ޢާއިލާގެ އެންމެ އިސްމީހާ ނަމަވެސް ޖިންސީ ގޯނާކޮށްފިނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ! ނޫންނަމަ ލިބޭ ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ޢާއިލާގެ އެންމެ އިސްމީހާ ނަމަވެސް ޖިންސީ ގޯނާކޮށްފިނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ! ނޫންނަމަ ލިބޭ ދެރަ މާބޮޑުވާނެ!

އެއްވެސް މީހަކު ތިމާގެ ޢާއިލާގެ މީހަކަށް ޚާއްޞަކޮށް އަނބިދަރިންނަށް އެއްވެސް މީހެއްގެ ކިބައިން ޖިންސީ ގޯނާގެ ކިތަންމެ ކުޑަކުޑަ މިންވަރެއް ނަމަވެސް ލިބޭކަށް ނުއެދޭނެއެވެ. އެކަން ހުއްޓުވަން ބޭނުންވާނެއެވެ. 

އެހެންކަމާއިއެކުވެސް ބައެއް ޢާއިލާތަކުގެ ޙާލަތު ހުންނަ ގޮތުން ޢާއިލާގެ އިސް މީހުން، ޚާއްޞަކޮށް ގެއަށް މާލީ އެހީތެރިކަން ވައްދާ މީހަކު އެފަދަ ކަމެއް ކުރިނަމަވެސް ފިޔަވަޅު އަޅަން ފަސްޖެހެއެވެ. އެއީ ޢާއިލާއަށް ކުރިމަތިވެދާނެ މާލީ މައްސަލަތަކަށް ކަންބޮޑުވެވޭތީއެވެ. 

އަހުރެންގެ ނަޞީޙަތަކީ އެފަދަ ކުށެއް ކޮށްފިކަން އެނގިއްޖެނަމަ ފުރަތަމަ ކަމަކަށް ނަޞޭޙަތްދޭށެވެ. އެކަން ޤަބޫލުނުކޮށް ތަކުރާރުކުރާނަމަ ފިޔަވަޅުއަޅާށެވެ. ރިޒުޤުގެ ކަންތައް ﷲ ތަޢާލާއަށް ވަކީލްކުރާށެވެ. ސަބަބަކީ ފިޔަވަޅު ނާޅައި ދޫކޮށްލައިފިނަމަ ނުކުންނަ ނަތީޖާ މާހިތިވާނެތީއެވެ. 

މިޘާލަކަށް އެއީ ކަމަކަށް ނުހަދައި ދޫކޮށްލައިފިނަމަ އެކަމުގެ ސަބަބުން ކުދިންގެ ދިރިއުޅުން ހަލާކުވެގެންދާނެތީއެވެ. ފާޙި|ޝް ޢަމަލުތައް ކުރުމަކީ މައްސަލައެއް ނޫން ކަމަށް ވިސްނެން ފަށައިފާނެތީއެވެ. އެކަމަށް ބިރުކެނޑި ހޭނިދާނެތީއެވެ. އަދި އެންމެ ހިތާމަހުރި އެއް ކަމަކީ އެގޮތަށް އަނިޔާލިބޭ ކުދިން ބޮޑެތިވެ މުޅި ޢުމުރުގައިވެސް ނަފްސާނީ މައްސަލަތަކުގައި އުޅެންޖެހޭ ކަމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ޑރ. ޔާސިރު ޤާޟީ ގެ ބަސްފުޅު: 

އިސްލާމް ދީނަށް ބަލައިފިނަމަ އެންމެހައި މީސްތަކުންގެ، ޚާއްޞަކޮށް ޢާއިލާގެ ޙައްޤުތައް ޙިމާޔަތްކުރުމަކީ އެންމެ އިސްކަންދޭންޖެހޭ 5 ޙައްޤުގެތެރެއިންވާ ޙައްޤެކެވެ. އިސްލާމީ ޝަރީޢަތުގައި ޢާއިލާގެ ޙައްޤުތައް ޙިމާޔަތްކުރަން އެހައިބޮޑު އިސްކަމެއް ދީފައި އެވަނީ އެހެންވެގެންނެވެ. 

ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމާއި ޖިންސީ ގޯނާކުރުމަށް ބޮޑެތި އަދަބުތަކެއް އިސްލާމް ދީނުގައި ކަނޑައަޅުއްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. ވީމާ އެފަދަ ކުށެއްކޮށްފި މީހަކަށް ދެވޭ އަދަބަކީ އެކުށްކުރުން ހުއްޓުވޭފަދަ ބޮޑު އަދަބަކަށްވާންޖެހޭނެއެވެ. ލުއި އަދަބަކަށްވެގެން މީސްތަކުންގެ ޙައްޤު ޙިމާޔަތެއް ނުކުރެވޭނެއެވެ. 

ޖިންސީގުޅުން ހިންގުމާއި ޖިންސީ ގޯނާކުރުމުން ދޭންވީ އަދަބުތައް ރަސޫލް () ވަނީ އެތައްފަހަރަކު ޙަދީޘްފުޅުކުރައްވަވައިފައެވެ. އަދި އެފަދަ ޢަމަލެއްކޮށްފިނަމަ އެމީހަކަށްވަނީ ޙައްޤު  އަދަބުވެސް ދެއްވަވައިފައެވެ. 

ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެހެންކަމާއިއެކުވެސް އެއިރުވެސް ކިތަންމެ މަދުންނަމަވެސް އެފަދަ އަނިޔާވެރިކަންކަން ކުރެވުނުކަމެވެ. އަންހެނުންގެ ކަރާމާތަށް އަރައިގަނެވުނުކަމެވެ. އެކަމުން އެނގެނީ ޝައިޠޯނާގެ ބަހަށް ހެއްލި ނުބައި އަމަލުތައް ކުރާނެ ބައަކު އަބަދުވެސް އުޅޭނެކަމެވެ. ވީމާ މިޒަމާނުގައި އެފަދަ ޢަމަލުތައް ކުރުން ގިނަވާނެކަމެވެ. މައިގަނޑު ސަބަބަކީ އެފަދަ ޢަމަލެއް ކުރުމުން ދޭންޖެހޭ އަދަބު އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ނުދެވޭކަމެވެ. 

އަންހެނުން ހެދުންލުމާއި އެނޫންވެސް ކަންކަމުގައި ރައްކަތެރިވާންޖެހޭނެއެވެ. ގެއިން ބޭރުގައި އުޅެންޖެހޭނީވެސް އިސްލާމްދީނުގައިވާގޮތުގެމަތިންނެވެ. ގެއިން ނުކުނަންނަޖެހޭ ކަންކަމުގައި ނޫނީ ނުކުތުމެއް ނެތެވެ. އެންމެ ރަނގަޅުގޮތަކީ ތިމާއަށް ރައްކައުތެރިކަން ދޭނެ މީހަކާއިއެކު ގެއިން ބޭރަށް ދިއުމެވެ. 

އަދި ކިތަންމެ ވަރަކަށް ރައްކައުތެރިވި ނަމަވެސް ނުބައި އަމަލުތައް ކުރާމީހުން އެކަން ކުރާނެއެވެ. ވީމާ އަނހެން މީހާގެ ކުށެއްނެތި އެކަނބަލުންނަށް އެހެން މީހުން ކުރާ އަނިޔާ އާއި ގުޅިގެން އެކަނބަލުން ބަދުނާމުނުކުރާށެވެ! އެކަންވާނީ ކުރެވޭ ފާފައަކަށެވެ!

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން