އެއްވެސް ޝައްކެއް ނެތެވެ. ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އުފާވާނެ ކަމަކީ ﷲ ތަޢާލާ ތިމާދެކެ ލޯބިވެވޮޑިގަންނަވާކަން އެނގުމެވެ. އެކަމުގެ އިޙްޞާޞް ކުރެވުމެވެ. އެހެންވެ މިބަޔާންކުރަނީ އެކަމުގެ ބައެއް ޢަލާމާތްތަކެވެ.
އިމްތިޙާނު ހެދުމަށްފަހު ނަތީޖާ ނުލިބުނަސް ފާސަވާނެ ކަމުގެ ޔަޤީންކަން އެއްބައަކަށް ލިބިގެންދެއެވެ. އެއީ ދަސްކުރި ފިލާވަޅާއި އެއްގޮތަށް ޖަވާބުދެވުނުކަމުގެ ޔަޤީންކަން ލިބޭ މީހުންނެވެ. ހަމައެފަދައިން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދަނީ ﷲ ތަޢާލާ އެންގެވި ގޮތަށް އުޅުމުން ކަމުގައިވާއިރު ތިމާއަށް މިއުޅެވެނީ އެގޮތަށްކަން ޔަޤީންކުރެވޭމީހުންނަށް ލިބިގެންދާނެ ހޮިތްހަމަޖެހުންވަރަށް ބޮޑެވެ.
ހަމައެއާއިއެކު ތިމާއަށް މިއުޅެވޭ ގޮތް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާކަމުގެ ހިތްހަމަޖެހުން ލިބިގެންދާނެ ގޮތްތަކެއްވެސްވެއެވެ. އެއްވެސް ޝައްކެއްނެތެވެ. ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ރުހިވޮޑގަތުމާއި ލޯބިފުޅުވެވޮޑިގަތުން ލިބުމަކީ ދެދުނިޔެ ބާއްޖަވެރިކުރުމަށްއޮތް މަގެވެ. އެހެންކަމުން، އެކަލާނގެ ތިބާދެކެ ލޯބިފުޅުވެވޮޑިގެންވާކަން ދެނެގަންނާނީ ކިހިނަކުންތޯ ވަރަށް ގިނައިން ސުވާލުކުރެވޭފަހަރު އާދެއެވެ.
އަހަރެމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންވީކަމަކީ، ﷲ ޞުބުޙާނަހޫ ވަޠަޢާލާއަކީ އަލް ވަދޫދު 'الودود' ކަމެވެ. އެއީ އެންމެ ބޮޑަށް ލޯބިފުޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ.
ތިބާދެކެ ﷲ ޞުބުޙާނަހޫ ވަޠަޢާލާ ލޯބިފުޅުވެވޮޑިގަންނަވާކަން ދެނެގަނެވޭނެ ވަރަށް ބައިވަރުގޮތްތަކެއްވެއެވެ. އެގޮތުން، ގިނަ ގިނައިން ތިބާގެ ނަފްސު ﷲ ޞުބުޙާނަހޫ ވަޠަޢާލާ ހަނދުމަކުރާ ޙާލުގައި އިންނާނެތެވެ. އެއީ ޒިކުރުތައްފަދަ ތަކެތި ކިޔުމެވެ.
އަދި ކީރިތި ޤުރުއާނާއި ތިބާއާއި ދެމެދު ވަރުގަދަ ގުޅުމެއްއޮންނާނެތެވެ. އެގޮތުން، ޤުރުއާން ކިޔަވާއިރު، ތިބާއަށް އެކިޔެވެނީ އެންމެ މަތިވެރިވެގެންވާ އިލާހުގެ ބަސްފުޅުކަންދެނެގަންނަ ޙާލުގައި ކިޔެވުމާއި އެއަށް ޢަމަލުކުރުމެވެ. ހަމައެއާއެކު، އެކަލާނގެދެކެ ލޯބިވާ މީހުންދެކެ ތިބާ އިޚްލާޞްތެރިކަމާއިއެކު ލޯބިވެ، އިޙްތިރާމްކުރާނެތެވެ. އަދި ﷲ އަށް ކުށްތަންވުމުގެގޮތުން އެހެންމީހުންކޮށްނޫޅޭ ކަންތައްތައް، އެކަލާނގެ ތިބާއަށް ފަސޭޙަކުރައްވާނެތެވެ.
އަދި އެކަލާނގެއަށް ބިރުވެތިވެ، އިޚްލާޞްތެރިކަންމަތީ އަޅުކަންކުރުމަށް ފެންބޮވައިގަތްފައިވާޙާލު ގިނަގިނައިން، ތިބާ އަމިށްލައަށް ނަފްސު ހިސާބުކުރާނެތެވެ. ނަފްސު ހިސާބުކުރުމަކީ ތިބާއަށް ކުރެވޭ ޢަމަލުތަކާމެދު ވިސްނާ، އެއީ ހެޔޮ ނުވަތަ ނުބައި ޢަމަލުތަކެއްތޯ ބަލާ، ފިކުރުކޮށް، ނަފްސު އިސްލާޙުކުރުމެވެ.
ހަމައެއާއެކު، ތިބާއަށް ކިތަންމެ ގިނައިން ޙެޔޮ ޢަމަލުކުރާކަމުގައިވީނަމަވެސް، އެކަލާނގެ ދެއްވާނެ ޢަޒާބަށް ބިރުވެތިވެހުރުމަކީވެސް، ﷲ ޞުބުޙާނަހޫ ވަޠަޢާލާ ތިބާދެކެ ލޯބިފުޅުވެވޮޑިގަންނަވާކަމުގެ ނިޝާނެކެވެ. އެއީ، އޭގެ ސަބަބުން، ހެޔޮ ނިޔަތަކާއިއެކު ހެޔޮ ޢަމަލުތައްކުރުމަށް ހިތްވަރުލިބޭނެތީއެވެ.
" ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ލޯބިވާކަމުގައިވަނީނަމަ. ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން، ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ ގިނަހިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. " سورة اَل إمران : 31
--އިސްލާމީ ތިލަފަތުގެ ދަރުސަކުން