ރ. ރަސްގެތީމުގައި އޭޓީއެމް ބެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ރަސްގެތީމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރ. ރަސްގެތީމުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިންއެވެ.
މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބަދުރުއްދީން ހަސަން އެވެ. އަދި ރަސްގެތީމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު ފަޒީން އެވެ.
ރަސްގެތީމުގެ އިތުރުން ރ. ވާދޫގައިވެސް އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިއީ ސަރުކާރުން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މިހާރު ބީއެމްއެލްއިން ވަނީ 90 ރަށެއްގައި 150 އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ. މި އައު އެއްބަސްވުމާއެކު، އިތުރު ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ.
މި ފިޔަވަޅަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޒަމާނީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. މީގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.