އީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ރޯދަމަހު މިފްކޯއިން ގޭބީސީތަކަށް ބެހުމަށް ހަމަޖެހިފައިވަނީ 180 ގްރާމްގެ މަސްދަޅުކަމަށް މިފްކޯއިން މިއަދު ހާމަކޮށްފިއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާއެއްގައި ރައީސް މުޢިއްޒު ވަނީ މި ރޯދަ މަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދޭނެކަން އިޢުލާންކުރައްވާފައެވެ. މި ވައުދުފުޅާ ގުޅިގެން ފަތުރަމުންދާ ދޮގު މަޢުލޫމާތުތަކަށް ރައްދު ދެމުން މިފްކޯއިން ބުނެފައިވަނީ، ރޯދަމަހު ބަހާ މަސްދަޅުން 40 ގްރާމް މަސް އުނި ނުވާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.
މިފްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "140 ގްރާމްގެ މަސްދަޅު ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި. މަސްދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ," މިފަދައިންނެވެ. އަދި މީގެ ކުރިން މިފްކޯއިން ވަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ދޭން ނިންމާފައިވާކަމަށް ހާމަކޮށްފައެވެ.
މިފްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، އަންނަ މަހުގެ ކުރީކޮޅު ރަށްރަށަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ފަށާނެއެވެ. އަދި ރޯދަމަސް ފެށުމުގެ ކުރިން ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ލިބޭނެކަމުގެ ޔަގީންކަން ދީފައިވެއެވެ.