ހިތްހަމަ ނުޖެހޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ ދެމަފިރިންވެސް މި 2 އާޔަތަށް ވިސްނައިލާ! މައްސަލަ ޙައްލުވެ ސުވަރުގެވެސް ވަދެވޭނެ މަގު- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ހިތްހަމަ ނުޖެހޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ ދެމަފިރިންވެސް މި 2 އާޔަތަށް ވިސްނައިލާ! މައްސަލަ ޙައްލުވެ ސުވަރުގެވެސް ވަދެވޭނެ މަގު- އިން ޝާ ﷲ

"އަހަރެންމީ ރުޅިގަދަ މީހެއް!" ކަމަށް ބުނާ މީހުން އުޅެއެވެ. އެމީހުން އެބުނަނީ އެމީހުން އުފައްދަވާފައިވަނީ ރުޅިގަދަ މީހެއްގެ ގޮތުގައި ދުނިޔޭގައި އުޅެންކަމެވެ. އެއީވާ ހާދަ ގޯސް ވިސްނުމެކެވެ. އެއީ އެއްވެސް މިންވަރެއްގެ ބުރަދަނެއް ހުރި ވާހަކައެއް ނަމަ ރުޅި އަންނަ ހިނދު ރުޅިމަތަކުރުމަށާއި އަދި ރުޅި މަތަކުރުމުންނާއި އަނެކާއަށް މާފުކުރުމުން ދެއްވަޥާނެ މަތިވެރި ޘަވާބުގެ ވާހަކަ ވަޙީކުރައްވަވާފައެއް ނުވާނެއެވެ.

ރުޅިއަކީ އިންސާނާގެ ޙަލާކުކަމުގައި ބުނެވެނީ ރުޅި ކޮންޓްރޯލްނުކުރެވޭ، މީސްތަކުންނަށް މާފުނުކުރާ މީހުންނަށް އެންމެން ނަފްރަތުކުރާތީއެވެ. އެންމެންގެ ނަފްރަތު ލިބުމުގެ ނަތީޖާއެއްގެ ގޮތުން އެމީހަކަށް މިދުނިޔޭގައިވެސް ބޮޑެތި ގެއްލުންތައް ލިބިގެންދާތީއެވެ.

އެއިގެ ތެރޭގައި ޒަވާޖީޙަޔާތުގައި ދެމިނުހުރެވުން، ތެދުވެރިކަމާއިއެކު މަސައްކަތްކޮށްދޭނެ މީހުން ނުލިބުން ފަދަ އެތައް ކަމެއް އެމީހަކަށް ކުރިމަތިވެގެންދާނެއެވެ. ރުޅި ކިތަންމެ ގަދަނަމަވެސް ތަނަވަސްކަން ހުރިނަމަ އެމީހެއްގެ ގާތުގައި ޚާދިމުން ތިބެދާނެއެވެ. ނަމަވެސް ޚާދިމުންގެ ކިބައިން ހެޔޮބަހެއް، ހެޔޮދުޢާއެއް ނުލިބޭނެއެވެ. އިޚްލާޞްތެރިއެއްވެސް ނުވާނެއެވެ.

ސުވަރުގެވަންތަވެރިންގެ ސިފަތައް ބަޔާންކުރައްވަވައި ވަހީކުރައްވަވާފައިވެއެވެ.:

"އަދި އެއުރެންނީ ބޮޑެތިފާފަތަކާއި، ފާޙިޝް ކަންތައްތަކުން ދުރުހެލިވެ ތިބޭމީހުންނެވެ. އަދި އެއުރެންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބައެކެވެ.": (އައްޝޫރާ: 37)

"އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލް ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްޞާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އާލް އިމްރާމް: 134)

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރުޅިއަކީ އިންސާނާގެ އެންމެ ބޮޑު އެއް ދުޝްމިނެވެ. އެންމެ ފަސޭހައިން މީހާ ނަރަކައަށް އެއްލައިލެވޭ އެއް ހަތުރެވެ. އެހެނީ ރުޅި މަތަނުކުރެވިގެންގޮސް މީހުންނަށް ބޮޑެތި ޖިސްމާނީ އަނިޔާތައް އެބަ ކުރެވެއެވެ. މީހުން ޤަތުލުކުރެވެއެވެ. މީހުން ފަޟީޙަތްކުރެވެއެވެ. މީހުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ދެވެއެވެ. އެކަންކަމަށް ޤިޔާމަތް ދުވަހު ބަދަލުދޭންޖެހެއެވެ. ﷲ ތަޢާލާ ޢަޛާބުވެސް ދެއްވަވަތެވެ!

އެމީހެއްގެ ބައިވެރިޔާއަކީ ރުޅިގަދަ މީހެއްނަމަ، ވަޒީފާއަދާކުރަނީ ރުޅިގަދަ މީހެއްގެ ގާތުގައިނަމަ، އަދި އެކުވެރިންގެ ތެރޭގައި ރުޅިގަދަ މީހުން ތިބިނަމަ ﷲ ތަޢާލާގެ މި 2 ޢާޔަތް އެމީހުންނާއި ޙިއްޞާކުރާށެވެ. ރުޅި މަތަކޮށް ސުވަރުގޭގެ އަހުލުވެރިންގެ ސިފަލިބިގަތުމަށް އަހުރެން މިކުރާ އާދޭސްވެސް ޙިއްޞާކުރާށެވެ! ﷲ ތަޢާލާ ހެޔޮ ގޮތްތައް އެމީހުންނަށް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން