ޢަދުލުވެރިވުމަކީ ހަމައެކަނި ފަނޑިޔާރުގެތަކުން ކުރަން އޮތް ކަމެއް ނޫނެވެ. އަމިއްލަ ޢާއިލާގެ ތެރޭގައިވެސް ޢަދުލުވެރިކަން އޮންނަން އެބަޖެހެއެވެ. އެކަން ޙާޞިލުކުރެވޭނީ ކޮންމެ މީހަކީވެސް ޢަދުލުވެރިއަކަށްވެވިގެންނެވެ. ޢަދުލުވެރިއަކަށް ވެވޭނީ ޙައްޤަށް ބަސްބުނެގެންނެވެ.
މުޖުތަމަޢުތަކުގައި ވެސް އަދި ގިނަ ބައަކު އެކުގައި ދިރިއުޅޭއިރު ޢާއިލާގެ ތެރޭގައިވެސް މިހާރަކަށް އައިސް އެންމެ ބޮޑު އެއް މައްސަލައަކަށްވެފައިވަނީ ތިމާގެ ގާތް މީހުންނަށް ކުރެވޭ ނުބައި ޢަމަލުތައް ސިއްރުކޮށް އޭނާ އިޞްލާޙްކުރަން މަސައްކަތް ނުކުރެވޭ ކަމެވެ. އަނެކާ ނުރުހިދާނެ ކަމަށް ބަލައި ޙައްޤު ބަސް ބުނަން ޖެހިލުންވާ ކަމެވެ.
މިކަން ފެތުރިފައިވާ މިންވަރު ބޮޑުކަމުން ލޯބިން ބަލައި ބޮޑުކުރި ދަރިންވެސް މަގުފުރެދިގެން އެބަދެއެވެ. މިޘާލަކަށް ތަންކޮޅެއް ރުޅިގަދަ ދަރިއަކު ހުރިނަމަ އެދަރިއަކު ކޮންމެ ކަމެއް ކުރިނަމަވެސް ބަހެއް ބުނާކަށް ނުކެރެއެވެ. ތަންކޮޅެއް ތނަވަސް ދަރިއަކު ހުރިނަމަ އެދަރިއަކާއި ދިމާއަށްވެސް ބަހެއް ބުނާކަށް ނުކެރެއެވެ. އެކަމުގެ ސަބަބުން ނުހަނު ލޯބިން ބަލައި ބޮޑުކުރި ދަރިން މަގުފުރެދި ހަލާކުވެގެން އެބަދެއެވެ.
ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ތިމާގެ ކިތަންމެ ގާތް މީހަކު ނަމަވެސް އަދި ތިމާ ކިތަންމެ ޤަދަރުކުރާ މީހަކު ނަމަވެސް ގޯސްކަމެއް ކުރާނަމަ ނުވަތަ ގޯސް ބަހެއް ބުނާނަމަ އެކަމަކަށް އިންކާރުކޮށް ޙައްޤު ބަސް ބުނުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭނެ" އެވެ.
މިބަސްފުޅުގެ މާނައިގައި ނުބައި ޢަމަލެއް ކުރަނީ ތިމާގެ އަނބިމީހާ، ފިރިމީހާ، ދަރިން ފަދަ އެންމެ ލޯބިވާ މީހަކުކަމުގައިވީނަމަވެސް އެމީހަކުވެސް ހިމެނެއެވެ. މައިންބަފައިން ކަމުގައިވީނަމަވެސްމެއެވެ. އަދި ތިމާއަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެހީތެރިންނާއި އެންމެ ގާތް އެކުވެރިންވެސް ހިމެނެއެވެ.
ތިމާ އެމީހެއްގެ ވަޒީފާގައި ހުރިނަމަވެސް އެއީ "ބޮސް" ކަމުގައިވީނަމަވެސް ނުބައި ކަމެއް ކުރާނަމަ ޙައްޤު ބަސް ބުނަން ޖެހޭނެ ކަމާއި އެމީހަކީ ސިޔާސީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ތިމާ އެންމެ ރުހޭ މީހާ ނަމަވެސް އެމީހަކުވެސް ހިމެނެއެވެ. މީގެ އިތުރުން އެމީހަކީ ތިމާ އާއި މާބޮޑު ގުޅުމެއް ނެތް މީހަކު ނަމަވެސް އެމީހަކުވެސް ހިމެނެއެވެ.
ޙައްޤު ބަސްބުނެ ނުބައި ޢަމަލުތައް ކުރުން ހުއްޓުވަން މަސައްކަތްކުރުމަކީ ވަކި މީހަކަށް ނުބަލައި ކުރަންޖެހޭނެ ކަމެކެވެ. އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެކެވެ. ﷲ ތަޢާލާގެ ދީން މަތިވެރިކުރުމަށް ކުރަންޖެހޭ ކަމެކެވެ.
އެހެނީ މުސްލިމުންނަކީ އަޚުންނެވެ. އަހަރެމެންނަކީ އަހަރެމެންގެ އަޚުން ގޮވައިގެން ސުވަރުގެދާން މަސައްކަތްކުރންޖެހޭ ބައެކެވެ. ޙައްޤު ބަސްބުނެ ނުބައި އަމަލުތައްކުރުން ހުއްޓުވުމަކީ ކޮންމެ މުސްލިމަކު ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެނގިގެންދަނީ ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުންނެވެ. ޙަދީޘްފުޅުގައި އޮތީ ނުބައި އަމަލެއް ކުރާތަން ފެނިއްޖެ އަތުން އެކަމެއް ހުއްޓުވުމަށެވެ. އެކަމަށް ނުކުޅެދިއްޖެ މީހާ ދުލުން އެކަމެއް މަނާކުރުމަށެވެ. އެކަމަށްވެސް ނުކުޅެދިއްޖެ މީހާ ހިތުން އެކަން ކުށްވެރިކުރުމެވެ.
ވީމާ ކޮންމެ މީހަކު ނަމަވެސް ކުރާ ނުބައި ޢަމަލުތަކާއި ދުލުން ބުނާ ނުބައި ބަސްތައް އެމީހަކަށް އަންގައިދީ އެމީހަކު އިޞްލާހް ކުރަން މަސައްކަތް ކުރަންވާނެއެވެ. އެކަމުން ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ޘަވާބާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރާށެވެ! އެއީ އެއްވެސް މީހަކަށް ޢަދަދުވެސް އެނގެން އޮތްކަމެއް ނޫނެވެ. އެހައިވެސް މަތިވެރި ކަމެކެވެ.
މިދެއްކި ހުރިހާ ވާހަކަތަކަށް ދަލީލު ލިބިގެންދާ ޙަދީޘްފުޅެއް ފެންނަން އެބައޮތެވެ.
نْ طَارِقِ بْنِ شِهَابٍ أَنَّ رَجُلًا سَأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَيُّ الْجِهَادِ أَفْضَلُ قَالَ كَلِمَةُ حَقٍّ عِنْدَ سُلْطَانٍ جَائِرٍ
Tariq ibn Shihab reported: A man asked the Messenger of Allah, peace and blessings be upon him, “What is the best jihad?” The Prophet said, “A word of truth in front of a tyrannical ruler.”
Source: Musnad Aḥmad 18449
Grade: Sahih (authentic) according to Al-Nawawi
މިޙަދީޘްފުޅުން އެނގިގެންދަނީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ޙައްޤުބަސް ބުނުމަކީ އެންމެ މަތިވެރި ޖިހާދެއްކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން