އަބަދުވެސް ޛިކުރުކުރުންމަތީގަ ހުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އަބަދުވެސް ޛިކުރުކުރުންމަތީގަ ހުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް!

ނަމާދުކޮށް ހެޔޮލަފާ މީހުންގެ ގޮތުގައި އުޅޭ ބައެއް މީހުންނަށްވެސް ހެޔޮބަސްބުނެ ޛިކުރުކުރުން އޮންނަނީ ބޮޑު ކަމަކަށްވެފައެވެ. އެއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއީ ވަރަށް ދެރަކަމެކެވެ. ސަބަބަކީ ހެޔޮބަސް ބުނުމާއި ޛިކުރުކުރުން ގިނަކުރުމަކީ މީޒާން ތިބާގެ ކޮޅަށް ބުރަކޮށްލަން އެންމެ މުހިންމު ޢަމަލުތަކުގެތެރެއިންވާ ކަންކަމެވެ.  

އަބަދަކު ނަމާދެއް ނުކުރެވޭނެއެވެ. ނަމަވެސް އަބަދުވެސް ޛިކުރުކުރުން މަތީގައި ހުރެވިދާނެއެވެ. އެއީ ކުރަންވެސް ވަރަށް ފަސޭހަކަމެކެވެ. މަސައްކަތްކުރަމުންވެސް ހުސްވަޤުތެއް ލިބުމުން ވަޤުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. ހިނދުކޮޅަކަށް ނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްލާށެވެ! ކިތަންމެ ޛިކުރެއް ނަމަވެސް ކިޔައިލާށެވެ! އެއިރުން އެހުރެވެނީ ޛިކުރުކުރުންމަތީގައެވެ. އިން ޝާ ﷲ  

މިކަމަސް ޢަމަލުކުރެއްވުމުގެ ގޮތުން ބައެއް ޞަޙާބީން ދުވާލަކު އެތައް ސަތޭކަފަހަރު އިޚްލާޞް ސޫރަތް ވިދާޅުވެ އުޅުއްވެވިކަންވެސް އެނގެން އެބައޮތެވެ. އެއީ އެއްފަހަރާ ނުވަތަ އެއް ވަޤުތަކު ނޫނެވެ. އެތައްފަހަރެއްގެ މަތިންނެވެ.  

ހިތްމައްޗަށް ގެންނާށެވެ. ހުސްވަޤުތެއް ލިބުމުން އެންމެ މިނިޓަކު އިޚްލާޞް ސޫރަތް ކިޔެވިނަމަވެސް ހައަކަފަހަރު ރިވެތި މަގުން (އަވަސްއަރުވާ ނުލައި) ކިޔެވޭނެއެވެ. އެކަމަށް ސަމާލުކަންދީފިނަމަ ފަސޭހަކަމާއިއެކު ދުވާލަކު 1000 ފަހަރު ނުކިޔެވެންވީ ކީއްވެގެން ހެއްޔެވެ؟  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ހިތުގައި ތަކުރާރުވާނީ ދުލުގައި ތަކުރާރުވާ އެއްޗެކެވެ. އަދި ދުލުގައި ތަކުރާރުވާނީ ހިތުގައި ތަކުރާރުވާ އެއްޗެކެވެ. 

އެ މީހެއްގެ ދުލުގައި ތަކުރާރުވަނީ ލަވަކަމަށް ވަންޏާ، އޭނާގެ ހިތުގައި ތަކުރާރުވާނީ އެ ލަވައެވެ. އަދި އޭނާގެ ހިތުގައި ތަކުރާރުވަނީ ލަވަކަމުގައި ވަންޏާ، އޭނާގެ ދުލުގައި އެ ލަވައެއް ތަކުރާރުވާނެއެވެ.  

ހަމަ އެގޮތަށް، އެ މީހެއްގެ ދުލުގައި ތަކުރާރުވަނީ ޤުރުއާން ކަމުގައި ވަންޏާ، އޭނާގެ ހިތުގައި ވެސް ތަކުރާރުވާނީ ޤުރުއާނެވެ. އަދި އޭނާގެ ހިތުގައި ތަކުރާރުވަނީ ޤުރުއާން ކަމަށް ވަންޏާ، އޭނާގެ ދުލުގައި ވެސް އެ ޤުރުއާން ތަކުރާރުވާނެއެވެ. 

ބުނާން މި އުޅެނީ، އެއްޗެއް އެ މީހަކު ފުރަތަމަ ތަކުރާރުކުރަނީ ދުލުންނޭއެވެ. އޭގެ ސަބަބުން އޭނާގެ ހިތަށް އެ އެއްޗެއް ނެގޭނޭއެވެ. ދެން ހިތުން ތަކުރާރުކުރާން ފަށާނޭއެވެ. އެއާ އެކު، އޭނާގެ ދުލުން ވެސް ދެން ތަކުރާރުވާނީ ހިތުން ތަކުރާރުކުރާ އެއްޗެކޭއެވެ. 

ވުމާއެކު، ހެޔޮ އެއްޗެހި ދުލުން ތަކުރާރުކުރަމާތޯއެވެ! ޒިކުރު ގިނަކުރަމާތޯއެވެ! ޤުރުއާނު ގިނަގަނައިން ކިޔަވަމާތޯއެވެ! ލަވައާއި މިޔުޒިކާއި ބޭކާރު ވާހަކަތަކުން ދުރުވަމާތޯއެވެ! އެހެނީ، ތަކުރާރުކުރި އެއްޗެއް ހިތާއި ދުލުން ތަކުރާރުވޭވޭ ހުންނާނެއެވެ. ހެޔޮ އަޅުންނަކީ އެ މީހެއްގެ ހިތާއި ދުލުން ހެޔޮ އެއްޗެހި ތަކުރާރުވާ މީހުންނެވެ.

 

- ޝައިޚް ޝަފީޢޫ ޢަބްދުﷲ

މިއަދު އޮންލައިން