ބައިވެރިއަކަށް ތިބާ އެދުނު މީހާ ނޫން މީހަކު ދެއްވެވުމަކީ ލައްވަވާ ރަހްމަތެއް! ނަމަނަމަ މާޔޫސް ނުވާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބައިވެރިއަކަށް ތިބާ އެދުނު މީހާ ނޫން މީހަކު ދެއްވެވުމަކީ ލައްވަވާ ރަހްމަތެއް! ނަމަނަމަ މާޔޫސް ނުވާތި!

ޙަޔާތުގެ ބައިވެރިއަކަށް ތިމާ އެދޭ މީހާ ނޫން މީހަކު ދެއްވަވައިފިނަމަ ގިނަ ބައަކު ކަންބޮޑުވެއެވެ. މާޔޫސްވެއެވެ. ދިރިއުޅުންމަތިން ފޫހިވެސް ވެއެވެ. 

ބުނަންހެއްޔެވެ؟ ތިބާ އެދުނު މީހާ ނޫން މީހަކު ދެއްވަވައިފިނަމަ އެއީ ތިބާއަށް ﷲ ތަޢާލާ ލެއްވެވި ރަޙްމަތެވެ. އަދި ލިބުނު މީހާއަކީ ވިޔާނުދާ ނުވަތަ އަނިޔާވެރިމީހަކަށް ވެއްޖެނަމަ އެއީވެސް ލައްވަވާ ރަޙްމަތެކެވެ.  

އެކަން ރަޙްމަތަކަށްވާނީ އެކަމުން ޢިބްރަތް ޙާޞިލުކުރުމުންނެވެ. ލިބުނު ފިލާވަޅުގެ ބޭނުން ހިފުމުންނެވެ. އެމީހާއާއި ވަކިވެ ދެވަނަ ޙަޔާތެއް ފަށައި އުފާވެރިކަން ހޯދަން މަސައްކަތްކުރުމުންނެވެ.  

އަދިވެސް ވިސްނާށެވެ! މިފަދަ ޙާލަތުތައް މެދުވެރިކުރައްވަވަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ ވަޤުތު ގިނަކުރުމަށް ފުރުޞަތު ދެއްވެވުމަށެވެ. ނިކަމެތިވެ ދުޢާކުރުން ގިނަގިނަކުރުމަށެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރަންޖެހޭ ކަންކަން ކުރުން ގިނަކުރުމަށެވެ. އެކަންކަމުގެ ސަބަބުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެއިން މަތީ ދަރަޖަ ދެއްވެވުމަށެވެ.  

އަދިވެސް އެއްވާހަކަ އެބަ އޮތެވެ! ތިބާ އެދުނު މީހާ ނުދެއްވެވީ އޭނާގެ ސަބަބުން ތިބާއަށް ލިބެން ދެރަ މާބޮޑުވާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީކަން ޔަޤީންކުރާށެވެ! މިކަންކަމަށް ވިސްނައި ޢަމަލުކުރާމީހަކަށް ދުނިޔޭގައިވެސް އަދި ޤިޔާމަތްދުވަހުވެސް އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން