ރައީސުލްޖުމްހޫރިއްޔާ ރަސްގެތީމު ކައުންސިލްގެ އައު އޮފީސް ހުޅުއްވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރައީސުލްޖުމްހޫރިއްޔާ ރަސްގެތީމު ކައުންސިލްގެ އައު އޮފީސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ.އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން ރ. ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. 

މި އިމާރާތަކީ ކުރީގެ އިމާރާތް ބޭނުންނުކުރެވޭ ހާލަތަށް ދިއުމާ ގުޅިގެން އަލަށް އެޅުނު އިމާރާތެކެވެ.

އައު އިމާރާތުގައި ކައުންސިލަރުންނާއި މުވައްޒަފުންނަށް އެކަށީގެންވާ ޖާގަ ލިބިފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. މިއީ ރަށުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ވަނީ 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އެޅުމަށް ނިންމާފައި ކަމަށެވެ. އޭގެ ތެރެއިން 55 ރަށުގެ އިމާރާތް އެޅުން މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

"ސަރުކާރުގެ މަޤްޞަދަކީ މި ދައުރު ނިމޭއިރު ކައުންސިލްތަކުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯދައިދިނުން," ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން ގިނަ ރަށްރަށުގެ ކައުންސިލްތަކަށް އެކަށީގެންވާ މާޙައުލެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރަސްގެތީމު ކައުންސިލްގެ އައު އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންނާއި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ. މި އިމާރާތް ހުޅުވުމާއެކު ރަށުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން