ޑީއެންއާރުން މީހުންގެ މައުލޫމާތު ނަގައިގެން ގިނަ ބައަކު ޕީއެންސީއަށް ވައްދާފައިވާ ކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ސިޔާސީ ބޭފުޅަކު މިއަދުނޫހަށް ވިދާޅުވީ އެދައްކަނީ ދެކޮޅުޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ. އެކަމުގެ ބައެއް ތަފްޞީލްތައްވެސް އޭނާ ދެއްވިއެވެ.
"ޕީއެންސީއަށް މެންބަރުން އިތުރުކުރަން މަސައްކަތްކުރިއިރު ވަޒީރު، ވަޒީރުގެ ދަށުގައި ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުންގެ ކިބައިންވެސް އެދިވަދައިގަތީ ކޮންމެ މީހަކު 10 ވަރަކަށް ފޯމް ނުވަތަ 15 ވަރަކަށް ފޯމް ފުރަން މަސައްކަތްކުރަން. ކޮންމެ މީހެއްގެ ޢާއިލާއިންވެސް އެހައިކަންހާ ވަރަށް ފޯމް ފުރޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި.
އެގޮތަށް އެދިވަޑައިގަތީމާ އަޅުގަނޑުމެން އެންމެންވެސް އެމަސައްކަތުގަ އުޅުނީ. އެމަސައްކަތްކުރީ. ފޯމުތައް ފުރުމަށްފަހު ފުރިހަމަކުރުމުގެ މަސައްކަތް އެމީހަކު މަސައްކަތްކުރާ ތަނެއްގައި މަސައްކަތަށް ދަތިނުވާ ގޮތަށް ކުރީ.
ހާމަވެގެން އެއުޅޭ 2 ފޮޓޯއިން އެއްފޮޓޯއަކީ އެންމެންގެ ޕިއްޒާ ކެއުމަކަށް ވަޒީރަށްވެސް ދަޢުވަތު އެރުވީމާ ވަޑައިގެންނެވި ދުވަހެއް، ދެވަނަ ފޮޓޯއަކީ ފޯމްތައް ޕީއެންސީ އާ ޙަވާލުކުރި ދުވަހުގެ ފޮޓޯއެއް، އެފޮޓޯތަކަކީ މީހަކު ސިއްރުން ނަގައިގެން އުޅޭ ފޮޓޯތަކެއް ނޫން. ސިޔާސީ 55 ވަރަކަށް ބޭފުޅުން ތިއްބަވާ ގްރޫޕަކަށް ލާފައިވާ އެތައް ސަތޭކަ ފޮޓޯ ތަކަކުން 2 ފޮޓޯއެއް. އެއީ ސިއްރުން ކުރިކަމެއް ނަމަ ކާކުތަ ފޮޓޯ ނަގާފަ އެތައް ބައަކު ތިބޭ ގްރޫޕަކަށްލާނީ؟
"ކޮންމެއަކަސް ޕީއެންސީއިން އެއޮތީ 80، 90 ހާސް ހޯމް ހުށަހަޅާފަ. އެކަމަކު ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒިފުންގެ ފަރާތުން ހުށަހެޅިގައިވާނީ އެންމެ 1700 ވަރަކަށް ފޯމް. ޑީއެންއާރުން މައުލުމާތު ނަގައިގެން ފުރިނަމަ ކީއްވެ 50 ހާސް ފޯމް ނުވަތަ އެއަށްވުރެ ގިނައިންވެސް ހުށަނާޅަންވީ؟
ދެން 2014 ވަނައަހަރުން ފެށިގެން ޑީއެންއާރުގަ ހުރި ޑާޓާތައް ވަގަށް ނަގައިގެން އިންތިޚާބުތަކުގަ އެބަ ބޭނުންކުރާކަން ބައެއް ނޫސްތަކުން ވަނީ ހާމަވެސް ކޮށްފަ! އަދިވެސް ދަންނަވަންތޯ ޕީއެންސީ އިން ހުށަހެޅި ހުރިހާ ފޯމުތަކަކުން މައްސަލަ ޖެހިގެން އުޅެނީ އެންމެ 43 ވަރަކަށް ފޯމުގަ. އެމްޑީޕީގެ 42 ފޯމުގަ އެބައޮތް މައްސަލަ ޖެހިފަ. މިވަނީ ކިހިނެއްތަ؟ ފޯމަކާ ގުޅިގެން ޝަކުވާއެއް ހުަށަހަޅާއިރަށް އެއީ ޑީއެންއާރުން ވައްކަންކުރީ ކަމަށްވާނަމަ އެމްޑީޕީން ވައްކަންކޮށްގެން އެއުޅެނީ ކޮންތަނަކުންތަ؟
މިހުރިހާ ކަމަކަށް ބެލީމާ ވަރަށް ރަނގަޅަށް އެނގޭނެ މިއުޅެނީ ބައަކު ވަރަށް ބޮޑަށް މޭކަރައިގެންކަން. ތިމާމެން ފޭލްވެ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނީމާ ގޮތް ހުސްވެގެންކަން."
އޭނާ ވިދާޅުވީ ޕީއެންސީއަށް ގިނަ ބައަކު ވަންނަމުންދަނީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް މަސައްކަތްކުރާތީ އާއި ޒަމާނުންސުރެ ޙައްލުނުކުރެވި ހުރި ގިނަ މައްސަލަތަކެއް ޙައްލުކޮށް ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކުރަން މަސައްކަތްކުރާތީ ކަމަށެވެ. ކުރިއަށް އޮތްތަނުގައި މެންބަރުންގެ ޢަދަދު މިހާރަށްވުރެވެސް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ.
"ކޮން ރައީސެއްތޯ؟ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުތައް ޑޮކިޔުމަންޓްކުރެއްވީ؟ ފުއްދަވައިދެއްވުމުގައި މިހާ ބޮޑު ކާމިޔާބީއެއް މިހާ ކުރު މުއްދަތެއްގައި ހޯއްދެވީ؟ ބަހާ ޢަމަލާ ދިމާވާތަން ފެނުނީމާ ނުރުހޭނީ ކާކުތޯ؟" ވެސް އޭނާ ސުވާލުކުރެއްވިއެވެ.