ކުދިންނަށް ކުޅޭތަކެތި ހޯދައިދިނުމުގަ ސަމާލުވާންޖެހޭނެ ކަންކަން އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކުދިންނަށް ކުޅޭތަކެތި ހޯދައިދިނުމުގަ ސަމާލުވާންޖެހޭނެ ކަންކަން އެބަހުރި!

ތަނަވަސްކަން ހުންނަވަރަކުން ބެލެނިވެރިން ކުދިންނަށް ކުޅޭތަކެތި ހޯދައިދެއެވެ. އެގޮތަށް އެއްޗެތި ހޯދައިޑާއިރުވެސް ހޯދައިދޭންވާނީ އެކުދިންނަށް ފައިދާކުރާނެ ތަކެއްޗެވެ. އެކުދިންގެ ހިތުގައި އެއްޗަކަށް ލޯބި އުފެދުން ރަނގަޅު ތަކެއްޗެވެ.

މުސްލިމުން އެއްޗަކަށް ލޯބިކޮށްގެން ނުވާނެ، ބީހިހަދައިގެން ނުވާނެ ތަކެއްޗަށް ކުދިންގެ ހިތުގައި ލޯބި އުފެދޭކަންކަން ކޮށްގެން ނުވާނެއެވެ. ތުއްތުއިރު ކުދިންގެ ހިތުގައި ޝައުޤުވެރިކަމާއި ލޯބި އުފެދޭކަންކަން އެކުދިން ބޮޑުވުމުންވެސް ހަނދާނަހުރެއެވެ. ޝައުޤުވެރިކަން އުފެދެއެވެ. އެކަންކަމަށް ލޯބިހުރެއެވެ.

އެކަމުގެ ހެކިތައް ފެނެއެވެ. ބައެއް ކުޑަކުދިންނަށް ކުއްތާ ފަދަ މުސްލިމުން އަތްލުން ޙަރާމްތަކެތި ފެނުމުން ގޮސް ބީހިފިރުމާލައިހަދައެވެ. އެކަމުން އެނގެނީ އެކުދިން ތަރުބިއްޔަތުކުރުމުގައި އެކަންކަމަށް ސަމާލުކަންދެވިފައިނުވާކަމެވެ.

މިވާހަކަ ދައްކަން މިޖެހެނީ މިހާރަކަށް އައިސް ކުއްތާ އާއި އޫރާއި އެނޫންވެސް މުސްލިމުން އެއްޗަކަށް ލޯބިކޮށްގެން ނުވާނެ ތަކެތީގެ ސޫރައިގައި ހަދާފައި ހުންނަ ތަކެތި ދަރިންނަށް ކުޅެން ގަނެދެވޭތީއެވެ. މިއީ އެއްގޮތަކަށްވެސް ކުރުން ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ އެކަމުގެ ސަބަބުން ކުދިންގެ ހިތުގައި އެފަދަ ތަކެއްޗަށް ލޯބި އުފެދޭތީއެވެ.

ވިސްނަންޖެހޭ ކަމަކީ ކުދިންނަށް އެންމެ މުހިންމީ ތުއްތުއިރު ދެވޭ ތަރުބިއްޔަތުކަމެވެ. ދަސްކޮށްދެވޭ އާދަތައްކަމެވެ. އެއީ ރަނގަޅު އާދަތަކެއްނަމަ އެކަމުގެ ފައިދާ ކުއްޖާގެ މުޅި އުމުރަށްވެސް ކުރާނެއެވެ. ހަމަ އެފަދައިން ނުބައި އާދަތަކުގެ އަސަރު މުޅި ޢުމުރަށްވެސް ކުރާނެއެވެ.

ވީމާ މިފަދަ ކަންކަމަށް ބެލެނިވެރިން އަބަދުވެސް ހޭލުންތެރިވާންވާނެއެވެ. ރަނގަޅު ބިންގަލުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރެވުނުކަމަށްވާނީ އެއިރުންނެވެ. ކޮންމެ ކަމެއްގައިވެސް އެންމެ މުހިންމީ ބިންގަލެވެ. ވީމާ މިކަންކަމަށް ފުރަތަމައިން ފެށިގެން ސަމާލުކަންދެމުން ގެންދާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން