ސަރުކާރުގެ މަޝްރޫޢުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ހަކަތަރި ޕްރޮގްރާމްގެ ދަށުން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމަވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޠާރިޤު ވިދާޅުވީ، މިހާރު ހަކަތަރި ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިގޮތުން މިހާރު ދޮންނަ މެޝިން، އައިސްއަލަމާރި އަދި އޭސީ ފަދަ ތަކެތި މި ޕްރޮގްރާމްގައި ހިމެނިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ފެން ހޫނުކުރާ ވަސީލަތްތަކާއި، ފެން ޕަމްޕު އަދި ފަންކާ ފަދަ ތަކެތިވެސް ހިމެނުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ބީލަންތަކުގައި ހަކަތަރި ޕްރޮގްރާމްގެ އާލާތްތައް ބޭނުންކުރުމަށް އުސޫލުތަކަށް ބަދަލު ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ޠާރިޤު ފާހަގަކުރެއްވިއެވެ. މި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ކަރަންޓު ޚަރަދު ކުޑަވެ، އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް އެހީތެރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހަމައެހެންމެ، ޕްރައިވެޓް ސެކްޓަރުގައިވެސް ހަކަތަރި ޕްރޮގްރާމް ތަންފީޒުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ހަކަތަ ޚަރަދުކުރުން މަދުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ދިރިއުޅުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.