މިހެން މިބުނަނީ ސިފަކިޔާކަށް ނޫނެވެ. ނަމަވެސް ޙާދިސާގެ ގޮތުން ސިފަކިޔައިދޭންޖެހޭތީ ކިޔައިދެނީއެވެ. އޭނާއަކީ ބަލައިލަން ރީތި އަންހެނެއްވެސް ނޫނެވެ. ނުކުޅެދުންތެރިކަމެއް ހުރީތީ ހިނގަނީވެސް ކޮރުޖަހަމުންނެވެ.
އަހުރެންގެ ގާތަށް އައިސް ބުންޏެވެ. "ޝައިޚް އެވެ. އަހުރެންނަކީ ވަރަށް ނިކަމެތި ފަޤީރަކީމެވެ. ކައިވެނިކުރާނެ މީހަކު ނުލިބުނެވެ. ސިފައާއި ހުރި ޙާލަށް ބަލައި ކައިވެނިކުރަން އެއްވެސް މީހަކު ބޭނުން ނުވަނީއެވެ. އަހުރެން ކުރާނެ ދުޢާއެއް ބުނެދޭށެވެ."
އަހުރެން އޭނާއަށް ޙަދީޘްފުޅެއް ކިޔައިދިނީމެވެ. ބުނީމެވެ. "ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ތިމާ ބޭނުންވާ ކަންތަކުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ނުދެންނެވިނަމަވެސް އެއީ އެމީހަކު އެދޭ ކަންތައް ﷲ ތަޢާލާ އެކަމެއް ހިންމަވައި ދެއްވަވާ ސަބަބެކެވެ."
ބުނަން ހެއްޔެވެ؟ އެއިގެ 3 މަސް ފަހެވެ. ސްޕަމާކެޓަކުން އެއަންހެން މީހާ އާއި ބައްދަލުވިއިރު ހުރީ ފިރިހެނެއްގެ އަތުގައި ހިފައިގެންނެވެ. އެއީ ތަނަވަސް މީހެކެވެ. ހެޔޮލަފާ މީހެކެވެ. ތަޤްވާވެރިއެކެވެ. އެމީހާއާއިއެކު އަހުރެންނާއި ބައްދަލުކޮށްފައި ބުންޏެވެ. "ޝައިޚް އެވެ. ޙަމްދުހުރީ ﷲ އަށެވެ. ޝައިޚަށް ޝުކުރު އަދާކުރަން އަދި މިއުޅެނީ ނުދެވިގެންނެވެ. މިއީ އަހުރެންގެ ފިރިމީހާއެވެ."
ޙައިރާންވެ ބަލަހައްޓައިގެން ހުރެވުނެވެ. ބުނާނެ އެއްޗެއްވެސް ނުވިސްނިފައެވެ.
އަހުރެން ބުނާނީ ފުރަތަމަ ކަމަކަށް ތިމާއަކީ ފުރިހަމަ ތަޤްވާވެރިއަކަށްވާށެވެ! ބޭނުންވާ ކަންތަކަސް ނިޔަތް ގަނެގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. އެކަމެއް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިމާމް ޢުމަރު ސުލައިމާން ދެއްވާފައިވާ ނަޞީޙަތެއްގެ މައްޗަށް ލިޔެފައި