ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ ކައުންސިލްތަކުގެ 71 އިންސައްތަ އައު އިމާރާތްތަކަށް ބަދަލުކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރ. އަނގޮޅިތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ގިނަ ކައުންސިލް އިމާރާތްތައް ވީރާނާވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. މި ސަބަބަށްޓަކައި، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ތަނަވަސްކުރުމަށް ރައީސް އިސްކަންދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރައީސްގެ ދަތުރުފުޅުގައި ފާހަގަކުރެވުނީ އެތަންތަނުގެ ހާލަތު ރަނގަޅުކުރުމަކީ މުހިއްމުކަމެއްކަން. އެހެންކަމުން ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކައުންސިލްތަކުގެ 71 އިންސައްތަ މުޅިން އައު ކައުންސިލް ޢިމާރަތްތަކަށް ބަދަލުކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.
ކައުންސިލް އިމާރާތް ތަރައްޤީކުރުމުގެ ދެ މަޝްރޫޢެއް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ފެށުމަށް ވަނީ ރާވާފައެވެ. މި މަޝްރޫޢުތަކުގެ ދަށުން 55 ކައުންސިލް ތަރައްޤީކުރުމަށް 36 މިލިއަން ޑޮލަރު ޚަރަދުކުރެވޭނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މި މަސައްކަތް ކުރާނީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުނިންނެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.