ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގުނު އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގުނު އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދީފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާ ގުޅިގެން ހިންގުނު އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 

މި އިންޓާންޝިޕް ޕްރޮގްރާމަކީ މި ވުޒާރާއާއި އެމް.އޭ.ސީ.އެލްއާ ދެމެދު 2024 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ އެމް.އޭ.ސީ.އެލްގެ އިދާރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. 

6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި އިންޓާންޝިޕް ޕްރޮގްރާމް ނިމިފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އިންޓާންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު އާތިފް އަދި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ލަމްއާން ވާހަކަފުޅު ދެއްކެވިއެވެ. 

އިންޓާންޝިޕް ފުރިހަމަކުރި 4 ފަރާތުގެ ތެރެއިން 1 ފަރާތަކަށް ވަނީ ދާއިމީ ވަޒީފާ ހަމަޖެހިފައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާޞިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ. އަދި މިފަދަ އެހެނިހެން ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ދަނީ މަސައްކަތް ކުރެވެމުންނެވެ.

މިއަދު އޮންލައިން