ޘަވާބު ލިބޭނެ ގޮތަށް ކައިބޮއި އަދި ކަސްރަތުކުރަން ޢަމަލުކުރަން އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ
ޘަވާބު ލިބޭނެ ގޮތަށް ކައިބޮއި އަދި ކަސްރަތުކުރަން ޢަމަލުކުރަން އޮތް މަގު-

ކަސްރަތުކުރަނީ އެމީހެއްގެ ޞިއްޙަތަށް ފައިދާއަށް ކަމަށްވާއިރު ކަސްރަތުކުރުމަކީވެސް އަޅުކަމަކަށް ހެދިދާނެ ކަމަށް ބުނާއަޑު އަހަމެވެ. އެއީ ކުރެވޭނެ ކަމެއްތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރިހަމަ ޞިއްހަތެއްގެ މަތީގައި ހުރުމަށް ކުރާ މަސައްކަތަކީވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރުމުން އަޅުކަމެކެވެ. މައްސަލައަކަށް ވެގެން މިއުޅެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއި ޚިލާފަށް ކަންކަން ކުރެވޭތީއެވެ. 

ތިރީގައިވާ ލިޔުމުން މިބުނި ބަހުގެ ޙަޤީޤަތް ސާފުވެލައްވާނެއެވެ. އިން ޝާ ﷲ 

އަޅުކަމަކީ ހަމައެކަނި މިސްކިތުގައި ނުވަތަ މުސައްލަމަތީގައި އިނދެގެން ކުރަން އޮތް ކަމެއް ނޫނެވެ. ތެދެކެވެ. ފުރަތަމަ ކަމަކަށް އޮތީ މިސްކިތުގައާއި މުސައްލަ މަތީގައި ކުރަންޖެހޭ އަޅުކަންކުރުމެވެ. މިބުނަނީ ނަމާދުކުރުމުގެ ވާހަކައެވެ. ނަމާދުކުރުމަސްފަހު ދެންކުރާ ކަންކަމަކީ ޘަވާބު ދެއްވަވާނެ އަޅުކަން ކަމުގައި ހެދުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. 

ކައިބޮއި ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކމެކެވެ. އަދި ކޮންމެ މީހަކުވެސް ކުރާނެ ކަންކަމެވެ. ކަސްރަތުކުރަން ދުވުމާއި ހިނގުމާއި ޖިމްއަށް ގޮސް ކަސްރަތުކުރުން ފަދަ ކަންކަމަށް މީހުންގެ ހޭލުންތެރިކަން ދަނީ އިތުރުވަމުންނެވެ. ދިރިހުރުމަށް ކެއިން ބުއިމާއި ދުޅަހެޔޮ ޞިއްޙަތަކަށްޓަކައި ކަސްރަތު ކުރުމަކީ ވެސް އާޚިރަތް ދުވަހު ފައިދާކުރާނެ އަޅުކަމަކަށް ހެދިދާނެއެވެ. 

އެކަންކުރާނީ މިމަގުންނެވެ! 

ކާން އިށީނދެ ފުރަތަމަ ކަމަކަށް އެއީ ހަލާލުތަކެތިކަން ކަށަވަރުކުރާށެވެ. އެކަމަށްޓަކައި 3 ކަމެއް ކަށަވަރުކުރަން ޖެހެއެވެ. 

ފުރަތަމަކަމަކީ ކައްކާފައިހުރި ތަކެތި ކައްކާފައި ހުރީ ހަލާލު ތަކެތިންކަން ކަށަވަރުކުރުމެވެ. އެތަކެއްޗަކީ މުސްލިމުންނަށް ޙަލާލް، ކެއުން ހުއްދަ ތަކެތި ނަމަވެސް އެތަކެތި ޙަލާލްވާނީ ޙަލާލުގޮތުގައި ހޯދާފައި ހުރުމުންކަން ހަނދާންކުރަންވާނެއެވެ. އަދި ތިމާގެ އަނގައަށް އެތަކެތިލުމުގެ ކުރިން އެކަން ކަށަވަރުކުރަންވާނެއެވެ. 

އެއަށްފަހު ބިސްމިﷲ ކިޔައި އިސްލާމް ދީނުގައިވާ ފަދައިން ކާން ފަށާށެވެ. ކާންވާނީ އިސްލާމް ދިނުގައި ކާން އޮންނަ މިނަށެވެ. ކައި ނިމިގެން ﷲ ތަޢާލާ ދެއްވެވި ރިޒްޤަށް އެކަލާނގެއަށް ޙަމްދުކޮށް ޝުކުރު އަދާކުރަންވާނެއެވެ. 

3 ވަނަ ކަމަކީ އެއްވެސް މިންވަރަކަށް އިސްރާފް ނުކުރުމެވެ. ކެއްކޭ މިންވަރު ކުޑަމިންވަރެއް މަދުވުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ. ކިތަންމެ ކުޑަމިންވަރެއް ނަމަވެސް އިސްރާފްކޮށްފިނަމަ އެކުރެވޭ ފާފައިގެ ބޮޑުކަމާއިމެދު ވިސްނައި ބިރުވެތިވުމުން މަދުވި ކުޑަ އެތިޚޮލަކީ މައްސަލައެއް ކަމަށް ނުވެސް ދެކެވޭނެއެވެ. 

އެންމެ އަގުބޮޑު ރެސްޓޯރަންޓްތަކުން ކެއުމަކީ އަޅުކަމަކަށް ހެދިދާނެ ކަމަކަށް ނުބުނާނަމެވެ. ސަބަބަކީ އެއިރުން ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފޭތީއެވެ. މުސްލިމުންނަށް އޮތީ އެކަމުގައިވެސް މެދުމިން ގެންގުޅުމެވެ. މެދުމިނުގެ ރެސްޓާރަންޓަކުން 20 ޑޮލަރަށް ކެވޭ ކެއުން 5 ތަރި ތަނަކުން ކާނަމަ 200 ޑޮލަރު ޚަރަދު ކުރަން އެބަ ޖެހެއެވެ. ކަނީ ހަމަ އެކައްޗެކެވެ. ފުދެނީ އެއް ބޭނުމެކެވެ. އެހެންކަމަށްވާއިރު މަތީ ފެންވަރުގެ ތަނަކުން ކެއުމަށް އިތުރަށް ޚަރަދުކުރާ 180 ޑޮލަރު އެއިގެ ޙައްޤުވެރިންނަށް ޞަދަޤާތް ކޮށްފި ނަމަ ލިބޭނެ ގިނަ ގުނަ ސަވާބާއިމެދު ވިސްނައިލުން ރަނގަޅުވާނެއެވެ. 

(ރާއްޖޭގެ މެދުމިނުގެ ރެސްޓޯރަންޓަކަށް ބެލިނަމަވެސް ދެ މީހަކު ކެއުމަށް މަދުވެގެން 300، 400 ރުފިޔާ ޚަރަދުވާނެއެވެ. އެޢަދަދު މަދުކޮށް އިތުރުވާ ފައިސާ ޞަދަޤާތްކުރުމުގެ ފައިދާއަށް ވިސްނާށެވެ! އެފައިސާއިން ޢާއިލާގެ މީހަކަށް އެހީތެރިވެދިންނަމަވެސް އެކަންވެސް ވާނީ ޞަދަޤާތަކަށެވެ.) 

މި 3 ކަންތައް ފުރިހަމަކުރުން އެއޮތީ ކެއުމަކީ އަޅުކަމަކަށްވެފައެވެ.  

ދެން އޮތީ ޖިމްއަށް ދިއުމެވެ. ޖިމްއަށް ދަނީ ﷲ ތަޢާލާ އަނގަވާފައިވާ ކަމެއް ކުރުމަށެވެ. އެއީ ޞިއްހީ ދުޅަހެޔޮކަން އިތުރުކުރުމެވެ. އެހެންކަމުން އެއީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޖިމްއަކަށް ނުގޮސް އަމިއްލައަށް ކަސްރަތު ކުރުމަކީވެސް ހަމަ އަޅުކަމެކެވެ. ނަމަވެސް މިއިން ކޮންމެ ގޮތަކަށް ކުރި ނަމަވެސް ކުރަންޖެހޭނީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށެވެ. އެއިން ކަމެއްގެ ތެރެއަށް އިސްލާމް ދީނާއި ޚިލާފް އެއްވެސް ކަމެއް ނުވައްދައެވެ. އަދާކުރަން ޖެހޭ ފަރުޟުތައް އަދާކުރަމުންނެވެ. ޚާއްޞަކޮށް ހުޅަނގުގެ މީހުން ކުރާ ފަދައިން މިޔުޒިކާއި ނުލައެވެ. އަދި އެހެން ދީންތކުގެ މީހުން އަޅުކަމުގެ ގޮތުގައި ކުރާ އެއްވެސް ޢަމަލެއް ކަސްރަތަށްވެސް ކޮށްގެން ނުވާނެއެވެ. ޔޯގާގައި ހުރި އެބާވަތުގެ ކަންކަން ކުރުމެއް ނެތެވެ. 

ކަސްރަތު ކުރަން މިޔުޒިކް ބޭނުމެއް ނުވާނެއެވެ. ކިތަންމެ ބާރަށް އަޑުގަދަކޮށް މިޔުޒިކް ޖެހިނަމަވެސް ހަށިގަނޑަށް އެއްވެސް ކަސްރަތެއް ނުލިބޭނެއެވެ. ކަސްރަތު ލިބޭނީ ކަސްރަތު ކުރުމުންނެވެ. ވީމާ ކަސްރަތު ކުރަން މިޔުޒިކް ބޭނުމެއް ނުވާނެއެވެ. ކަސްރަތު ކުރުން ފަދަ ކަންކަމުގެ ތެރެއަށް މިޔުޒިކް ވައްދާފައިވަނީ ޝައިޠޯނާއެވެ. އެއީ އިންސާނުން ކުރާ ކޮންމެ ކަމެއްގައި ﷲ ތަޢާލާއަށް އުރެދުން ހިމަނުވާނެކަމަށް ޝައިޠާނާ ވެފައިވާ ވައުދުގެ ތެރެއިން ކުރާ ކަމެކެވެ. 

އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީން ކަމަށްވެގެންދަނީ މިފަދަ ފުރުޞަތުތައް ހުރުމުންނެވެ. ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ކުރާ ކޮންމެ ކަމަކީ ވެސް ކުރެވޭ އަޅުކަމަކަށް ހަދައި އެކަމުގެ މަންފާ ލިބިގަތުމުގެ ފުރުޞަތު އޮތުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން