ޢާއިލާގެ މައްއްސަލަތަކަކީ މިއަދު އެކަނި ކުރިމަތިވާ މައްސަލަތަކެއް ނޫނެވެ. އަބަދުވެސް ކުރިމަތިވާ މައްސަލަތަކެކެވެ. ނަބީބޭކަލުންނަށާއި ރަސޫލް ބޭކަލުންނަށްވެސް ކުރިވެވަޑައިގެންނެވި މައްސަލަ ތަކެކެވެ.
އިބްރާހީމްގެ ފާނަށް ކުރިމަތިވެވަޑައިގަތީ ބައްޕާފުޅުގެ މައްސަލައެވެ. ޔޫސުފްގެފާނަށް ކުރިމަތިވެވަޑައިގަތީ އަޚުންގެ މައްސަލައެވެ. ނޫޙުގެ ފާނަށް ކުރިމަތިވެވަދައިގަތީ ދަރިކަލުންގެ މައްސަލައެވެ. ރަސޫލް ޞައްލަﷲ ޢަލައިވަސައްލަމައަށް ކުރިމަތިފުޅުވެވަޑައިގަތީ ބޮޑުބޭބޭފުޅުންގެ މައްސަލަތަކެވެ. މިއީ އެބޭކަލުންނަށް ﷲ ތަޢާލާ ކުރިމަތިފުޅުކުރެއްވެވި އެންމެ ބޮޑެތި އިމްތިޙާންތަކެވެ.
ޢާއިލާގެ ތެރެއިން ަމއްސަލަތައް ކުރިމަތިނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް ޢާއިލީ ގުޅުން ކެނޑުން ހުއްދައެއް ނޫނެވެ.
ވިސްނާށެވެ! ވިޔަފާރީގެ ބައިވެރިޔާ އާއި ގުޅުން ކަނޑައިލެވިދާނެއެވެ. އެއީ އޭނާ އާއި ގުޅެން އިޚްތިޔާރުކުރީ ތިބާކަމަށްވާތީއެވެ. ވަކިވާންޖެހޭ ޙާލަތުގައި އަނބިމީހާ އާއިވެސް ވަކިވެވިދާނެއެވެ. އެއީ އަނބިމީހާ އިޚްތިޔާރުކުރީ ތިބާކަމަށްވާތީއެވެ. ނަމަވެސް ޢާއިލީ ގުޅުންތައް ކަނޑައެއް ނުލެވޭނެއެވެ.
ރަޙިމުގެ ގުޅުން ކަނޑައެއް ނުލެވޭނެއެވެ. މައިންބަފައިންނާއިވެސް ގުޅުން ކަނޑައެއް ނުލެވޭނެއެވެ. ދަރިންނާއިވެސް ގުޅުން ކަނޑައެއް ނުލެވޭނެއެވެ. އެއީ އެއްވެސް މީހަކަށް އޮތް އިޚްތިޔާރެއް ނޫނެވެ. ސަބަބަކީ ތިބާ އާއި އެމީހުންނާއި އެގުޅުން އުފައްދަވާފައިވަނީ ﷲ ތަޢާލާ ކަމަށްވާތީއެވެ.
ޢާއިލީ ގުޅުން ކެނޑުމުން ވާނީ ފާސިޤުންގެ ތެރެއިންނެވެ. އެމީހުންނަކީ އެމީހުންގެ ހިތްތައް ފަސާދަވެފައިވާ ބައެކެވެ. އެމީހުންނަކީ ﷲ ތަޢަލާގެ އާޔަތްތަކަށް ފުރައްސާރަކުރާ ބައެކެވެ. އެހެންކަމުން އެމީހުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުން ތެދުމަގު ލިބެން ބޭނުންވާ ބައަކު ކަމުގައިވެސް ނުވެއެވެ.
އެކުވެރިންނޭވެ! މިކަންކަމަށް ސަމާލުކަންދޭށެވެ! ޚިޔާލު ތަފާތުވިނަމަވެސް އަދި ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ޢާއިލީ ގުޅުން ނުކަނޑާށެވެ! ފާސިޤުންގެ ތެރޭގައި ނުވުމަށްޓަކައެވެ!
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން