އަނބިދަރިންގެ ކިބައިން ހިތްހަމަޖެހުން ލިބެން އެދޭފަދައިން ތިމާއަކީ އަނބިދަރިންނަށް ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތްކުރާ މީހަކަށްވެސް ވާންޖެހޭނެ! މިދުޢާތައް ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
އަނބިދަރިންގެ ކިބައިން ހިތްހަމަޖެހުން ލިބެން އެދޭފަދައިން ތިމާއަކީ އަނބިދަރިންނަށް ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތްކުރާ މީހަކަށްވެސް ވާންޖެހޭނެ! މިދުޢާތައް ކުރައްވާ!

އަނބިދަރިން ދެކެ ލޯބިވާ ކަމަށް ބުނި ނަމަވެސް އަނބިދަރިންނަށް ހެޔޮ ގޮތްތައް މިންވަރު ކުރެއްވެވުމަށް އެދެވޭ މީހުން މަދުވެއްޖެއެވެ. އެމީހުންނަށް ހެޔޮ ރަޙްމަތް ލެއްވެވުމަކީ ތިމާއަށް މުހިންމު ކަމަކަށްނުވާ މީހުންވެސް ވަރަށް ގިނަވެއްޖެއެވެ. 

ސަބަބެއް ކަމަށް ބެލެވެނީ ދުޢާކުރަން ހަނދާންނެތުމެއް ނޫނެވެ. ގުޅުންތައް ކުޑަވެގެން ދިއުމެވެ. އަނބިދަރިންނަށް ކޮންމެ ގޮތެއްވިޔަސް އެންމެ ރަނގަޅުކަމަށް ބެލެވުމެވެ. ތިމާއަށް ރަހްމަތް ލައްވަވައި ތިމާއަށް ސުވަރުގެ ވަދެވިއްޖެނަމަ އެހިސާބުން ފުދުނީ ކަމަށް ބެލެވުމެވެ!  

ނަމަވެސް އެއީ އެގޮތަށް ނިންމައިލެވެން އޮތް ކަމެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ އެމީހެއްގެ އހުލުވެރިން ގޮވައިގެން ސުވަރުގެ ވަނުމަށް މަސައްކަތްކުރުމަށެވެ. ހމަ އެއާއިއެކު މިއާޔަތަށްވެސް ވިސްނާށެވެ!  

23﴾ جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۖ وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ

"(އެއީ) ޢަދްނޭ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި، އެއުރެންގެ ދަރިންކުރެ ޞާލިޙުވި މީހުން ވަންނާނެތެވެ. އަދި އެތާނގެ ހުރިހާ ދޮރަކުން، މަލާއިކަތުން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ."

(އައް ރަޢްދް: 23)  

ލިބެން ބޭނުންވާ ޙަޤީޤީ އުފާވެރިކަމަކީ މިއީ ނޫންހެއްޔެވެ؟  

އަނބިދަރިންނާއިއެކު ސުވަރުގޭގައިވުމަށް ނުވިސްނާ މީހުންނަށް ބުނެލަން އޮތީ ކީރިތި ޤުރްއާނުގެ މާނަ ނުކިޔަނީހެއްޔެވެ؟ އިބްރާހީމްގެފާނު ކުރެއްވެވި ދުޢާތައް ނުފެންނަނީހެއްޔެވެ؟ ކީރިތި ޤުރްއާނުގައި އެދުޢާތައް ބަޔާންކުރައްވަވާފައިވާ ސަބަބު ނުއެނގެނީ ހެއްޔެވެ؟  

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ 

"އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމް ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލު ކުރައްވާނދޭވެ!"

(އިބްރާހީމް: 40) 

﴿74﴾ وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

"އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!"

(އަލް ފުރްޤާން: 74)  

އަހުރެމެން ކޮންމެ މީހަކުވެސް މިފަދައިން ދުޢާކުރަންވާނެއެވެ. އަނބިދަރިންގެ ކިބައިން ހިތްހަމަޖެހުން ދެއްވެވުން އެދިގެން ދުޢާނުކުރެވޭނަމަ އެއީ މައްސަލައެކެވެ. ހަމަ އެއާއިއެކު ތިމާއަކީ އަނބިދަރިންނަށް ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތްކުރާ މީހަކަށްވެސް ވާންޖެހޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން