ށ. އަތޮޅު ކައުންސިލުން ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުމުގެ މަޝްރޫޢު ފަށައިފިއެވެ. މިއީ ޒަމާނީ ދަނޑުވެރިކަން ތަޢާރަފްކޮށް، ރައްޔިތުން ޝައުޤުވެރިކުރުވުމަށް ހިންގާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، 1000 އަކަފޫޓުގެ 2 ގްރީންހައުސް ޤާއިމްކުރުމަށް 450,120 ރުފިޔާ ޚަރަދުކުރާނެއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޕްރައިމް ފާރޓިލައިޒަރސް މޯލްޑިވްސްއާއެވެ.
މި މަޝްރޫޢުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ކާނާއަށް ބޭރަށް ބަރޯސާވާ މިންވަރު ކުޑަވާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން، ޒަމާނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފްވެ، ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރައިގެން ދިއުމަށް މަގުފަހިވާނެކަމަށްވެސް އުއްމީދުކުރެވެއެވެ.
ށ، އަތޮޅު ކައުންސިލުން ބުނީ، މި މަޝްރޫއުގެ ކާމިޔާބީއަށް ބަލައި، މިފަދަ އިތުރު މަޝްރޫއުތައް އެ އަތޮޅުގެ އެހެން ރަށްރަށުގައި ވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
ށ. އަތޮޅު ކައުންސިލުން މި މަޝްރޫޢު ފަށާފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރގައެވެ. އަދި މަޝްރޫޢުގެ މަސައްކަތްތައް ނިމި، ފާމް ހިންގަން ފެށޭނީ މިއަހަރުގެ ތިންވަނަ ކުއާޓަރގައި ކަމަށް ލަފާކުރެވެއެވެ.