ތާވަލާ އެއްގޮތަށް ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ދަނީ ކުރިއަށް: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތާވަލާ އެއްގޮތަށް ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ދަނީ ކުރިއަށް: ވަޒީރު ސަޢީދު

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މެއި 16 ގައި އުފެދުނު ޑިވެލޮޕްމަންޓް ބޭންކަކީ ސަރަޙައްދީ ގޮތުން ފާހަގަކޮށްލެވޭ މާލީ އިދާރާއަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވަޒީރު ސަޢީދު ހާމަކުރެއްވިއެވެ.

ބޭންކު ތަރައްޤީކުރަމުން ދަނީ ތިން ފޭސްއަކަށެވެ. ފުރަތަމަ ފޭސްގައި އުމްރާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ދެވަނަ ފޭސްގައި އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރެވޭނެއެވެ. ތިންވަނަ ފޭސްގައި ރީޓެއިލް ޚިދުމަތްތައް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ފައިސާ ހޯދުން ހިމެނެއެވެ. މީގެ އިތުރުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުން ހިމެނޭކަމަށް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން