ޤިޔާމަތް ދުވަހުގެ ވީވީއައިޕީ ފޭލިގެއަށް ވަނުމަށް ތިބާއަށްވެސް ދަޢުވަތު އެބައޮތް! އޮތީ ދަޢުވަތު ބަލައިގަތުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ޤިޔާމަތް ދުވަހުގެ ވީވީއައިޕީ ފޭލިގެއަށް ވަނުމަށް ތިބާއަށްވެސް ދަޢުވަތު އެބައޮތް! އޮތީ ދަޢުވަތު ބަލައިގަތުން!:  މުފްތީ މެންކް

ﷲ ތަޢާލާ ދެއްވަވާފައި ޢިލްމާއި ވަސީލަތްތައް ބޭނުންކޮށްގެން ދުނިޔޭގައި މިތިބެވޭއިރު އަލިފާނުން ލިބޭ ހޫނުކަން ކުޑަކުރަން މަސައްކަތްކުރެވިދާނެއެވެ. ނަމަވެސް އަލިފާނަކީ ފިނިއެއްޗެއް ކަމަކަށް ނުހެދޭނެއެވެ. އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

ދެން އޮތީ ފެނުގެ ވާހަކައެވެ. ފެނަކީ އެއަށް ހޫނު ނުކުރާހައި ހިނދަކު ހޫނު އެއްޗަކަށްވނުހެދޭނެއެވެ. ވީމާ ފިނީގައި އުޅެން އެދޭ މީހަކު އަލިފާނާއި ކައިރިއެއް ނުވާނެއެވެ. އަދި ފިހި އަނދައިގެން ނުދާނެކަމަށް ބަލައިގެން އަލިފާންގަނޑަކަށް ނުއެރޭނެއެވެ.

ޤިޔާމަތް ދުވަހަކީ ޢަރުޝީގެ ހިޔާވަހިކަން ދެއްވެވި މީހަކަށް ނޫން އެއްވެސް މީހަކަށް އެއްވެސް ހިޔާވަހިކަމެއް ނުލިބޭނެ ދުވަހެވެ. ކޮންމެ ކަމަކާއި ގުޅިގެންވެސް ކަންކަން އިންތިޒާމުކުރާއިރު ތަފާތު ދަރަޖަތަކަށް ކަންކަން އިންތިޒާމުކުރެއެވެ. ފޭލިގެ ޖަހާނަމަވެސް އެކި ދަރަޖަތަކުން ފޭލިގެތައް ޖަހައެވެ.

ޤިޔާމަތް ދުވަހުގެ "ވީވީއައިޕީ ފޭލިގެ"އަކީ ޢަރްޝީގެ ހިޔާވަހިކަމެވެ. އެ ހިޔާވަހިކަން ދެއްވަވާނެ އެކަކީ ރީތި، މީހަކު ޒިނޭ ކުރުމަށް ދައުވަތު ދީ އަދި އެކަމަށް މަގުފަހިވެފައި އޮތުމާއިއެކުގައިވެސް ﷲ ތަޢާލާގެ ކޯފާއަށް ބިރުން ޒިނޭ ކުރުމަށް ނޫނެކެވެ ބުނާ މީހާއެވެ. އެއީ އަންހެނަކު ނަމަވެސް އަދި ފިހިނެއް ކަމުގައިވީނަމަވެސް އެމީހަކަށް ޢަރްޝީގެ ހިޔާވަހިކަން ދެއްވެވުމަކީ ﷲ ތަޢާލާގެ ވަޢުދުފުޅެކެވެ.

ޒިނޭ ކުރުމާއި ފާހިޝް ޢަމަލުތައް ކުރުމަކީ މިހާރު އެންމެ ޢާންމުވެފައިވާ ކަންކަން ކަމަށްވީ ނަމަވެސް އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ! ޤިޔާމަތް ދުވަހު އެންމެ މަތީ ދަރަޖަ، ދުނިޔޭގައި ނަމަ "ވީވީއައިޕީ" ދަރަޖަ ލިބޭނެ އެކަކީ ޒިނޭ ކުރުމަށް ދައުވަތުލިބި އެކަމަށް މަގުފަހިވެފައިވަނިކޮށްވެސް ﷲ ތަޢަލާގެ ކޯފާއަށް ބިރުން ޒިނޭ ނުކުރި މީހާއެވެ. އެއީ އަންހެނެއް ނަމަވެސް އަދި ފިރިހެނެއް ނަމަވެސް މެއެވެ.

ދުނިޔެ ފުރިފައި މިވަނީ ތަފާތު ކުލަތަކުން ޒީނަތްތެރިކޮށް ގިރިޓީކޮށް އޮފް އަރުވާފައިވާ މުންކަރާތްތަކުންނެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމުންނެވެ. ޝައިޠާނާގެ މަޅިތަކުންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވުމުން ﷲ ތަޢާލާގެ ހެޔޮ ރަހްމަތްފުޅު މިންވަރު ކުރައްވަވާ ގޮތް މިކަމުން އެކަނިވެސް އެނގިގެންދެއެވެ. މިމަތިވެރި ދަރަޖަ ޙާޞިލުކުރަން ކޮށްލަން މިޖެހޭ ހަމައެކަނި ކަމަކީ ދާދި ކުޑަވަގުތު ކޮޅެއްގެ ވަގުތީ އުފަލެއް ދޫކޮށްލުމެވެ. އެކަމުގެ އަގު ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެ ދެއްވަވަނީ މީހަކަށް ލިބޭނެ އެންމެ މަތީ ފެންވަރުގައެވެ.

ލިބިގެން އެދަނީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތެވެ. އެހެނީ އެދުވަހު ޢަރްޝީގެ ހިޔާވަހިކަމުން ޖާގަ ލިބިއްޖެ މީހާ ހުންނާނީ އުފަލުން ފޮޅިފައެވެ. އެމީހަކު ހިމެނިގެންދާނީ ސުވަރުގެ ލިބޭ މީހުންގެ ތެރެއިންނެވެ. އެމީހަކަށް އެވަނީ ސުވަރުގެ ކަށަވަރުކުރެވިފައެވެ. މިއަށްވުރެ މަތިވެރި ނިޢްމަތަކީ ކޮބައިހެއްޔެވެ؟ އަހަރެމެން އެންމެން މި ތެޅިފޮޅެމުންދަނީ އެކަމަށް އެދިގެން ނޫން ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޚާއްޞަކޮށް އަންހެން ބޭކަނބަލުންނޭވެ! ތިއަ ކަނބަލުން ހިޖާބް އަޅައި ނިވާވަން ޖެހެނީ މިފަދަ މައްސަލަތައް ހުރުމުންނެވެ. ފާޑުފާޑުގެ ދައުވަތުތައް އަންނާނެތީއެވެ. ހީޖާބް އެޅުމުން މީހުންގެ ފުރައްސާރަވެސް އެބަ ރައްދުވެއެވެ. ބައެއް ޙާލަތްތަކުގައި ވަޒީފާވެސް ނުލިބެއެވެ. ނަމަވެސް އެއީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. ޙިޖާބްއެޅުމުން ދުނިޔޭގައި ކުރިމަތިވާ މައްސަލަތަކަށް ނުބަލާށެވެ! ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވުމުން ﷲ ދެއްވަވާ ނިޢްމަތް މާމަތިވެރިވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން