ދެމަފިރިންގެ މެދުގަ މައްސަލަ ޖެހޭނެ ފަދަ ކަންކަންކުރާ މީހުން ގާތްކުރުމެއް ނެތް! އެފަދަ ކަންކަން ކުރާނަމަ ކިތަންމެ ގާތް މީހަކުނަމަވެސް ދުރުގަ ބެހެއްޓުން ހުއްދަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދެމަފިރިންގެ މެދުގަ މައްސަލަ ޖެހޭނެ ފަދަ ކަންކަންކުރާ މީހުން ގާތްކުރުމެއް ނެތް! އެފަދަ ކަންކަން ކުރާނަމަ ކިތަންމެ ގާތް މީހަކުނަމަވެސް ދުރުގަ ބެހެއްޓުން ހުއްދަ!

އަޅުގަނޑުމެން ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދުވަނީ ވަރަށް ގާތް މީހުންނެވެ! އެއިގެ ތެރޭގައި ޢާއިލާގެ މީހުންވެސް ހިމެނެއެވެ! އެމީހުންނާ ދުރުވުން ހުއްދަތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެއެވެ. އިން ޝާ ﷲ  

މީހަކު ތިބާގެ ދިރިއުޅުމަށް ހުރަސްއަޅަން މަސައްކަތްކުރީއެވެ. ދެމަފިރިންގެ ދޭތެރެއަށް ވަދެ ދުރުކުރަން މަސައްކަތްކުރީއެވެ. އޭނާއަށްވެސް މާފުކުރާށެވެ. ނަމަވެސް އޭނާ ބަހައްޓަންޖެހޭނީ އެފަދަ ކަމެއް އަލުން ކުރުމުގެ ފުރުޞަތު ނުލިބޭނެ ހިސާބުގައެވެ. އެއަށްވުރެ ކައިރިކޮށްގެން ނުވާނެއެވެ. މިއީ ޢަމަލުކުރަން ޙަދީޘްފުޅުތަކުން އެނގެން އޮތް ގޮތެވެ.   

އެހެނީ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިދާނެ ކޮންމެ ކަމަކުން ސަލާމަތްވެ ތިބުމަކީ މުސްލިމުން ކުރަންޖެހޭނެ އެންމެ މުހިންމު އެއް ކަންތަކެވެ. އޭނާ ދުރުކޮށްފައި ބެހެއްޓުން ދީނުގައި ހުއްދައެވެ. އެހެންކަމާއިއެކުވެސް ހަތުރަކަށް ނުހަދާށެވެ. އެކުވެރިކަން ބޭއްވުމުން ތިމާއަށް ގެއްލުން ނުވާނެ ހިސާބުން އެކުވެރިކަން ބާއްވާށެވެ. ބައްދަލުވުމުން ހިނިތުންވެލައި ސަލާމްކޮށް ހެޔޮދުޢާކުރާށެވެ.  

ވީމާ މިދަރުސްގެ ތެރެއިން ކުރިން މިބަޔާންކުރި ކަންކަމަށް ވަރަށްބޮޑަށް ސަމާލުކަން ދޭންވާނެއެވެ. އެއީ މުއްމިނެއްގެ ގައަށް އެއްހޮރަކުން ދެފަހަރަށް ކަށިޖެހިގެން ނުވާނެކަމަށް ބަޔާންކުރި ޙަދީޘްފުޅުގައި އޮތުމުންނެވެ. އެ ޙަދީޘްފުޅަށް ޢަމަލުކުރުމަކީ އޭނާގެ ކިބައިން ތިބާގެ ދިރިއުޅުމަށް ހުރަސްއެޅޭނެ އެއްވެސް ފުރުޞަތެއް އިތުރަށް ނުދިނުމެވެ. އެއީ އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް މެއެވެ. މުސްކުޅިއަކަސް ޒުވާނަކަށްވިޔަސް އަދި ޢާއިލާގެ މީހަކުނަމަވެސް މިކަމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.  

ހަމައެއާއިއެކު ފާހަގަކުރަންޖެހޭ އެއްކަމަކީ ދެމީހެއްގެ ދިރިއުޅުމުގެ ތެރެއަށް ވަނުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެއްކަމެވެ. އެކަން ފާފައަކަށްވެގެންދަނީ ދެމަފިރިއެއްގެ ދެމެދަށްވަދެގަނެ ދިރިއުޅުން ހަލާކުކޮށްލުމަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާކަމުގައިވާތީއެވެ. އެކަކަށް ވަރަށް ދެރަ ނިކަމެތި ގޮތްތައް މެދުވެރިވާ ކަމަކަށްވާތީއެވެ. ދަރިންތަކެއް ނިކަމެތިވެގެންދާ ކަމަކަށްވާތީއެވެ.   

ދިރިއުޅުމުގެ ތެރެއަށް ވަނުމުގެ މާނަވެސް ދަސްކުރާށެވެ. އެއިގެތެރޭގައި ދެމަފިރިންގެ މެދުގައި ފިތުނަ އުފެދޭނެ، މައްސަލަ ޖެހޭނެ ފަދަ ވާހަކަތައް ދެއްކުންވެސް ހިމެނެއެވެ. ގިނަ ބއަކަށް އެންމެ ގިނައިން ކުރެވޭ އެއްކުށަކީވެސް އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން