އިބިލީހާމެދު ގިނަ ބައަކު ކުރާ ބައެއް ސުވާލުގެ ޖަވާބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
އިބިލީހާމެދު ގިނަ ބައަކު ކުރާ ބައެއް ސުވާލުގެ ޖަވާބު-

އިބިލީސް ނުލެއްވެވިނަމަ ތިމާއަށް ފާފަނުކުރެވުނީސްކަމަށް ބުނާ ބައަކު އުޅެއެވެ. ސުވާލަކީ އިބިލީސް ލެއްވެވުމަކީ ތިބާ ފާފަކުރަންޖެހޭ ސަބަބެއް ހެއްޔެވެ؟ އިބިލީހަށް ތިބާލައްވައި އެއްވެސް ފާފައެއް ކުރުވުމުގެ ކުޅަދާނަކަން ދެއްވަވާފައެއް ނުވެއެވެ. ތިބާއަށް ވަނީ ބުއްދި ދެއްވަވާފައެވެ.  ދެން ކޮށްލަން އޮތް ސުވާލަކީ އަލިފާން ލެއްވެވީތީ ތިބާ ގޮސް އަލިފާނަށް ނޭރެނީ ކީއްވެގެން ހެއްޔެވެ؟ އަލިފާނުން ސަލާމަތްވެ ހުންނަން މަސައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ؟

ޖަވާބަކީ ހޫނުވެ ފިހޭނެތީ ކަމަށްވާނަމަ ބަލަ ޝައިޠޯނާ ބުނާ ގޮތަކަށް އުޅުނީމާ ނަރަކައަށް ވަންނަން ނުޖެހޭނީ ހެއްޔެވެ؟ ނަރަކައިގެ އަލިފާން ފިނިވެ އަރާމުވާނީ ހެއްޔެވެ؟ ހަމަހިލާވެސް އެެހންނަކުން ނުވާނެއެވެ. ދުނިޔޭގައި މިގެންގުޅޭ އަލިފާނަށްވުރެ 69 ގުނަ އިތުރަށް ހޫނުވާނެއެވެ. މިކަންކަމަށް ނުވިސްނަނީ ބުއްދި ނުދެއްވާތީހެއްޔެވެ؟  

ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. ﷲ ތަޢާލާ އިބިލީސް އުފައްދަވައި ލެއްވެވީ ކީއްވެގެން ހެއްޔެވެ؟ މިސުވާލަށް އިތުރުކުރަމުން ގޮސް މީސްތަކުންނަށް ވަސްވާސް ދިނުމުގެ ބާރު އިބިލީހަށް ދެއްވެވީ ކީއްވެގެންތޯވެސް ސުވާލުކުރެއެވެ. މިސުވާލުތަކުގެ ޖަވާބު ބޮޑެތި ބޮޑެތި ޢިލްމުވެރިން ވަނީ ވަރަށް ފުރިހަމައަށް ދެއްވަވައިފައެވެ.  

އިބިލީސް ލައްވަވާފައިވަނީ މީސްތަކުންގެ ތެރެއިން ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބެނީ ކޮން ބައަކުކަން ބެއްލެވުމަށެވެ. ތަޤްވާވެރިކަމުގައި ޘާބިތުވާ ބައަކަށް ސުވަރުގޭގެ މަތިވެރި ދަރަޖަތައް ދެއްވެވުމަށެވެ. މީސްތަކުން އިމްތިޙާން ކުރެއްވެވުމަށެވެ.  

މީސްތަކުންނަށް ބޭނުންވާ ހުރިހާ ނިޢުމަތްތަކެއް ދެއްވަވަނީ ﷲ ތަޢާލާއެވެ. އިބިލީހަށް ކޮށްދެވޭ އެއްވެސް ކަމެއް ނެތެވެ. ނުވެސް އޮންނާނެއެވެ. ﷲ ތަޢާލާ އިންސާނުންނަށް ބޭނުންވާނެ ހުރިހާ ނިޢުމަތްތަކެއް ދެއްވެވުމަށްފަހު މީސްތަކުންނަށް ވަނީ އެމީހުން އުޅެންވީ ގޮތް އަންގަވައިފައެވެ. އެގޮތަށް އުޅުމުން ދެއްވަވާނެ މަތިވެރި ނިޢުމަތްތައްވެސް ވަނީ ބަޔާންކުރައްވަވައިފައެވެ. މިހުރިހާ ކަންކަން ކޮށްދެއްވެވުމުން އިބިލީސް ބުނާ ގޮތަށް ކަންކަން ކުރަންވީ ކީއްކުރަންހެއްޔެވެ؟  

ހަމަ އެއާއިއެކު ވިސްނައިލާށެވެ! އިބިލީސް ލައްވަވާފައިވީނަމަވެސް އިބިލީހަށް ތިބާ އާއި ކައިރިވެސް ނުވެވޭނެ މަގުވެސް ﷲ ތަޢާލާ ވަނީ ދައްކަވައިފައެވެ. އެއީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވެ، ޝުކުރުވެރިވެ ކިޔަމަންތެރިވުމެވެ. އެއިރުން އިބިލީހަކަށް އެމީހަކާއި ވައިވެސް ނުއެޅެވޭނެއެވެ. ވަސްވާހެއް ނުދެވޭނެއެވެ.  

މަރުވާނެކަމާއި ކައްވަޅުގެ ޢަޛާބާއި ނަރަކައާއި ސުވަރުގެއާއިމެދު ފުންކޮށް ވިސްނުމުގެ ބާރާއި ކުލަދާނަކަން ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް ދެއްވަވައިފައެވެ. އެކަންކަމަށް ވިސްނާ މީހާ ހުންނާނީ އިބިލީހުގެ ނުރައްކަލުން ސަލާމަތްވެގެންނެވެ. އެކަންކަމަސް ނުވިސްނައި އިބިލިސް ދައްކާ އަވާ މެންދުރަށް ހެއްލިގެންދަނީ އެމީހަކު އަމިއްލައަށެވެ.  

ވީމާ އިބިލީސް އުފައްދަވައި ލެއްވެވުން ކުށްވެރިކޮށް ސުވާލުތައް ކުރިމަތިކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެކަންކުރާ ބައަކު އެކަން އެކުރަނީ އެމީހުން މިބަޔާންކުރި ކަންކަމަށް ވިސްނަން ބޭނުންނުވެ އިބިލިހުގެ މަގުގައި ތިބެން ބޭނުންވެގެންނެވެ. އެއީ އެމީހެއްގެ އަމިއްލަ އިކްތިޔާރަށް ﷲ ތަޢާލާ ދޫކޮށްލައްވަވާފައިވާ ކަމެކެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

މިއަދު އޮންލައިން