އަހުރެމެންގެ ތެރެއިން ގިނަ ބައަކު އަޅުކަން ކުރަން ބޭނުންވުމުން ފުރަތަމަވެސް ބަލަނީ އެކަމެއް ކުރުމުން އެންމެ ގިނަ ޘަވާބު ﷲ ތަޢާލާ ދެއްވަވާނެ އަޅުކަން ހޯދައިގެން އެކަމެއް ކުރުމަށެވެ. އެކަން އެގޮތަށް ނުކުރާކަށްވެސް ނުބުނަމެވެ.
އެހެންކަމާއިއެކުވެސް ކުރިމަތިވާ މައްސަލައެއް އެބައޮވެއެވެ. އެއީ އަޅުކަމެއް ކުރާއިރު އެކަން މިކުރަނީ އެހައިގިނަ ޘަވާބުތައް ލިބިގަންނަން ކަމަށް ހިތުގައި އަޅައިގެން އަޅުކަން ކުރެވޭނަމަ އަބަދުވެސް ހިތުގައި އޮންނާނީ އެކަމެވެ. ނަތީޖާއަކަށްވާނީ ކުރެވޭ އަޅުކަމުގެ ފެންވަރު ދަށްވުމެވެ. ކޮލިޓީދަށްވުމެވެ.
އެކަމަށް އޮތް ޙައްލުވެސް ބުނެލާނަމެވެ. ކުރާ ކޮންމެ އަޅުކަމެއްވެސް މިކުރަނީ ﷲ ތަޢާލާގެ ލޯބިވޮޑިގަތުމާއި ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ހޯދުންކަމަށް ނިޔަތްގަނެގެން އެމަޤްޞަދުގައި ކުރުމެވެ.
މިޘާލަކަށް ބުނާނަމަ ފަތިސްނަމާދުގެ އިހުސުންނަތުގެ ދެރަކްޢަތަކީ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ދެ ރަކްޢަތެވެ. އެ 2 ރަކްޢަތް ކުރަންވީ ދުނިޔެ ފުރި ބަންޑުންވާވަރުގެ ޘަވާބަށް އެދިގެނެއް ނޫނެވެ. މާނައަކީ އެކަން އގޮތަށް ހިތުގައި ބާއްވައިގެނެއް ނޫނެވެ.
ހިތުގައި ބާއްވަންވީ ތިމާ މި 2 ރަކްޢަތް މިކުރަނީ މިދެރަކްޢަތަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި މިހައި މަތިވެރިކަން ބޮޑު 2 ރަކްއަތަށްވުމުން އެ 2 ރަކްޢަތްކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމުގެ ބޭނުމުގައެވެ. މިނިޔަތުގައި ކުރާނަމަ ވީހާ ފުރިހަމައަށް އެ 2 ރަކްއަތްކުރަން ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ. މާފުރިހަމައަށް ކުރެވޭނެއެވެ. ނަތީޖާއަކަށްވާނީ އެންމެ މަތީ ދަރަޖައިން ޘަވާބު ދެއްވެވުމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން