އަހުރެމެންގެ ކައިވެންޏަށް 50 އަހަރު ފުރި ގޯލްޑަން ޖުބިލީ ފާހަގަކުރިފަހުން އެކުވެރިއަކު ސުވާލުކުރިއެވެ. "ތިބާގެ އަނބިމީހާ ކިހިނެއް ހެއްޔެވެ؟" ޖަވާބުގައި އަހުރެން ބުނީމެވެ. އޭނާއަކީ ހުރިހާ ގޮތަކުން ވަރަށް ބަރާބަރު އަންތބެކެވެ. އެއްވެސް މައްސަލައެއް ނެތެވެ.
ދެން އޭނާ ބުންޏެވެ. މިސުވާލު ކަލޭގެ އަނބިމީހާއާއި ކުރުމުންވެސް ދިނީ ހަމަ ތިއަ ޖަވާބެވެ. ތިއަ ދެމަފިރިންގެ މެދުގައި ހަމަ އެއްވެސް މައްސަލައެއް ނުޖެހެނީ ހެއްޔެވެ؟
ޖަވާބުގައި އަހުރެން ބުނީމެވެ. އެއްވެސް މައްސަލައެއް ނުޖެހި ހުރިހާ ކަމެއް ފުރިހަމަވެގެން އުޅެވޭނީ ސުވަރުގޭގައި ނޫންހެއްޔެވެ؟ ދުނިޔޭގައި އެއީ ކާކަށް ޙާޞިލުކުރެވޭނެ ކަމެއް ހެއްޔެވެ؟
އަދިވެސް ބުނީމެވެ. އެކުވެރިޔާއެވެ. އަނބިމިހާގެ ކުށްތައް ގުނަންވެއްޖެނަމަ 100 އިންވެސް ގުނިދާނެއެވެ. އަހުރެންގެ ކުށްތައް ގުނަންވެއްޖެނަމަ އެއަށްވުރެވެސް މާގިނަވާނެއެވެ. އަނބިމީހާވެސް އެކަން އެގޮތަށް ޤަބޫލުކުރެއެވެ. ވީމާ ޖެހޭ އެއްވެސް މައްސަލައަކީ މައްސަލައަކަށް އަހުރެމެން ދެމީހުންކުރެ އެކަކުވެސް ނުހަދަމެވެ. ޙައްލުކޮށްލާފައި އެކަކު އަނެކަކަށް ހިނިތުންވެލަނީއެވެ.
އެކަމަކު ބުނަންހެއްޔެވެ؟ އެގޮތަށް އެކަންކުރެވޭނީ ދެމީހުންވެސް އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމަސް ހަދައިގެންނެވެ. ދިރިއުޅެނީ ސުވަރުގެ ލިބިގަތުމަށާއި އަދި ދެމީހުންވެސް ސުަވރުގެއިން ބައްދަލުކޮށް ސުވަރުގޭގައި އެކުގައިވާން ޢަޒުމްކަނޑައަޅައިގެން ދިރިއުޅެގެންނެވެ.
އަހުރެންގެވެސް ކުށްތަކެއް ހުންނާނެއެވެ. ނަމަވެސް އަނބިމީހާއަށް ޔަޤީންކަން އޮންނާނެ 4 ކަމެއް ބުނެލާނަމެވެ. އެއީ އަހުރެން މަކަރުނުހަދާނެ ކަމާއި އޭނާއަށް ދެރައެއް ނުދޭނެ ކަމާއި އޭނާއާއި ވަކިނުވާނެ ކަމެވެ. އަދި އަބަދުވެސް އޭނާދެކެ އެންމެ ކުރިއާއި އެއްވަރަށް ލޯބިވާނެ ކަމެވެ. އަނިބިމީހާގެ މައްޗަށް އަހުރެންނަށްވެސް މި 4 ކަންތަކަށް ޔަޤީންކަން އޮވެއެވެ، މި 4 ކަންތަކަށް ޔަޤީންކަން ދެވޭނަމަ ކޮންމެ ދެމަފިރިއަކަށްވެސް އަހުރެމެން ފަދައިން ހިތްހަމަޖެހިގެން އުފަލުގައި އުޅެވޭނެއެވެ. އިން ޝާ ﷲ
- ޢިލްމްވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެއް