ދިންނަވާނީ ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވި މީހެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދިންނަވާނީ ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވި މީހެކެވެ!

ތިމާ މިހުރީ ﷲ ތަޢާލާއަށް ބޯލަނބައި ކިޔަމަންތެރިވެގެން ކަމަށް ބުނަމުން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިނުވާނަމަ އެމީހަކުވާނީ ގެއްލެނިވެގެން ދިއަ މީހަކު ކަމުގައެވެ. 

ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށް ދެކަމެއް ކުރަންޖެހެއެވެ. އެއީ ކުރުމަށް އަންގަވާފައިވާ ހުރިހާ ކަމެއް ކުރުމާއި ނުކުރަން އަންގަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ. މިދެބައި ފުރިހަމަނުވެ ކިޔަމަންތެރިއަކަށް ނުވެވޭނެއެވެ. 

އަހަރެމެންނަށް އޮތީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ޢަމަލުކުރަން މަސައްކަތްކުރުމެވެ. އެކަންކުރެވޭނީ ކީރިތި ޤުރްއާނަށް ޢަމަލުކޮށްގެންނެވެ. ރަސޫލް  ގެ ސުންނަތަށް ތަބަޢަވެގެންނެވެ. 

ﷲ ގެ އަމުރުފުޅަށް ﷲ ފިޔަވައި އެހެން ހުރިހާ އެއްޗެއް ނެތިފަނާވެގެންދާނެއެވެ. މަލާއިކަތް ބޭކަލުންނާއި އުޑުތައްވެސް ހިމެނޭ ގޮތުންނެވެ. އެއަށްފަހު ވުޖޫދުވާނީ ﷲ ތަޢާލާ ވުޖޫދު ކުރެއްވެވި އެއްޗެކެވެ. ވީމާ އެނގި ޔަޤީންވެގެން މިދަނީ ފަނާވުމެއް ނެތި ދިރިދެމިވޮޑިގެންވާ ފަރާތަކީ އަދި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ފަރާތަކީ ހަމައެކަނި ﷲ ތަޢަލާ ކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުން މުޅިދުނިޔޭގެ ވެރިއަކު ކަމުގައި މީހަކު ބަލައިގަތްނަމަވެސް އެއީވެސް ހަމަ ﷲ ތަޢާލާގެ އަޅެކެވެ. ހަމަ އެހެން އިންސާނުންފަދަ އިންސާނެކެވެ. މުޅި ދުނިޔޭގެ ވެރިކަމުގައި ހުރި މީހަކު ބުނިނަމަވެސް، އަމުރުކުރި ނަމަވެސް ﷲ ތަޢާލާގެ ޙުކުމްފުޅުތައް ދޫނުކުރާށެވެ. 

ޤިޔާމަތުގެ މައިދާނުގައި ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާގެ އިޛްނަފުޅާއި ނުލައި އެއްވެސް މީހަކަށް އިސްއުފުލައިވެސް ނުލެވޭނެއެވެ. ތަނަކަށް ބަލައިވެސް ނުލެވޭނެއެވެ. ބަހެއްވެސް ނުބުނެވޭނެއެވެ. ވީމާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރާށެވެ. އެދުވަހު އުފަލުގައި ތިބެވޭނީ ހަމައެކަނި ﷲ ތަޢާލާއަށް ކިޔަމަންތެރިވި އަޅުންނަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން