އަހުރެން ތިބާ އާއި ގުޅުނީ ހިނދުކޮޅަކަށް ނޫނެވެ. މުޅި ޢުމުރަށް އެކުގައި އުޅުމަށެވެ. މުޅި ޙަޔާތުގައިވެސް ތިބާވީ ޙާލެއްގައި ތިބާއާއިއެކުގައި ވުމަށެވެ.
އެކަމަކު ބުނަންހެއްޔެވެ؟ އަހުރެންވެސް ތިބާގެ ކިބައިން ބޭނުންވާ ބައެއް ކަންކަން އެބަހުއްޓެވެ. އެއިގެ ތެރެއިން އެއް ކަމަކީ ކޮންމެ ރެއަކުވެސް ދެމީހުން އެކުގައި ނިދުމާއި ނިދީން ހޭލެވޭއިރުވެސް އަހުރެންގެ ގާތުގައި ތިބާ އޮތުމެވެ.
ދެން އަހުރެން ބޭނުންވާ ކަމަކީ އަހުރެން އެކަނި ނުވަތަ އެކުވެރިންނާއިއެކު ބޭރަށްދާން ނުޖެއްސުމެވެ. ދާންޖެހޭ ތަންތަނަށް އަހުރެން ގެންގޮސްދިނުމެވެ.
ބައިވެރިޔާއެވެ! ލިބޭ އާމްދަނީ މަދުވެގެން އަހުރެން ކަންބޮޑެއް ނުވާނަމެވެ. އެކަމަކު ބުނަންހެއްޔެވެ؟ ގިނައިން ލިބުނަސް މަދުން ލިބުނަސް ހިލޭ އަންހެނުންނަށް ޚަރަދުކުރާނަމަ އަހުރެން ވަރަށް ދެރަވާނެއެވެ. ހިތުގައި ޖެހޭނެއެވެ.
ދެން ބުނެލަން ބޭނުންވަނީ އަހުރެންގެ ކިބައިގައިވެސް އުނި ކަންތައްތަކެއް ހުންނާނެއެވެ. އެއިން ކަމަކީ މައްސަލައަކަށް ހަދަންވާނީ އެކަން ފާހަގަކޮށްދިނުމުން އިޞްލާޙް ނުކުރިނަމައެވެ. ހަމަ އެފަދައިން ތިބާގެ ކިބައިން އަހުރެން ފާހަގަކުރާ ކަންކަންވެސް އިޞްލާޙްކުރަންވާނެއެވެ.
ދެން މިބުނަނީ އެންމެ ބޮޑަށް ބޭނުންވާ ކަންތަކެވެ. މީހުން ދައްކާ އެއްވެސް ވާހަކައަކާއި ގުޅިގެން އަހުރެންގެ މައްޗަށް ޝައްކުނުކުރާށެވެ. އަހުރެންނާއި ސުވާލުކުރާށެވެ! ޖަވާބުދޭނަމެވެ. ﷲ ގަންދީ ހުވާކުރަން ފަސްޖެހޭނެ ހަމަ އެއްވެސް ކަމެއް ނުކުރާނަމެވެ. އަދި ތިބާވެސް ހުންނަންވާނީ އެގޮތުގައެވެ.
މިއީ ހެޔޮލަފާ އަންތބަކު އޭނާގެ ފިރިމީހާއަށް ހުށަހެޅި ކަންކަމެވެ. ވީ ވަޢުދުތަކެވެ. އަދި ފިރިމިހާގެ ކިބައިން އެދުނު ކަންތައްތައްވެސްމެއެވެ. ކޮންމެ ދެމަފިރިއަކުވެސް ނިކަން މިކަންކަމަށް ސަމާލުކަންދީބަލާށެވެ! އުފަލުން ހިތް ފުރޭވަރުގެ ދިރިއުޅުމެއް ލިބޭނެއެވެ. އިން ޝާ ﷲ