މިއަދުގެ ދުނިޔޭގައި މޯބައިލް ފޯނަކީ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ވެފައިވާ އެއްޗެކެވެ. މުވާޞަލާތުކުރުމާއި، މަޢުލޫމާތު ހޯދުމާއި، މުނިފޫހިފިލުވުމާއި، އަދި ވިޔަފާރިއާއި ތަޢުލީމީ ކަންކަން ބެލެހެއްޓުމަށް މޯބައިލް ފޯނުގެ ބޭނުން ހިފަމުންދެއެވެ. ނަމަވެސް، މި ޓެކްނޮލޮޖީގެ ބޭނުން އިންތިހާއަށް އިތުރުވެފައިވުމުގެ ސަބަބުން، އިންސާނީ ގުޅުންތަކަށް ބުރޫއަރައި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރަމުންދެއެވެ. މިހެންކަމުން، މިޒަމާނުގެ ދިރިއުޅުމުގައި މޯބައިލް ފޯނުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، އޭގެ ބޭނުންކުރުމާއި ނުކުރުމުގެ ދެމެދު ރަނގަޅު ވަޒަނެއް ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، ފޯނުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއެކު، އަމިއްލަ ނަފުސަށާއި އާއިލާއަށް ވަގުތު ދިނުމަކީ އުފާވެރި އަދި ފުރިހަމަ ދިރިއުޅުމެއް އުޅުމަށް މަގުފަހިވާނެ ކަމެކެވެ. ނަމަވެސް، މި ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ނުހިފުމުގެ ސަބަބުން އާއިލާތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ވަނީ އިތުރުވަމުންނެވެ.
މޯބައިލް ފޯނުގެ ސަބަބުން އާއިލާއަށް ކުރާ އެންމެ ބޮޑު ނޭދެވޭ އަސަރަކީ އާއިލީ ގުޅުން ކެނޑި، މެންބަރުންގެ މެދުގައި އޮންނަ މުޢާމަލާތް މަދުވެގެން ދިއުމެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން ގޮސް މައިންބަފައިންވެސް ފޯނު އަބަދު އަތަށް ލައިގެން އުޅުމުން، އެކަކު އަނެކަކާ ވާހަކަ ދެއްކުމަށް ވަގުތު ނުލިބި، އާއިލީ ބައްދަލުވުންތަކުގެ މުހިންމުކަން ގެއްލި، އެކަކު އަނެކަކަށް އަޅާލުން ކުޑަވެގެންދެއެވެ.
މީގެ އިތުރުން، މޯބައިލް ފޯނުގެ ބޭނުން ގިނަވުމުގެ ސަބަބުން ކުދިންގެ ތަޢުލީމީ ފެންވަރު ދަށްވެ، އާއިލާގެ މެންބަރުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، އަދި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިސާލަކަށް، ރޭގަނޑު ފޯނު ބޭނުންކުރުމުގެ ސަބަބުން ނިދުމުގެ ވަގުތު މަދުވެ، އޭގެ ސަބަބުން ދުވާލުގެ ވަގުތުގައި ވަރުބަލިކަން އިހުސާސްވެ، މަސައްކަތުގެ ފެންވަރު ދަށްވެގެންދެއެވެ.
ނަމަވެސް، މޯބައިލް ފޯނަކީ އުފާވެރި އާއިލާއެއް ބިނާކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއްވެސް މެއެވެ. އެގޮތުން ދުރުގައި ތިބޭ އާއިލާގެ މެންބަރުންނާ ގުޅުން ބޭއްވުމަށާއި، އާއިލާގެ ހަނދާންތައް ރައްކާކުރުމަށް ފޯނުގެ ބޭނުން ހިފިދާނެއެވެ. އެހެންނަމަވެސް، މި ވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފިނަމަ، އުފާވެރި ދިރިއުޅުން ބަނަވެ، އާއިލާގެ މެދުގައި އޮންނަ ލޯބި ކުޑަވެގެންދާނެއެވެ.
އުފާވެރި އާއިލާއެއް ބިނާކުރުމަށް ފޯނާ ނުލައި ކުރެވިދާނެ މުހިންމު ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި އާއިލީ ބައްދަލުވުންތައް އިންތިޒާމުކުރެވިދާނެއެވެ. އެގޮތުން ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރު އާއިލާގެ ހުރިހާ މެންބަރުން އެއްތަނަކަށް އެއްވެ، ފޯނު ނުބަލައި، އެކަކު އަނެކަކާ ވާހަކަދައްކައި، ކުޅިވަރު ކުޅެ، ކާއެއްޗެހި ކައިގެން ވަގުތު ހޭދަކުރެވިދާނެއެވެ.
އެކުގައި ކުރާ ހަރަކާތްތައް އިތުރުކުރުމަށް އެކުގައި ކުޅިވަރު ކުޅުން، ދަތުރުތައް ދިއުން، ނުވަތަ ގޭތެރޭގެ މަސައްކަތްތައް އެކުގައި ކުރެވިދާނެއެވެ. މިފަދަ ހަރަކާތްތަކުން އާއިލާގެ މެންބަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، އެކަކު އަނެކަކަށް އޯގާތެރިވުން އިތުރުވެގެންދާނެއެވެ.
ހަމައެހެންމެ ކޮންމެ ދުވަހަކު ވަކި ވަގުތެއްގައި އާއިލާގެ މެންބަރުން އެއްވެ، އެދުވަހު ހިނގި ކަންތައްތަކާއި، އުފާވެރި ވަގުތުތަކާއި، ދަތިތަކާ ބެހޭގޮތުން ވާހަކަދެއްކުމުންވެސް އެއޮންނަ ގުޅުން ވަރުގަދަވާނެއެވެ، ކެއުމުގެ ވަގުތުތަކުގައި ހުރިހާ މެންބަރުން އެއްތަނަކަށް އެއްވެ، ފޯނު ބޭނުން ނުކޮށް، އެކުގައި ކައި، ވާހަކަދައްކައި މަޖާކުރެވިދާނެއެވެ.
މީގެއިތުރުން މައިންބަފައިން ކުދިންނަށް ކިޔަވައިދީ، އެކުގައި ފޮތް ކިޔުމަކީ ކުދިންގެ ތަޢުލީމީ ފެންވަރު މަތިކޮށް، އާއިލީ ގުޅުން ވަރުގަދަކުރެވޭނެއެވެ. އަދި އާއިލާގެ ތެރޭގައި ފޯނު ބޭނުންކުރުމާ ބެހޭ ގަވާއިދުތަކެއް އެކުލަވާލައި، އެއަށް ޢަމަލުކުރެވިދާނެއެވެ. މިސާލަކަށް، ކާންއިށީންނަ ވަގުތުގައި ފޯނު ބޭނުން ނުކުރުން ނުވަތަ ރޭގަނޑު ވަކި ގަޑިއަކުން ފަހުން ފޯނު ބޭނުން ނުކުރުމަށް އާއިލާގައި ޤަވައިދެއް ގެންގުޅެވޭނެއެވެ.
ކޮންމެ މެންބަރަކަށްވެސް އަމިއްލަ ވަގުތު ބޭނުންވާނެއެވެ. އެހެންކަމުން، އެކަކު އަނެކަކަށް އަމިއްލަ ވަގުތު ދީ، އެ ވަގުތުގައި އެމީހަކު ބޭނުންވާ ކަމެއް ކުރުމުގެ މިނިވަންކަން ދިނުންވެސް މުހިންމެވެ.
މޯބައިލް ފޯނަކީ ދިރިއުޅުމަށް ވަރަށް ބޭނުންތެރި އެއްޗެއް ނަމަވެސް، އޭގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފިނަމަ އާއިލާގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އެހެންކަމުން، އުފާވެރި އާއިލާއެއް ބިނާކުރުމަށްޓަކައި، ފޯނުގެ ބޭނުން މަދުކޮށް، އެކަކު އަނެކަކާ ބައްދަލުކޮށް ވާހަކަދެއްކުމަށާއި، އެކުގައި ވަގުތު ހޭދަކުރުމަށް އިސްކަންދޭންޖެހެއެވެ. މިގޮތަށް ޢަމަލުކުރުމުން، އާއިލާގެ ގުޅުން ބަދަހިވެ، އުފާވެރި އަދި ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެއެވެ.