ކުރީ ޒަމާނުގައި ފާފަކުރަން ބޭނުންވުމުން އެކަންކުރެވޭނެ ކޮންމެވެސް ތަނަކަށް ދާންވެސް ޖެހެއެވެ. ނަމަވެސް މިއަދު އެއީ ދޮރުތަޅުލައިގެން އެކަނި ކޮޓަރީގައި އޮވެގެންވެސް ކުރެވެން އޮތް ކަމެކެވެ. ފާޙިޝް ޢަމަލުތައް ކުރުމާއި މީހުން މަގުފުރެއްދުމާއި ޖުވާކުޅުމާއި މިހެންގޮސް އެތައް ފާފަތަކެއް އެމީހަކު ހުރިތަނެއްގައި ހުރެގެންވެސް ކުރުމުގެ މަގު މިއަދު މިވަނީ ފަހިވެފައެވެ.
މީސްތަކުންނޭވެ! އެކަނިވާހިނދު ނުވަތަ ކޮޓަރިއަށްވަދެ ތަޅުލައިގެން ތިބެ ފޯނާއި ލެޕްޓޮޕުން ނުވަތަ އެނޫންވެސް ގޮތްގޮތުން ފާފަކުރާމީހުން ވިސްނައިލާށެވެ. ތިއަބައިމީހުން ފާފަކުރަންވުމުން ތިއަ ފިލަނީ މީސްތަކުންގެ ކުރިމަތީގައި ފަޟީޙަތް ނުވުމަށެވެ. ބަލަ! ﷲ ތަޢާލާ ތިބާކުރާ ފާފަތައް ދެކެދެވޮޑިގެންވާކަން ނުއެނގެނީހެއްޔެވެ؟
އެނގޭ ހެއްޔެވެ؟ ނުއެނގޭނަމަ އަޑުއަހާށެވެ! މީހަކަށް އޮޅިގެން ފާފައެއް ކުރެވިދާނެއެވެ. ނަމަވެސް މިކުރަނީ ފާފައެއްކަން އެނގިހުރެގެން ފާފަތައް ކުރުމަކީ އެންމެ ބިރުހުރި އެއްކަންތަކެވެ. އެހެނީ އެކަމުން އެނގެނީ ތިބާގެ ހިތުގައި ﷲ ތަޢާލާއަށް ކުޑަވެސް ބިރުވެތިކަމެއް ނެތްކަމެވެ.
ﷲ ތަޢާލާއަށް ބިރެއްނެތި ފާފަކުރުމަކީ އެންމެ ބިރުހުރި އެއްކަންތަކެވެ. މިސާލަކަށް މިކުރަނީ ފާފަތައްކަން އެނގިހުރެ ތިބާ ފާފަތައް ކޮށްފައި ޤިޔާމަތް ދުވަހު ތިމަންނާއަށް ކުރެވުނު ފާފަތައް ފުއްސަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީވެސް ކިހިނަކުންހެއްޔެވެ؟
ވީމާ އަވަހަށް ތައުބާވެ ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދަންނަވާށެވެ. ދުޢާކުރާށެވެ! ހަމައެއާއިއެކު ފާފަކުރުން މުޅިން ހުއްޓައިލާށެވެ. އެކަމަށް ތައުފީޤް އެދިގެން މަސައްކަތްކުރީމާ ﷲ ތަޢާލާ އެކަން ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން