މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މައްސަލަ ކާމިޔާބުކަމާއެކީ ނިންމާލެވޭނީ 2027 ވަނަ އަހަރު: އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 23ސ
މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މައްސަލަ ކާމިޔާބުކަމާއެކީ ނިންމާލެވޭނީ 2027 ވަނަ އަހަރު: އިޙްސާން

ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މަސައްކަތް ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

މި މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގައި އިއްޔެ ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ.

މިނިސްޓްރީގެ 75 އޮފިޝަލުންނާއެކު ހިންގި މިއޮޕަރޭޝަނާއި ގުޅޭގޮތުން ވަޒީރު އިޙުސާން ވިދާޅުވީ އިއްޔެއަކީ އޮޕަރޭޝަން ކުރަނގި މާލެ ސަރަހައްދުގެ ޕްރައިވެޓް ސެކްޓަރ އަދި އާންމު ތަންތަނަށް ފުޅާކޮށް ފެށުނު ދުވަސް ކަމަށާއި އިއްޔެ ކުރެވުނު މަސައްކަތުން 1455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން، އަދި ފޭސް ރިކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާ ބޭސް އަދާހަމަ ކުރެވިފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިދިޔަ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގައުމާ މުހާތަބުކުރެއްވިއިރު މި އޮޕަރޭޝަންގެ ތެރެއިން 10،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުނުކަން އިއުލާންކުރެއްވި ކަމަށެވެ. އަދި އެފަހުން މިދިޔަ 2 މަސްތެރޭ އިތުރު 15،000އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނެގިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިއްޔެއާ ހަމަޔަށް މުޅި އޮޕަރޭޝަންގައި 25483 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ނެގިފައިވާ ކަމަށް ވަޒީރު އިޙުސާން ވިދާޅުވިއެވެ.

"ރައީސް ޑރ. މުއިއްޒު ވައުދުފުޅާއި އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ﷲގެ އިރާދަފުޅާއެކު ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި" ވަޒީރު

މީގެ އިތުރުން ވަޒީރު ވަނީ މި މަސައްކަތުގައި މިނިސްޓްރީގެ ފޮރިން ލޭބަރ ޑިޕާޓްމަންޓް އަދި އިމިގްރޭޝަން، ފުލުހުންގެ އިތުރުން ހޯމް ސެކްޓަރ މުވައްޒަފުންނާއި ކައުންސިލްތަކުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް ފާހަގަކުރަައްވާ ޝުކުރު ދަންނަވާފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން