ﷲ ތަޢާލާ އެއްވެސް މީހަކަށް މިންވަރުކުރައްވަވާނެ ކަންކަމާއި ނުކުރައްވަވާނެ ކަންކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ އެއްވެސް މީހެއްގެ ދުނިޔަވީ ޙަޔާތުގައި މަލާއިކަތް ބޭކަލަކާއި ބައްދަލުނުވާނެ ކަމަކަށް ނުބުނެވޭނެއެވެ. ބައެއް ޞަޙާބީންނަށް ވަނީ ޖިބްރީލްގެފާނު ފެނިވަޑައިގެންފައެވެ. ނަމަވެސް އަޞްލު ސިފަފުޅަކު ނޫނެވެ. ހުދުހެދުންކޮޅުގައި ހުންނެވި މާތްބޭކަލެއްގެ ގޮތުގައެވެ.
އެކަމަކު ކޮންމެ މީހަކާއިވެސް ޔަޤީންކަމާއިއެކު ބައްދަލުވާނެ މަލާއިކަތަކުވެއެވެ. ކާފިރުންގެ ލޮލަށް އެމަލާއިކަތާ ފެނުމާއިއެކު ބިރުން ވިރިގެންދާނެއެވެ. ހުއްޓުވައިދިނުން އެދި އަޑުގަދަކުރަންވެސް އުޅެވޭނެއެވެ. އަތްފައިން ހުރަސް އަޅަންވެސް ބޭނުންވާނެއެވެ. ނަމަވެސް ހަމަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އަތްފައި ތަޅުވައިވެސް ނުލެވޭނެއެވެ.
މުސްލިމުން ތަފާތުވާނެއެވެ. މުސްލިމުން ކަމަށް މިބުނަނީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވި އަޅުންގެ ވާހަކައެވެ. އެމީހުން ހިނިތުންވާނެއެވެ. އުފަލާއިއެކު މަރުޙަބާ ކިޔާނެއެވެ. އެއީ އެމަލާއިކަތާ އެމީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުން އުފާވެރިކަމުގެ ޚަބަރު ދެއްވަވާނެތީއެވެ.
މިބުނެވުނީ ކޮން މަލާއިކަތެއްގެ ވާހަކަކަން އެބައެނގޭ ހެއްޔެވެ؟ މިބުނެވުނީ މަލަކުލްމައުތުގެ ވާހަކައެވެ. ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތާގެ ވާހަކައެވެ.
ދެން އޮތީ ފުރާނަ ހިއްޕެވުމުގެ ވާހަކައެވެ. ކާފިރުންނަށް އެކަންވާނީ ހިތަށް ނުވެސް ގެނެވޭނެ ވަރުގެ ބޮޑު ކަމަކަށެވެ. ވަޒަންކުރަން ހިތަށްވެސް ނުގެނެވޭނެ ވަރުގެ ބޮޑު އަނިޔާއަކަށެވެ. ނަމަވެސް މުސްލިމުންނަށް އެކަމުން އުފުލަންޖެހޭނީ ދާދިކުޑަކުޑަ ތަކްލީފެކެވެ.
ދެން މިކުރަނީ އަހުރެން ކުރަން ބޭނުންވާ ސުވާލެވެ. އެސުވާލަކީ އެމަލާއިކަތާއާއި ބައްދަލުކުރަން ތިބާ ތިއަހުރީ ތައްޔާރަށް ހެއްޔެވެ؟ އެކަމަށް ތިބާ ކުރަނީ ކޮންކަމެއް ހެއްޔެވެ؟
ދެން އޮތީ ދޭން އޮތް ނަޞީޙަތެވެ. މިއަދުން ފެށިގެން ކުރާ އެންމެ މުހިންމު ކަމަކީ ނުވަތަ އެންމެ ބޮޑަށް ސަމާލުކަންދީގެން ކުރާ ކަމަކީ އެމަލާއިކަތާ އާއި އުފަލުގައި ބައްދަލުކުރަން ކުރާ މަސައްކަތް ކަމުގައި ހަދާށެވެ. އެމަސައްކަތް ކާމިޔާބުކުރެވިއްޖެނަމަ ތިބާގެ ދާއިމީ މަންޒިލަކީ ސުވަރުގެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްހަކީމްގެ ދަރުސަކުން