިޚްލާޞްތެރިކަމާއިއެކު ތައުބާވާށެވެ! އަދި ބައިވެރިޔާއަށް އެކަން ހާމަވެފައިވާނަމަ ބައިވެރިޔާގެ ކިބައިން މާފަށްވެސް އެދޭށެވެ! ބަހަނާދައްކައި އައްޑަނަ ދިއްކުރުމަކުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނުއޮންނާނެއެވެ!
- މުފްތީ މެންކުގެ ދަރުސަކުން