އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުނީއްސުރެ މިހާތަނަށް 700 ދަތުރުކޮށް، 804 މީހުން އުފުލާފައިވާކަމަށް ސިއްޙީ ވުޒާރާއިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދެއްގެ ގޮތުން ފެށި މި ޚިދުމަތަށް ޑޭޝް-8 ބޯޓަކާއި ސީޕްލޭނެއް ޚާއްސަކުރެވިފައިވެއެވެ. އަދި މި ޚިދުމަތް ދިނުމަށް 15 މީހުންގެ ޚާއްސަ ޓީމެއް ވެސް ވަނީ ތަމްރީނުކޮށްފައެވެ.
ކުރިން ބަލިމީހުން އުފުލާފައިވަނީ އިންޑިއާ ސިފައިންގެ އެހީގައާއި މޯލްޑިވިއަންގެ އާންމު ދަތުރުފަތުރުގެ ބޯޓުތަކުގައެވެ. ނަމަވެސް މިހާރު ސަރުކާރުގެ އަމާޒަކީ ޚާއްސަ ބޯޓަކާއެކު ދިވެހިން މި މަސައްކަތުގައި ހަރަކާތްތެރިވުން ކަމަށް ސިއްޙީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުއްލި ޙާލަތްތަކުގައި އަވަސް ފަރުވާ ލިބުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. އަދި މިއީ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްކަންވެސް ފާހަގަކުރެވެއެވެ.